މިދިޔަ ބުދަ ދުވަހު ޓްވިޓާއަށް ދިމާވި ޓެކްނިކަލް މައްސަލައަށް ހަފްތާއެއް ނުވަނީސް އަނެއްކާވެސް އެ ޕްލެޓްފޯމްއަށް ޓެކްނިކަލް ބުރޫއެއް އަރައިފި އެވެ.
އިއްޔެ ދިމާވި މައްސަލައެއްގެ ސަބަބުން ޓްވިޓާ ބޭނުންކުރާ ފަރާތްތަކަށް ވަނީ ފޮޓޯ ނުފެންނަ ގޮތްވެ، ލިންކްތަކަށް ފިތާލުމުން އެރޯ މެސެޖެއް އަރާފަ އެވެ. މީގެ އިތުރުން ބައެއް މީހުން ވަނީ އެކައުންޓްއަށް ލޮގިން ނުވެވުނު ކަމަށް ރިޕޯޓްކޮށްފަ އެވެ. މިއީ އިލޯން މަސްކް އެ ކުންފުންޏާ ހަވާލުވި ފަހުން ޓްވިޓާ ބޭނުންކުރާ ފަރާތްތަކަށް ދިމާވި އެންމެ ބޮޑު މައްސަލަ އެވެ.
މައްސަލަ ދިމާވާން ފެށުމުން ޓްވިޓާ އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަކީ "އިންޓާނަލް ޗޭންޖް" އެއްގެ ސަބަބުން ދިމާވި މައްސަލަތަކެއް ކަމަށެވެ. އަދި އޭގެ ބައި ގަޑި އިރެއް ފަހުން ޓްވިޓާ އިން ވަނީ މައްސަލަ ހައްލުކުރެވިފައިވާ ކަމަށް ބުނެ ޓްވީޓެއްކޮށްފަ އެވެ.
މައްސަލައާއި ގުޅޭ ގޮތުން ޓްވިޓާގެ ސީއީއޯ އިލޯން މަސްކް ކުރި ޓްވީޓެއްގައި ބުނެފައިވަނީ "ޓްވިޓާ އަކީ ވަރަށް ނާޒުކު ޕްލެޓްފޯމް އެއް" ކަމަށާއި ވަރަށް އަވަހަށް މިކަން ހައްލުވެގެން ދާނެ ކަމަށެވެ.
ޓެކްނިކަލް މައްސަލަތައް ރިޕޯޓްކުރާ ޕްލެޓްފޯމެއް ކަމަށްވާ "ޑައުންޑިޓެކްޓާ" އިން ވަނީ 10,000 އަށް ވުރެ ގިނަ މީހުންނަށް މި މައްސަލަ ދިމާވެފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.
ބައެއް ތަޖުރިބާރާކާރުން ވަނީ އިލޯން މަސްކް ޓްވިޓާ ހިންގުމާއި ހަވާލުވީ ފަހުން އެ ޕްލެޓްފޯމްއަށް ގިނަ ޓެކްނިކަލް މައްސަލަތަކެއް ދިމާވާކަން ފާހަގަކޮށްފަ އެވެ. އެގޮތުން އެއް މަސް ތެރޭ ހަ ވަރަކަށް ބޮޑެތި މައްސަލަޖެހޭ ކަމާއި، މިއީ ކުރިން އަހަރެއްހާ ދުވަސް ތެރޭ ނުޖެހޭ ވަރުގެ މައްސަލަތައްކަން އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ.
އިލޯން މަސްކް ޓްވިޓާ އާއި ހަވާލުވީ ފަހުން ވަނީ އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށްފަ އެވެ. މީގެ ތެރޭ ޓްވިޓާ އިންޖިނިއަރުންގެ ތިންބައިކުޅަ ދެބައި ހިމެނެ އެވެ. މިފަދަ ގިނަ ބަޔަކު ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން އެ ޕްލެޓްފޯމް އޮތީ "ހަލާކުވާ ހާލުގައި" ކަމަށް ޓްވިޓާ އިންޖިނިއަރުން ވެސް ވަނީ ބުނެފަ އެވެ.
އަދި މިއީ ޓެސްޓްނުކޮށް، ވަގުތުން ޕްލެޓްފޯމްއަށް ބަދަލުގެނައުމުން ދިމާވާ މައްސަލަތަކެއް ކަމަށް އެފަރާތަކުން ބުނެ އެވެ.
ޓްވިޓާގައި 230 މިލިއަނަށް ވުރެ ގިނަ ޔޫޒާސް ހިމެނޭ އިރު، މިދިޔަ މަހު ދިމާވި މައްސަލައަކުން ޓްވިޓާ ބޭނުންކުރާ ފަރާތްތަކަށް ވަނީ ޓްވީޓް ނުކުރެވޭ ގޮތްވެފަ އެވެ. އަދި މިދިޔަ ހަފްތާގެ ބުދަ ދުވަހު ޓްވިޓާ ބޭނުންކުރާ ފަރާތްތައް ޕްލެޓްފޯމް އަށް ވަނުމާއެކު "ވެލްކަމް ޓު ޓްވިޓާ" މެސެޖެއް ފިޔަވާ އިތުރު އެއްވެސް ކޮންޓެންޓެއް ނުފެންނަ ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ.








