ޕެރިސް (މާޗު 1) - ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް އަމާޒުވެފައިވާ ފްރާންސްގެ ފުޓްބޯލް ފެޑަރޭޝަން (އެފްއެފްއެފް)ގެ ރައީސް, ނޮއެލް ލަ ގްރައެޓް އެންމެ ފަހުން އެ މަގާމުން އިސްތިއުފާ ދީފި އެވެ.
ލަ ގްރައެޓް އަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، ފްރާންސްގެ ކުޅިވަރާ ބެހޭ މިނިސްޓްރީން އެފްއެފްއެފްގެ މެނޭޖްމަންޓް ރިޕޯޓެއް އެކުލަވާލުމަށް މި އަހަރުގެ ޖެނުއަރީ މަހު އެންގި ހިސާބުން، ލަ ގްރައެޓް ވަނީ މަގާމުން ޒިންމާތަކާ ދުރަށް ޖެހިލައިފައެވެ.
ލަ ގްރައެޓް، 81، މަގާމުން އިސްތިއުދާ ދިނީ އެ ރިޕޯޓް އާންމުވިތާ 13 ދުވަސް ފަހުންނެވެ. އެ ރިޕޯޓްގައި ވާ ގޮތުން "އަންހެނުންނާމެދު އޭނާ އަމަލުކޮށްފައިވާ ގޮތާއި، އާންމުކޮށް ދައްކާފައިވާ ވާހަކަތަކާއި އެފްއެފްއެފްގެ ހިންގުމުގައި ހުރި މައްސަލަތަކާ ގުޅިގެން،" ލަ ގްރައެޓް އިތުރަށް މަގާމުގައި ދެމިހުރެ، ފްރާންސް ފުޓްބޯޅަ ތަމްސީލުކުރަން ކުފޫ ހަމަނުވާ ކަމަށެވެ.
ލަ ގްރައެޓް މައްޗަށް ކުރެވިފައިވާ ޖިންސީ ފުރައްސާރަ އާއި ނަފްސާނީ ފުރައްސާރައިގެ މައްސަލަތަކުގެ އިތުރުން، އޭނާ އަށް އިތުރަށް ޕްރެޝަރު ބޮޑުވީ މީޑިއާ އިންޓަވިއުއެއްގައި ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް ޒިނެދިން ޒިދާނަށް އިހުތިރާމް ކުޑަކޮށް ވާހަަކަ ދެއްކުމުންނެވެ. އެކަމާ ހެދި ފްރާންސްގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ރުޅިގަނޑު ފަޅައިގެން ގޮސް، ލަ ގްރައެޓް މަގާމުން ވަކިކުރަން ގޮވާ އަޑުތައް ގަދަވާން ފެށި އެވެ.
އެފްއެފްއެފްގެ ރައީސްގެ މަގާމުގައި 2024 ވަނަ އަހަރާ ހަމައަށް އިންތިހާބުވެފައި ހުރި ލަ ގްރައެޓް ޖެނުއަރީ މަހުގެ މަގާމުގެ މައްސޫލިއްޔަތުތަކާ ދުރުވިއިރު، ވަގުތީ ރައީސްއަކަށް ހަމަޖެއްސީ ނައިބު ރައީސް ފިލީޕް ޑިއާލޯއެވެ. ބެލެވޭ ގޮތުގައި އަންނަ އަހަރުގެ ޖޫން މަހު އެފްއެފްއެފްގެ އިންތިހާބު ބޭއްވެންދެން، ވަގުތީ ރައީސްގެ މަގާމުގައި ޑިއާލޯ ދެމިހުންނާނެއެވެ.
އެފްއެފްއެފްގެ ރައީސް މަގާމުން އިސްތިއުފާ ދިން ނަމަވެސް، ޕެރިހުގައި ގާއިމްކޮށްފައިވާ ފީފާގެ އޮފީހުގައި ލަ ގްރައެޓް މަސައްކަތްކުރާނެ އެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މަންދޫބެއްގެ ގޮތުގައި، ޕެރިހުގައި ހުންނަ ފްރާންސްގެ އޮފީހުގެ މަގާމަކަށް ލަ ގްރައެޓް ހަމަޖެއްސީ ޖެނުއަރީ މަހު އެވެ.
ލަ ގްރައެޓް 2011 ވަނަ އަހަރު އެފްއެފްއެފްގެ ރައީސްކަމާ ހަވާލުވިއިރު، 2010 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕްގައި ކުރިމަތިވި ނާކާމިޔާބާއި، އެ މުބާރާތުގެ ތެރޭގައި ޓީމުގެ ތެރޭގައި އުފެދުނު މައްސަލަތަކާހެދި ފްރާންސްގެ ފުޓްބޯޅަ އޮތީ މައްސަލަގަނޑެއްގެ ތެރޭގަ އެވެ. އެކަމަކު، ލަ ގްރެއެޓް ހަވާލުވި ފަހުން، ފްރާންސްގެ ޓީމުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އެގޮތުން 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. -- އޭއެފްޕީ












