ހިތްހަމަނުޖެހުން ހުއްޓަސް އެމްއާރުއެމްއިން މަޑުން ތިބީ ވެރިކަންކުރަން ޖާގަ ދޭން

އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން "އަދަދު" ނޫހަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން "އަދަދު" ނޫހަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މީގެ 15 އަހަރު ކުރިން، ރައީސް މައުމޫން އަބްދުލްގައްޔޫމަކީ އޭރު ރާއްޖޭގެ އެންމެ ތާއީދު ބޮޑު އެއް ސިޔާސީ ޝަހްސިއްޔަތެވެ. ޑީއާރުޕީ އަދި ޕީޕީއެމްގައި ވެސް ކުރެވުނު ހިތި ތަޖުރިބާތަކަށް ފަހު، އެމްއާރުއެމް ނަމުގައި ޕާޓީއެއް އުފެއްދީ 2019 ވަނަ އަހަރުގަ އެވެ.

ނަމަވެސް ޑީއާރުޕީއާއި ޕީޕީއެމާ ހިލާފަށް، މައުމޫން އިސްވެ އުފެއްދެވި ތިންވަނަ ޕާޓީ އެމްއާރުއެމް ފެނުނީ ވަރަށް ބަލިކަށިކޮށެވެ. ޕާޓީ އުފެއްދިތާ ފަސް އަހަރު ވެގެންދާއިރު މާ ގިނަ ހަރަކާތެއް ނެތެވެ. ސިޔާސީ ޕާޓީއަކަށް މަދުވެގެން ބޭނުންވާ ގާނޫނީ އަދަދު 3،000 މެންބަރުން ހަމަނުވެ، އެ ކަމުން އަރައިނުގަނެވިގެންނެވެ.

އެމްއާރުއެމް ހިންގެވުމުގައި އިސްކޮށް ހުންނެވި ޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވީ ގިނަ ފަހަރު މެންބަރުން ހަމަނުވެގެން ބަލާއިރު ވެފައި އޮންނަ ކަމަކީ ޕާޓީއަށް އިހުލާސްތެރި ސަޕޯޓަރުން ވެސް އެ މީހުންގެ އެނގުމަކާ ނުލައި އެހެން ޕާޓީއަކަށް ވައްދާފައި އޮތުމެވެ.

"..ދެން އަޅުގަނޑުމެން އަނެއްކާ ވެސް އެ މެންބަރުން އަލުން ޕާޓީއަށް ވައްދާފައި، އަނެއްކާ ވެސް އަދަދު ހަމަކުރަނީ މި،" މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން ފާރިސް "އަދަދު" ނޫހަށް މިދިޔަ ހަފުތާ ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އެމްއާރުއެމް މިދިޔަ ފަސް އަހަރު ވަރަށް ބޮޑަށް ވެސް އަޑު މަޑުކޮށް އަދި ހަރަކާތްތައް މަދުކޮށް ތިބިކަން ފާރިސް ވެސް ގަބޫލުކުރައްވަ އެވެ. އޭގެ ސަބަބެއް ގޮތުގައި އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ކޯލިޝަން ޕާޓްނަރަކަށް ވާތީ، އެމަނިކުފާނަށް ވެރިކަން ކުރުމުގެ ޖާގަ ދިނުމަށެވެ.

"ކޮންމެ ފަހަރަކު ކޮންމެ ކަމެއްގައި، އަޅުގަނޑުމެން ސަރުކާރާ އެއް ވިސްނުމެއްގައި ތިބޭތީއެއް ވެސް ނޫން، ނަމަވެސް ޑިމޮކްރަސީގައި އޮންނަ ކަމެއް އެއީ، ރައްޔިތުން އިންތިހާބު ކުރާ ސަރުކާރަކަށް އިންތިހާބު ކުރެވޭ މުއްދަތަށް ފުރުސަތު ދިނުން، އަދި މިއީ ސަރުކާރުގެ ބައިވެރިއެއް،" ފާރިސް ވިދާޅުވި އެވެ.

ވަރަށް ގިނަ ފަހަރު ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ހިޔާލު ތަފާތުވެގެން ވެސް ރައްޔިތުންނާ ހިއްސާނުކޮށް އެމްއާރުއެމް އޮތް ކަން ފާރިސް ވިދާޅުވި އެވެ. އެހެންވިޔަސް، ބަސް ބުނަން ޖެހޭ ކަމަށް ފެންނަ ހާލަތްތަކުގައި ޕާޓީގެ ފަރާތުން ނޫސް ބަޔާން ވެސް ނެރެފައިވާނެ ކަން ވެސް ފާރިސް ފާހަގަ ކުރެއްވި އެވެ.

