ޔޫކްރެއިންގައި ސުލްހަ ގާއިމްކުރުމަށް "ވަރަށް ޝައުގުވެރިވާ" ކަމަށް ޗައިނާ އާއި ބެލަރޫސްގެ ލީޑަރުން ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ބެލަރޫސްގެ ލީޑަރު އެލެގްޒެންޑާ ލުކަޝެންކޯ ބުދަ ދުވަހު ބައްދަލުކުރެއްވީ ބެއިޖިންގަ އެވެ.
ލުކަޝެންކޯ ވިދާޅުވީ ހަނގުރާމަ ނިމުމަކަށް ގެންނަން ޗައިނާއިން ހުށަހެޅި ޕްލޭނަށް ބެލަރޫސްގެ "ފުރިހަމަ ތާއީދު" ލިބޭނެ ކަމަށެވެ.
ސުލްހައިގެ މަޝްވަރާތައް ފަށަން ހާއްސަ ޕްލޭނެއް ޗައިނާއިން އާއްމުކުރީ މިދިޔަ ހަފުތާގަ އެވެ. އެ ޕްލޭންގައި ގޮވާލީ ގައުމުތަކުގެ އިސްތިގުލާލަށް އިހްތިރާމް ކުރުމަށެވެ.
ލުކަޝެންކޯ އާއި ޝީ ގުޅިގެން ނެރުނު ބަޔާނުގައި ވިދާޅުވީ ޔޫކްރެއިންގެ ހާލަތާ މެދު "ވަރަށް ކަންބޮޑުވާ" ކަމަށާއި "ވީ އެންމެ އަވަހަކަށް ސުލްހަ ގެންނަން ޝައުގުވެރިވާ" ކަމަށެވެ.
ޗައިނާގެ ޕްލޭނަށް ރަޝިއާއިން ވެސް ތާއީދުކުރެ އެވެ. އެހެން ނަމަވެސް ހުޅަނގުގެ ގައުމުތަކުން ވަނީ އެ ޕްލޭނަށް އިތުބާރު ނެތްކަން ހާމަކޮށްފަ އެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވީ އޭގައިވާ ބައެއް ކަންކަމާ އެއްބަސް ކަމަށާއި ޝީ އާ ބައްދަލުކުރަން ބޭނުން ކަމަށެވެ. އެކަމަކު ޗައިނާއިން އެ ދައުވަތާ މެދު ވަކި އެއްޗެއް ނުބުނެ އެވެ.










