ރާއްޖޭގައި އުފެދުނު އެންމެ މޮޅު ވިންގުންގެ ތެރޭގައި ހިމެނޭ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އަލުން އޭނާ އެންމެ ފުރަތަމަ ފުރަތަމަ ޑިވިޝަނުގައި ކުޅުނު ޓީމު ވިކްޓަރީ ސްޕޯޓްސް ކްލަބަށް ވަނީ ބަދަލުވެއްޖެ އެވެ.
ބޮކުރީ، 34، ވަނީ މީގެ ކުރިން 2007-2010 ވިކްޓަރީ އަށް ކުޅެފަ އެވެ. އޭނާ އަލުން ވިކްޓަރީ އަށް ސޮއި މި ކުރީ 13 އަހަރު ފަހުންނެވެ. އެއީ، ވިކްޓަރީ، ދެ ވަނަ ޑިވިޝަނުން އަރައިގަންނަން ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުންނެވެ.
އަލީ ސުޒޭންގެ ކޯޗުކަމުގައި ވިކްޓަރީގައި ވިދާލައި، ގައުމީ ޓީމުން ވެސް ފުރުސަތު ހޯދި ބޮކުރީ ދެން ކުޅެފައިވަނީ، 2011 އާއި 2012 ވަނަ އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށެވެ. ޖެހިގެން އައި ސީޒަނުގައި، 2013 ވަނަ އަހަރު، ވެލީޒާ ޕޮޕޯފްގެ ކޯޗުކަމުގައި ނިއު ރޭޑިއަންޓުން ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ހުރިހާ މުބާރާތެއް ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ކާމިޔާބުކުރި ޓީމުގައި ބޮކުރީ ހިމެނި މޮޅަށް ކުޅުނެވެ. އޭގެ ޖެހިގެން އައި ސީޒަން، 2014 ވަނަ އަހަރު ބޮކުރީ ކުޅުނީ އުފަށް ރަށުގެ ޓީމު، މަހިބަދޫ ސްޕޯޓްސް ކްލަބް ފުަރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވުމުން އެ ޓީމަށެވެ.
އަނެއްކާ ކެރިއަރުގައި ދެ ވަނަ ފަހަރަށް މާޒިޔާ އަށް 2015 ވަނަ އަހަރު ބަދަލުވެ، އެ ޓީމަށް 2017 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް ކުޅުނުއިރު، މާޒިޔާގައި މި ފަހަރު ހޭދަކުރި ތިން އަހަރުގައި ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުުރުގައި ހުންނަން ޖެހުނެވެ. މާޒިޔާ އަށް ފަހު ބޮކުރީ ފުރަތަމަ ޑިވިޝަނުން ނުފެނި ބްރޭކެއް ދިޔަ އެވެ. އޭނާ އެ މުއްދަތުގައި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޅުނެވެ.
އަލުން، ބޮކުރީ, ފުރަތަމަ ޑިވިޝަނުން ފެނުނީ 2020 ވަނަ އަހަރު ވެލެންސިއާ އިންނެވެ. އެއީ ވެލެންސިއާ ދެ ވަނަ ޑިވިޝަނުން ޕްރޮމޯޓް ކޮށްދޭން އެހީވުމަށް ފަހު، ފުރަތަމަ ޑިވިޝަނުގައި އެ ޓީމު އެނބުރި އައި ސީޒަނުގަ އެވެ.
ވިކްޓަރީން އަންނަނީ ދުރާލާ މި އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ޓީމެއް އެކުލަވާލައި، މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން އެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) އެވެ.
ބޮކުރީގެ އިތުރުން ވިކްޓަރީން ވަނީ ފުރަަތަމަ ޑިވިޝަނާއި ގައުމީ ޓީމުގެ ތަޖުރިބާ ހުރި ދެ ކުޅުންތެރިން ކަމަށްވާ ގައުމީ ޓީމުގެ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި މުހައްމަދު އުމެއިރުގެ ސޮއި ވެސް ހޯދައިފަ އެވެ. ދެން، ވިކްޓަރީން ސޮއި ހޯދި ކުޅުންތެރިންނަށް ބަލާއިރު، ވެލެންސިއާ އަށް ކުޅެމުން އައި، ހުސެއިން ފައިސަލް (ފައިޓޯ)، މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުނު އިބްރާހިމް ސިނާހު (ސިނާ) އާއި ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއްގައި ކުޅެފައިވާ ސައްދާމް ހުސެއިން އާއި މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބްގެ ކެޕްޓަން، އަހުމަދު ރިލްވާން (ބެން) އެވެ.













