ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވާ ހާލަތެއްގައި އެމަނިކުފާނުގެ ރަނިންމޭޓަކަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެ ނަން ހުށަހެޅި ވާހަކަ ގާސިމް ދޮގު ކުރައްވައިފި އެވެ.
މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ރައީސް އޮފީހަށް ކުރެއްވި ޒިޔާރަތަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި އެކި ވާހަކަތައް އަޑުއިވޭނެ ކަމަށާއި ނަޝީދު ރަނިންމޭޓަކަށް ވާން ހުށަހެޅިކަން އެމަނިކުފާނަށް އެނގިފައި ނެތް ކަަމަށެވެ.
"އަޅުގަނޑަކަށް އެކަން އިނގިފަކާއެއް ނެތް، އަދިއެއް ނާދެ އެފަދަ (ނަޝީދު ރަނިން މޭޓަކަށް ގެނައުމުގެ) މަޝްވަރާއެއް ވެސް" ގާސިމް ވިދާޅުވި އެވެ.
ރައީސް ސޯލިހާ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކާ ގުޅިގެން ގާސިމް ވިދާޅުވީ އެއީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން ކުރިއަށްގެންދިޔަ މަޝްވަރާއެއް ކަމަށެވެ. ކޯލިޝަނަކާ އެކު އިންތިހާބަށް ދިޔުމަށް ބޭނުންވާ ކަމަށް ވިދާޅުވެ ރައީސް ސޮއިކުރައްވައި ޖޭޕީއަށް ވަނީ ސިޓީފުޅެއް ފޮނުއްވާފަ އެވެ. އެ ސިޓީފުޅާ ގުޅިގެން އެ ޕާޓީން އަދި ވަކި ގޮތެއް ނިންމާފައި ނުވެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭގޮތުން ނަޝީދާއި ގާސިމްއާ ދެ ބޭފުޅުން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

ގާސިމް މިހެން ވިދާޅުވި ނަމަވެސް އެމަނިކުފާނާއި ނަޝީދު ގެންދަވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ މެދު މަޝްވަރާތަކެއް ކުރައްވަމުން ކަމަށް ދަނީ އަޑު ފެތުރެމުންނެވެ. އަދި، ނިމިގެންދިޔަ ހަފުތާ ބަންދުގައި އޮތް ޖުމްހުރީ ޕާޓީގެ ގައުމީ ކޮންފަރެންސްގެ ފެށުމާއި ނިންމުމުގެ ޖަލްސާގައި ވެސް ނަޝީދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އޭގެ އިތުރުން، ސަރުކާރުގައި އެމްޑީޕީގެ ހިއްސާ ބޮޑުވާ ނަމަ، އެހެން ޕާޓީއެއްގެ ފަހަތަށް އެރުމަކުން އެއްވެސް މައްސަލައެެއް ނެތް ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވެސް ނަޝީދު ވަނީ އިއްޔެ ވާހަކަ ދައްކަވާފަ އެވެ.
އަދި، ގާސިމްގެ ހާއްސަ އެޑްވައިޒުންގެ ތެރޭގައި ހިމެނޭ މަޖިލީހުގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ވެސް ވަނީ އިއްޔެ ނަޝީދާ އިއްޔެ ބައްދަލުކުރައްވާފަ އެވެ.
އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވުމަށް ފަހު ނަޝީދު ވަނީ ރައީސް ސޯލިހުގެ ފަހަތްޕުޅަށް ނާރާނެ ކަމަށް ތަކުރާރު ކޮށް ވިދާޅުވެފަ އެވެ. ނަޝީދު ގަބޫލުކުރައްވާ ގޮތުގައި ރައީސް ސޯލިހާ އެކު އެމްޑީޕީއަށް ވެރިކަން ކާމިޔާބު ނުވާނެ އެވެ.
ރިޔާސީ ޕްރައިމަރީން ބަލިވި ފަހުން ނަޝީދު މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް ހައްދަވައިގެނެވެ. "ފިކުރެއްގެ ދިރުން" ނަމުގައި ޕާޓީއަށް މީހުން ވައްދަމުންދާއިރު އެކި ކަހަލަ ސިޔާސީ ހަރަކާތްތައް ވެސް ދަނީ ބާއްވަމުންނެވެ. އަދި، ނަޝީދު ގެންދަވަނީ ނުރަސްމީކޮށް ސިޔާސީ އެހެން ލީޑަރުންނާ ވެސް މަޝްވަރާ ކުރައްވަމުންނެވެ.
ޖޭޕީން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ކޮންގްރެސްއިން ލަފާ ދީފައިވާއިރު, ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް ސޯލިހާ އެކު ކޯލިޝަން ހެދުމުގެ އުއްމީދު ބޮޑު ކަމަށް ރައީސް ސޯލިހުގެ ފަޅިން ވަނީ ބުނެފަ އެވެ.
ރިޔާސީ އިންތިހާބަށް ނުކުތުމާމެދު ޖުމްހޫރީ ޕާޓީން ބޭއްވި ކޮންގްރެސްގައި ބަހުސް ކޮށްފައިވާއިރު, ބަހުސް ކުރެއްވި ގިނަ މެންބަރުން ތާއިދު ކުރެއްވީ ގާސިމް އިންތިހާބަށް ކުރިމަތިލުމަށެވެ. ނަމަވެސް، ގަރާރު ޗެއާ ކުރެއްވި ޖޭޕީގެ ލީޑަރު ގާސިމް, އެކަމާ ބެހޭގޮތުން ދެކެވަޑައިގަންނަވާ ގޮތެއް ހާމައެއް ނުކުރައްވަ އެވެ.
ގާސިމް އިބްރާހިމް ވަނީ މީގެ ކުރިން 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައިފަ އެވެ. ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކުން ވެސް ތިބީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބާ މެދު ނިންމާ ގޮތެއްގެ އިންތިޒާރުގަ އެވެ.












