ރޯމް (މާޗް 13) - އިޓާލިއަން ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު ޔުވެންޓަސް އިން 4-2 އިން ސަމްޑޯރިއާ ބަލިކުރިއިރު، ރަށުންބޭރުގައި ކުޅެ، ސަސުއޯލޯ އިން 4-3 އިން ރޯމާ ބަލިކޮށްފި އެވެ.
ރޯމާ އަށް ރޭގެ މެޗުން މޮޅުވެގެން ތިން ވަނަ އަށް ޖެހިލުމުގެ ފުރުސަތު އޮތްނަމަވެސް ބަލިވުމުން އޮތީ ފަސް ވަނައިގަ އެވެ. ރޭ މުހިންމު މޮޅެއް ހޯދި ޔުވެންޓަސް އޮތީ 26 މެޗުން 38 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. ފަސް ވަނައިގައި އޮތް ރޯމާ އާއި ހަތަރެއްގައި އޮތް އޭސީ މިލާނަށް ވަނީ 47 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ލާޒިއޯގެ އޮތީ 49 ޕޮއިންޓެވެ. ރޯމާ އާއި ލާޒިއޯ 26 މެޗު ކުޅެފައިވާއިރު، މިލާންގެ އެއް މެޗު މަދެވެ.
ޔުވެންޓަސް އިން 11 ވަނަ މިނިޓްގައި ލީޑުނެގީ ފިިލިޕް ކޮސްޓިޗްގެ ކޯނަރަކުން ގްލެއިސަން ބްރެމާ ބޮލުން ޖެހި ގޯލުންނެވެ. މެޗުގެ 26 ވަނަ މިނިޓްގައި ޔުވެންޓަސްގެ ޕްލޭމޭކަރު، ފަބިއޯ މިރޭޓީ ނެގި ހުރަހަކަށް އަރައި، އޭޑްރިއަން ރަބިއޯ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައި، ޔުވެންޓަސްގެ ލީޑުފުޅާކޮށްދީފަ އެވެ.
އެކަމަކު، ދެ މިނިޓް ތެރޭ ގާތްގާތުގައި ދެ ގޯލު ޖަހައި ސަމްޑޯރިއާ އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކޮށްފަ އެވެ. ސަމްޑޯރިއާގެ ފުރަތަމަ ގޯލު 31 ވަނަ މިނިޓްގައި ތޮމާސޯ އައުޖެއްލޯ ކާމިޔާުބުކުރީ އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ. އޭގެ ޖެހިގެން އައި މިނިޓްގައި ފިލިޕް ޔޫރިޗިޗް ވަނީ އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ތިރީ ކަނަށް އަމާޒުކޮށްލައި، ނަތީޖާ ހަަމަހަމަކޮށްދީފަ އެވެ.
ޔުވެންޓަސް މޮޅުވީ ދެ ވަނަ ހާފުގައި އިތުރު ދެ ގޯލު ޖަހައިގެންނެވެ. އެ ގޮތުން އަލުން އެ ޓީމަށް ލީޑުނަގައިދިނީ 64 ވަނަ މިނިޓްގައި ރަބިއޯ އެވެ. ނިކޯލޯ ފަޖިއޯލީ ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ރަބިއޯ ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ. އޭގެ ފަސް މިނިޓް ފަހުން، ލިބުނު ޕެނަލްޓީ އަކުން ޔުވެންޓަސްގެ ޑޫސާން ވްލަހޯވިޗް ޖެހި ބޯޅަ ދަނޑިއަށް އަމާޒުވިއިރު، ޔުވެންޓަސް އިން ތިން ޕޮއިންޓް ކަށަވަރުކުރީ އިތުރު ވަގުތު ގޯލު ޖަހައިގެންނެވެ. މިއީ، ވްލަހޯވިޗް ޖެހި ބޯޅައެއް ސަމްޑޯރިއާ ކީޕަރު މާޓިން ޓާކް އަތުގައި ޖެހި، ދަނޑީގައި ވެސް ޖެހިފައި ނުކުތް ވަގުތު މަޓިއަސް ސޫލޭ ޖެހި ގޯލެކެވެ.
ރޯމާ ދަނޑުގައި 18 މިނިޓް ތެރޭ ސަސުއޯލޯ އިން ދެ ގޯލުގެ ލީޑެއް ނެގިއިރު، މި ދެ ލަނޑު ވެސް ޖެހީ އާމަންޑް ލައުރިއެންޓޭ އެވެ.
ރޯމާ އިން ނިކޮލަ ޒަލީއުސްކީ ޖެހި ގޯލުން އުންމީދެއް ހޯދާފައިވަނިކޮށް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ މަރާޝް ކުމްބޫލާ އަށް ރަތް ކާޑެއް ދެއްކުމުން މެޗުގެ ބޮޑުބައި ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނެވެ. އަދި ޑޮމިނިކޯ ބެރާޑީ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވައްދާލި ޕެނަލްޓީން ސަސުއޯލޯ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ގޯލުގެ ލީޑެއް ނެގި އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ރޯމާގެ ސްޓެފަން އެލް-ޝަރާވީ ވަނީ ގޯލެއް ޖަހައި، އެ ޓީމަށް އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، ރޯމާގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، ސަސުއޯލޯގެ އަންދްރެއާ ޕިނަމޮންޓީ ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ތިން ގޯލުގެ ލީޑެއް އަލުން ނަގައިދީފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ރޯމާގެ ފަހު ލަނޑު ޖެހީ އަނިޔާ އިން ރަނގަޅު، މެޗު ފިޓްނަސް ލެވަލް ރަނގަޅުކުރަން މަސައްކަތް ކުރަމުން އަންނަ މިޑްފީލްޑަރު، ޖިއޮޖީނިއޯ ވައިނަލްޑަމް އެވެ.












