ވިލާ ކޮލެޖުގެ މިއަހަރުގެ މެއި މަހު އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެގޮތުން، މެއި އިންޓޭކްއަށް ހުޅުވާފައިވަނީ އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ޓީޗިން (އިސްލާމް، ގުރްއާން، ދިވެހި، އިނގިރޭސި، ސެކަންޑްރީ ބިޒްނަސް ސަބްޖެކްޓްސް، ސެކަންޑަރީ ސައިންސް ސަބްޖެކްޓްސް) އެޑިއުކޭޝަން ޝަރީއާ، ލޯ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމެންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، މާކެޓިން، ހިއުމަން ރިސޯސް، އިންޖިނިއަރިންގް (މެކޭނިކަލް، އިލެކްޓްރިކަލް، މެކަޓްރޯނިކްސް) ރިސާރޗް، ނަރސިންގ، ސައިކޮލޮޖީ، ޕަބްލިކް ހެލްތް އަދި އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިން، ހެލްތް ސާރވިސަސް މެނޭޖްނަންޓް، ޕްރޮޖެކް މެނޭޖްމަންޓް، ހޮސްޕިޓަލިޓީ މެނޭޖްމަންޓް، މާސް ކޮމިއުނިކޭޝަން އަދި ކަލިނަރީ އާރްޓްސް ދާއިރާއިން ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތެވެ.
ވިލާ ކޮލެޖުން ބުނީ 139 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި އިންޓޭކްގައި މާސްޓާސް ފެންވަރުގެ 16 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ސެޓްފިކެޓް ފެންވަރުގެ 9 ކޯހަކާއި، ޑިގްރީ ފެންވަރުގެ 38 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 29 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 16 ކޯހަކާއި ސެޓްފިކެޓް ލެވެލް 2ގެ 1 ކޯސް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވިލާ ކޮލެޖުން ބުނެއެވެ.
ވިލާ ކޮލެޖުން ބުނީ އޭސީސީއޭގެ ނޮލެޖް ލެވެލް، ސްކިލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލްގެ އިތުރުން، އޭސީސީއޭ ކިޔަވާ ދަރިވަރުންނަށް ހާއްސަ، އޭސީސީއޭ އެކްސެލެރޭޓް އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރުކްސް ޔުނިވަރސިޓީގެ ބީއެސްސީ (އޮނާސް) އިން އެޕްލައިޑް އެކައުންޓިން ކޯހަށް ވަނުމުގެ ފުރުސަތު ވެސް ކުރިއަށް އޮތް ޖޫން އިންޓޭކަށް ވަނީ ހުޅުވާލާފަ އެވެ.
މެއި 2023 ގައި ފަށާ ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވާސިޓީ އެއް ކަމަށްވާ، ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓާސް އަދި ފުރަތަމަ ޑިގްރީގެ ކޯސްތައް ހިމެނެ އެވެ.
އަދި މި ކޯސްތަކަކީ ކޮންމެ ކޯހެއްގެ ވެސް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކުގެ އިތުރުން، އިންޑަސްޓްރީތައް ޤަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާ ކުރެވިގެން ހިންގޭ ކޯސްތަކެކެވެ.
ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއުއައި ކެމްޕަހުގެ އިތުރުން ނައިފަރު ކެމްޕަސް، ގަން ކެމްޕަސް، މަހިބަދޫ ކެމްޕަސް، ހިތަދޫ ކެމްޕަސް، އަދި އެ ކޮލެޖުގެ ކުޅުދުއްފުށީ ކެމްޕަހުގައި ވެސް ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ އެޕްރީލް 30 ވާ އަންގާރަ ދުވަހެވެ. ކޯސްތަކުގެ ކިޔެވުން، މެއި މަހުގެ ފަހު ހަފްތާ ތެރޭގައި ފެށޭނެ އެވެ.
ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ މަގްސަދުގައި ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓްއަށް ފީ ދެއްކޭނެ ގޮތް ވަނީ އިންތިޒާމް ކުރެވިފަ އެވެ. އޭގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލާސް ޑިގްރީ ޕްރޮގްރާމްތަކަށް ކިޔެވޭނެ ކަމަށް ވިލާ ކޮލެޖުން މައުލޫމާތުދެ އެވެ.