ކޯލިޝަން ގާނޫނު ނެތުމުގެ ކަންބޮޑުވުން

ރައީސް ސޯލިހުގެ ރިޔާސީ ދައުރުގެ ފަހު އަހަރު އަދި ރިޔާސީ އިންތިހާބުގެ އަހަރަށް ވެފައި އެމްއާރުއެމް ވެސް އޮތީ އިންތިހާބާ ގުޅިގެން ނަގާނެ ސްޓޭންޑް ކަނޑައެޅުމަށް ޓަކައި ޕާޓީގެ އެތެރޭގެ މަޝްވަރާ ކުރުމުގަ އެވެ. ޕާޓީގެ އެތެރޭގައި ސަރުކާރާ މެދު ހިތްހަމަޖެހުންތަކާއި ހިތްހަމަނުޖެހޭ ކަންކަން ވެސް ހުރިކަން ފާރިސް ފާހަގަ ކުރެއްވި އެވެ.

"ވަކި ބޭފުޅަކު ވަކި ކޮޅަކަށް ތިއްބެވީކީއެއް ވެސް ނޫން، ޕާޓީގެ އެކްސްކޯގެ ކޮންމެ ބޭފުޅަކު ވެސް ފާޅުކުރާ ހިޔާލުތަކުގައި ހުރޭ ދެ ކޮޅަށް ވެސް، މިހާރު އޮތް ހާލަތާއި ސަރުކާރުގައި އޮތް ހިތްހަމަޖެހުންތަކާއި ހިތްހަމަނުޖެހުންތައް ވެސް ކޮންމެ ބޭފުޅެއްގެ ވިސްނެވުމުގައި ވެސް އެބަ ހުންނެވި،" ފާރިސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްއާރުއެމްގެ ސްޓޭންޑް ކަނޑައެޅުމުގައި ބަލާނީ ހުރިހާ ރައްޔިތުންގެ މަސްލަހަތު އިސްކޮށް ސިޔާސަތުތަކެއް ހުށަހެޅޭނެ ގޮތެއް ކަމަށް ފާރިސް ވިދާޅުވި އެވެ. އަދި ކޯލިޝަން ހަދަން ބަލާއިރު، އޭގެ އުސޫލުތަކެއް ނުހިފެހެއްޓޭތީ ވެސް ފާރިސްގެ ކަންބޮޑުވުންތައް އެބަ ހުއްޓެވެ.

"ކޯލިޝަން އެއްބަސްވުމެއް ހަދާނަމަ އޭގެ ފުރިހަމަ ތަފްސީލެއް ރައްޔިތުންނަށް ހާމަކުރަން ކަނޑައެޅުން، ކޯލިޝަން ގާނޫނީ ފްރޭމްވޯކެއްގެ ތެރެއަށް ވެއްދުން، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައި ކޯލިޝަން ގާނޫނެއް ވުޖޫދުކޮށްފިނަމަ ރައްޔިތުންނަށް ކޮންމެ ވެސް ވަރެއްގެ ޔަގީންކަމެއް އަންނާނެ،" ކޯލިޝަން ގާނޫނަކީ ސަރުކާރުގެ ވައުދެއްކަން ފާހަގަ ކުރައްވައި ފާރިސް ވިދާޅުވި އެވެ.

ނަމަވެސް ޔާމީންގެ ވެރިކަމުގައި އޮތް ހާލަތު ހަނދާންނެތިގެން ނުދާ ކަން ވެސް އިންޓަވިއުގެ ތެރެއިން ފާރިސް ފާހަގަ ކުރެއްވި އެވެ. އޭރު ސިޔާސީ ޕާޓީތައް ހިންގުމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ރައީސް ސޯލިހާއެކު، ކުޑަމިނުން އެ ހާލަތު ރަނގަޅުވެފައިވާ ކަން ވެސް ފާރިސް ފާހަގަ ކުރެއްވި އެވެ.

"މިއީ ވަރަށް މުހިންމު ފުރުސަތެއް ރައްޔިތުން ވިސްނާލަން، ކެންޑިޑޭޓެއްގެ އެޖެންޑާއާއި ސިޔާސަތުތައް، އަދި އެ ކަން ކުރެވޭނެކަމުގެ ކިހައި ޔަގީންކަމެއް އޮތްތޯ ވެސް ބަލަން ޖެހޭނެ ފަހަރެއް، މި ކަންކަމަށް ރައްޔިތުން ވިސްނަންވީ، އަޅުގަނޑުމެން [އެމްއާރުއެމުން] ވެސް ވިސްނާނީ އެ ކަންކަމަށް،" ފާރިސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox