ކަތުމަންޑޫ، ނޭޕާލް (މާޗް 3) - ނޭޕާލް ގައުމީ ޓީމުގެ ކޯޗަކަށް އިންޑިއާގެ ސުޕަ ލީގާއި އައި ލީގުގައި މަސައްކަތް ކޮށްފައިވާ އިޓަލީގެ ކޯޗު ވިންޗެންޒޯ އަލްބާޓޯ ހަމަޖައްސައިފި އެވެ.
ނޭޕާލްގެ ކޯޗުގެ މަގާމުގައި އެންމެ ފަހުން ހުރި ކުވޭތުގެ އަލް މުތައިރީ ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ޓީމުގެ ކޯޗުގެ މަގާމުން އިސްތިއުފާ ދީފަ އެވެ.
މައްސަލަ ބޮޑު ކޯޗެއްގެ ގޮތުގައި ފާހަަގަކުރެވިފައިވާ އަލް މުތައިރީ ވަނީ 2021 ވަނަ އަހަރު، ރާއްޖޭގައި ހޯސްޓް ކުރި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ނޭޕާލް ގޮވައިގެން ދަތުރުކޮށްފަ އެވެ. ފައިނަލުގައި އިންޑިއާ އަތުން ބަލިވި މެޗަށް ފަހު އަލްމުތައިރީ ވަނީ ނޭޕާލްގެ ފުޓްބޯޅަ ފެޑެރޭޝަން، އަންފާ އަށް ފާޑުކިޔައި މަގާމު ދޫކޮށްލައިފަ އެވެ. އެކަމަކު، އަލުން ނޭޕާލުގެ ކޯޗުކަމާ ހަވާލުވެ، އަލްމުތައިރީ އަށް ކުރިއަށްދާން އުނދަގޫވީ އެ ގައުމުގެ ސީނިއާ ކުޅުންތެރިންނާ ޖެހުނު މައްސަލަތަކެއްގެ ތެރޭގައި ހައްްލެއް ނުލިބި މައްސަލަ ދިގުލައިގޮސްގެންނެވެ.
އާ ކޯޗެއް ހޯދަން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނުން ހުޅުވާލުމުން، 168 ކޯޗަކު އެ ޓީމާ ހަވާލުވާން އެޕްލިކޭޝަން ހުށަހެޅި އެވެ. އޭގެ ތެރެއިން 20 ކޯޗުންގެ ނަން ޝޯޓްލިސްޓުކޮށް، އަންފާގެ ޓެކްނިކަލް ކޮމިޓީން ބޭއްވި މަޝްވަރާތަކަށް ފަހު، އެ ޓީމުގެ ކޯޗަކަށް ގެންނަން ނިންމީ އިންޑިއާގެ އައި ލީގު ޗެމްޕިއަންކަން ހޯދި ގޯކުލަމް ކެރަލާ އާއި ސުޕަ ލީގުގެ ނޯތުއީސްޓް ޔުނައިޓެޑްގެ ކޯޗަކަށް ހުރި ވިންޗެންޒޯ އަލްބާޓޯއާ ޓީމު ހަވާލުކުރާށެވެ.

އަންފާ އިން ވިންޗެންޒޯ އަށް ދީނީ ކިހާ މުއްދަތެއްގެ ކޮންޓްރެކްޓެއްކަން މީޑިއާގައި ހާމަކޮށްފައިނުވެ އެވެ.
ވިންޗެންޒޯގެ ކޯޗުކަމުގައި ގޯކުލަމް ކެރަލާ އިން ވަނީ ޖެހިޖެހިގެން ދެ އަހަރު އައި ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެެވެ. އަދި އޭގެއިން އެއް ފަހަރު ވަނީ ބަލިނުވެ 21 މެޗު ހަމަކޮށްފަ އެވެ. ވިންޗެންޒޯ، 38، ގެ ކޯޗިން ކެރިއަރުގައިވަނީ ބެލީޒް ގައުމީ ޓީމާއި އާރްމީނިއާގެ ޔޫތު ލެވަލް ޓީމުތަކަށް އިރުޝާދުދީފަ އެވެ.
ކްލަބް ލެވަލަށް ބަލާއިރު، ވިންޗެންޒޯ ވަނީ އިންޑިއާގެ އިތުރުން އިންޑޮނީޝިއާ އާއި ގާނާ އަދި ލެޓްވިއާގެ ކްލަބްތަކަށް ކޯޗުކޮށްދީފަ އެވެ.
ދުނިޔޭގެ ފުޓްބޯޅައިގައި ނޭޕާލް މި ވަގުތު ރޭންކް ކޮށްފައި އޮތީ 175 ވަނައިގަ އެވެ. ފީފާ ރޭންކިންގައި ނޭޕާލް އެންމެ މައްޗަށް ރޭންކްކޮށްފައިވަނީ 1993-1994 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭރު ނޭޕާލް ވަނީ ދުނިޔޭގެ ގަދަ 100 ގައުމު ތެރޭގައި ވެސް ހިމެނިފަ އެވެ. އެ ގޮތުން އެއް ފަހަރު، 78 ވަނައިގައި ވެސް އޮތެވެ.
ވިންޗެންޒޯގެ ކޯޗުކަމުގައި ނޭޕާލުން ކުރިމަތިލާނެ ފުރަތަމަ މުބާރާތަކީ އަންނަ ޖޫން މަހު އިންޑިއާގައި ކުރިއަށްގެންދަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް އެވެ. ވިންޗެންޒޯ ވަނީ 2021 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ގޯކުލަމް ކެރަލާގެ ކޯޗެއްގެ ގޮތުގައި ހުރެ، ދެކުނު އޭޝިއާގެ ގައުމުތަކުގެ ކްލަބްތަކާ ދެކޮޅަށް ނުކުމެފަ އެވެ. އެ ގޮތުން، އެ ފަހަރު ވިންޗެންޒޯ އިރުޝާދުދިން ގޯކުލަމް އިން ވަނީ އޭޓީކޭ މޯހަން ބަގާން އަތުން މޮޅުވެފަ އެވެ. އެކަމަކު، ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އާއި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ވަނީ ބަލިވެފަ އެވެ.












