ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އެންޑް ގާލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކްގެ ގައުމުތަކުގައި ގާލްގައިޑް ހަރަކާތް ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ވަކި ފަރުދުންނަށް ދެވޭ އެންމެމަތީ ޝަރަފުގެ އެވޯޑު ރާއްޖޭގެ ޗީފް ގައިޑް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދަށް އަރުވައިފި އެވެ.
ފަޒުނާ އަަށް މިއެވޯޑު އަރުވާފައި ވަނީ ކަސްޓަމްސް ބިލްޑިންގައި އިއްޔެ ބޭއްވި މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނުގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގަ އެވެ.
މިއެވޯޑަކީ ފަޒުނާ ގާލް ގައިޑް ހަރަކާތަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތައް ފާހަގަކޮށް އެކަމުގެ އަގުވަޒަންކޮށް، އޭޝިއާ ޕެސިފިކް ރީޖަނަލް އެވޯޑުގެ އިންޑިވިޖުއަލް ކެޓަގަރީން އެކަމަނާއަށް އަރުވާފައިވާ އެވޯޑެކެވެ. މިއީ މިއެވޯޑް ލިބުނު ފުރަތަަމަ ދިވެއްސެވެ.
ފަޒުނާ އަށް ލިބިވަޑައިގެންނެވި އެވޯޑުގެ އިތުރުން، ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ ކެޓަގަރީން އޭޝިއާ ޕެސިފިކް ރީޖަން އެޕްރިސިއޭޝަން އެވޯޑް ފަސް ފަރާތަކަށް ހަތަރު އޮގަނައިޒޭޝަނަކަށް އިއްޔެ ޖަލްސާގައި ދިނެވެ.
މި ޖަލްސާގައި، ފަސް އަހަރާއި 30 އަހަރާ ދެމެދުގެ މުއްދަތެއްގައި ހިދުމަތްކޮށްދެއްވާފައިވާ، 75 ފަރާތަކަށާއި، މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަންގެ އެޕްރިސިއޭޝަން އެވޯޑު ހާސިލްކުރި ދެ ފަރާތަކަށް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ.














