ނޭޕްލްސް (މާޗް 12) - މި ސީޒަނުގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ ޖޯޖިއާގެ ވިންގް، ކްވިޗާ ކްވަރަޝްކޭލިއާގެ މޮޅު ގޯލާ އެކު، 2-0 އިން އެޓަލާންޓާ ބަލިކޮށް ނަޕޯލީން އިޓާލިއަން ލީގުގެ އެއް ވަަނައިގައި 18 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
މި ލީޑާ އެކު ނަޕޯލީ އަށް މި ސީޒަނުގެ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ލިބުމުގެ ފުރުސަތު ބޮޑުވެ، 1990 ވަނަ އަހަރުގެ ފަހުން އިޓަލީގެ ޗެމްޕިއަންކަން ހޯދަން ކުރާ އިންތިޒާރަށް ނިމުން އަތުވާނެ ކަމަށް އެ ޓީމުގެ ސަޕޯޓަރުން ގަބޫލުކުރެ އެވެ.
ރޭގެ މެޗަށް ފަހު ނަޕޯލީގެ ކޯޗު ލޫޝިއާނޯ ސްޕަލެއްޓީ ބުނީ ނަޕޯލީ އަކީ ސަޕޯޓަރުންނާ ގާތް ގުޅުމެއް އޮންނަ ކްލަބެއް ކަމަށާއި އެ ޓީމަށް ކާމިޔާބު ލިބޭނެ ކަމުގެ އުންމީދުގައި ތިބެ، ސަޕޯޓަރުން އެ ދައްކާ ހިތްވަރު ފާހަގަކުރާ ކަމަށެވެ.
ލީގުގެ ދެ ވަނައިގައި އޮތް އިންޓަ މިލާން ބަލިވުމުގެ ފައިދާނަގައި، ނަޕޯލީން ބޮޑު ލީޑެއް ނެގިއިރު، އެ ޓީމަށް ވަނީ 26 މެޗުން 68 ޕޮއިންޓް ލިބިފަ އެވެ. އިންޓަ އިން ވަނީ 26 މެޗުން 50 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަަނައިގައި އޮތް ލާޒިއޯ އަށް ރޭ ބޮލޯނިއާ ބަލިކޮށްގެން ދެ ވަނަ އަށް އެރެން އޮތެވެ.
އެކަމަކު، ބޮލޯނިއާއާ ލަނޑެއް ނުޖެހި އެއްވަރުވެ، ލާޒިއޯ ތިން ވަނައިގައި އޮތީ 26 މެޗުން 49 ޕޮއިންޓާ އެކު އެވެ. ލީގުގެ ހަތަރެއްގައި އޮތް ރޯމާ އާއި ފަހެއްގައި އޮތް އޭސީ މިލާން ކުޅޭ މެޗުތަކުން މޮޅުވެއްޖެނަމަ، މި ހަފްތާގެ މެޗުތައް ނިމޭއިރު ލާޒިއޯ އަށް ވުރެ ކުރިއަށް ޖެހިލާނެ އެވެ.
ނޭޕްސްގެ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ނަޕޯލީން ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ނަޕޯލީން ލީޑުނެގި ލަނޑަކީ އިންޑިވިޖުއަލީ ތަފާތު މޮޅު ގޯލެކެވެ. މެޗުގެ 60 ވަނަ މިނިޓްގައި އޭރިއާބޭރުން ކްވަރަޝްކޭލިއާ އަށް ލިބުނު ބޯޅަ ހިފައިގެން އެކަނި މާ އެކަނި އޭރިއާތެރެއަށް ވަދެ އެޓަލަންޓާ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު، ވަނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ، މި ފަހަރު ލީގުގައި ކްވަރަޝްކޭލިއާ ޖެހި 11 ވަނަ ގޯލެވެ.
ނަޕޯލީން ލީޑުފުޅާކުރީ މެޗުގެ 77 ވަނަ މިނިޓްގައި އާމިރް ރަހްމާނީ ޖެހި ގޯލުންނެވެ. ރަހްމާނީ މި ލަނޑު ޖެހީ އެލްޔިފް އެލްމާސް ނެގި ކޯނަރަކަށް ފުންމައިގެން އަރައި، ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ.












