ވިކްޓަރީ ސްޕޯޓްސް ކްލަބުން އާ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުނު އިބްރާހިމް ސިނާހު (ސިނާ) އާއި ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއްގައި ކުޅެފައިވާ ސައްދާމް ހުސެއިން އާއި އަހުމަދު ރިލްވާން (ބެން) ސޮއިކޮށްފި އެވެ.
މި ފަހަރު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތާއި އެފްއޭ ކަޕްގައި ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުން ވާދަކުރަން ތައްޔާރުވަމުން އަންނަ ވިކްޓަރީން މި ދުވަސްވަރު ފެންނަނީ ޓީމު ވަރުގަދަކުރުމަށް އެކްޓިވް ކޮށެވެ.
އެ ގޮތުން ވިކްޓަރީން ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ތަޖުރިބާކާރު މިޑްފީލްޑަރު، މުހައްމަދު އުމެއިރު ވެސް ވިކްޓަރީ އަށް ސޮއިކޮށްފަ އެެވެ. ވެލެންސިއާގެ ކޮންޓްރެކްޓްގައި ހުރި ކަމަށް ބުނާ ހުސެއިން ފައިސަލް (ފައިޓޯ) ވެސް ވަނީ ވިކްޓަރީއާ ގުޅިފަ އެވެ. ފައިޓޯ ވަނީ މިދިޔަ ސީޒަނުގައި މުސާރަ ނުދޭތީ ވެލެންސިއާގެ ރިލީސަށް އެދިފަ އެވެ.
ވިކްޓަރީއާ ގުޅުނު ސިނާ، ވަނީ މިދިޔަ ސީޒަނުގައި ސޮބާގެ ކޯޗުކަމުގައި ނިއު އަށް ދެ ވަނަ ޑިވިޝަނުގައި ކުޅެފަ އެވެ. މީގެ ކުރިން ދެ ވަނަ ޑިވިޝަނުގެ އެކި ޓީމުތަކަށް ކުޅެފައިވާ ސިނާ ވަނީ ފުރަތަމަ ޑިވިޝަނުގައި ވެލެންސިއާ ޓީމުގައި ވެސް ސީޒަނެއް ހޭދަކޮށްފަ އެވެ. ސިނާ، ބޮޑަށް ފާހަގަވެފައިވަނީ ގައުމީ ލެވަލްގެ ފުޓްސަލް މުބާރާތްތަކުގައި ކާމިޔާބު ކެޕްޓަނެއްގެ ގޮތުގަ އެވެ.
ޓީސީ ސްޕޯޓްސް ކްލަބްގެ މެދުތެރޭގައި ގިނަ އަހަރުތަކެއް ވަންދެން މޮޅު ކުޅުމެއް ދެއްކި ބެން ވަނީ އެ ޓީމުން ފުރަތަމަ ޑިވިޝަނުގައި ހޯދި ގިނަ ކާމިޔާބީތަކެއްގައި މުހިންމު ރޯލެއް ކުޅެފަ އެވެ. ޓީސީގައި ބެން ދެއްްކި މޮޅު ކުޅުމުގެ ސަބަބުން، ގައުމީ ކޯޗަކަށް ނެދަލެންޑްސްގެ މާޓީން ކޫޕްމަން ހުރިއިރު، ބެން އަށް ވަނީ ސްކޮޑުން ވެސް ފުރުސަތު ދީފަ އެވެ.
ޑިފެންސްގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ސައްދާމް ވަނީ މީގެ ކުރިން ނިއު އާއި ވިކްޓަރީ އަށް ކުޅެފަ އެވެ. އެންމެ ފަހުން ސައްދާމް ފުރަތަމަ ޑިވިޝަނުން ފެނުނީ ނިލަންދޫ ފުޓްބޯޅަ ޓީމު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރިއިރު އެވެ.
ވިކްޓަރީން ދެ ވަނަ ޑިވިޝަނާއި އެފްއޭ ކަޕްގައި ވާދަކުރުމަށް ޕްރީ ސީޒަން އަވަހަށް ފަށަން ނިންމާފައިވާއިރު، ވިކްޓަރީ އަށް 50 އަހަރު ފުރުން ފާހަގަކުރަން ބައިނަލްއަގުވާމީ މުބާރާތެއް ބޭއްވުމުގެ ވިސްނުން ވެސް ގެންގުޅެ އެވެ.












