ފީފާ ބެސްޓް އެވޯޑްސްގަައި ހޮވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ކޮންމެ ގައުމެއްގެ ކެޕްޓަނާއި ކޯޗު އަދި މީޑިއާ އަށް ވޯޓުލާން ލިބޭ ފުރުސަތުގައި ރާއްޖޭގެ ކެޕްޓަންގެ ގޮތުގައި ސަމޫހު އަލީ (ސަމުއްޓޭ)ގެ އެއް ވަނަ ވޯޓު ލިއޮނަލް މެސީ އަށް ދިންއިރު، ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ކީލިއަން އެމްބާޕޭ އަށް އެއް ވަނަ އަށް ވޯޓު ދީފި އެވެ.
ގައުމީ ކެޕްޓަނެއްގެ ގޮތުގައި ސަމޫހު ބެސްޓް އެވޯޑްސްގައި ވޯޓު ދިން ފުރަތަމަ ފަހަރު، މެސީ އަށް އެއް ވަނަ އަށް ދިންއިރު، ދެ ވަނަ އަށް ނޮމިނޭޓްކުރީ އެމްބާޕޭ އެެވެ. އަދި ތިން ވަަަނަ އަށް ކަރީމް ބެންޒެމާ އެވެ.
އެންމެ މޮޅު ކޯޗަށް ސަމޫހުގެ ތަރުތީބަކީ ކާލޯ އަންޗެލޮޓީ، ޕެޕް ގާޑިއޯލާ އަދި ޑިޑިއޭ ޑެޝޯމްޕްސް އެވެ. މޮޅު ކީޕަރު އެވޯޑަށް ސަމޫހު ވޯޓު ދީފައިވަނީ ތިބޯ ކޯޓުއާ އާއި އެމިލިއާނޯ މާޓީނޭޒް އަދި އެޑަސަން މޮރާއެސް އަށެވެ.
މޮރިއޭރޯ އެންމެ މޮޅު ކުޅުންތެރިއަކަށް، އެމްބާޕޭ ހޮވިއިރު، ދެން ވޯޓު ދިނީ މެސީ އާއި އާލިން ބްރައުޓް ހާލަންޑް އަށެެވެ. އެންމެ މޮޅު ކޯޗުންގެ ގޮތުގައި މޮރިއޭރޯ ވޯޓު ދިނީ އަަންޗެލޮޓީ، ގާޑިއޯލާ އަދި ލިއޮނަލް ސްކަލޯނީ އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް މޮރިއޭރޯގެ ތަރުތީބަކީ ކޯޓުއާ، އެލިސަން ބެކާ އަދި ޔާސީން ބޯނޯ އެވެ.
އަންހެން ކެޓަގަރީގައި ރާއްޖޭން ވޯޓު ލާފައިވަނީ އައިމިނަތު ލީޒާ އެވެ. އަދި ކޯޗެއްގެ ގޮތުގައި ވޯޓު ލީ މަރިޔަމް މިރުފަތު އެވެ.
އެ ގޮތުން، ލީޒާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓް ކުރީ އަލެކްސް މޯގަން، އަލެކްސިއާ ޕުޓޭޔާސް އަދި ވެންޑީ ރެނާޑް އެވެ. އެންމެ މޮޅު ކޯޗަކަށް ލީޒާ ވޯޓު ދިނީ ސަރީނާ ވައިގްމަން އާއި ޕީއާ ސުންދްހާގޭ އަދި ސޯނިއާ ބޮމްޕަސްޓޯ އެވެ. އަދި އެންމެ މޮޅު ކީޕަރުންގެ ގޮތުގައި ނޮމިނޭޓްކޮށްފައިވަނީ މެރީ އާޕްސް، މާލް ފްރޯމްސް އަދި އަލީސާ ނާއެހާ އެވެ.
މިރުފަތު ވޯޓު ދީފައިވާ ގޮތަށް ބަލާއިރު، އެއް ވަނަ އަށް ދިނީ އަލެކްސިއާ ޕުޓޭޔާސް އަށެވެ. ދެން ވޯޓު ދީފައިވަނީ ސޭމް ކާ އަދި ވިވިއަން މިއެޑޭމާ އަށެވެ. އެންމެ މޮޅު ކޯޗެއް ހޮވަން މިރުފަތުގެ ތަރުތީބަކީ ސަރީނާ ވައިގްމަން، އެމާ ހޭޔެސް އަދި ސޯނިއާ ބޮމްޕަސްޓޯ އެވެ. އެންމެ މޮޅު ކީޕަރުންގެ ގޮތުގައި މިރުފަތު ނޮމިނޭޓްކޮށްފައިވަނީ މާލް ފްރޯމްސް، މެރީ އާޕްސް އަދި އޭން-ކެޓްރިން ބާގާ އެވެ.
ނޫސްވެރިއެއްގެ ގޮތުގައި ރާއްޖޭން ވޯޓުލާފައިވަނީ ޝިމާޒް އަލީ އެވެ. ޝިމާޒް އެންމެ މޮޅު ކުޅުންތެރިޔާ އަށް އެވޯޑް ދީފައިވަނީ މެސީ، އެމްބާޕޭ އަދި ލޫކަ މޮޑްރިޗް އަށެވެ. މޮޅު ކޯޗުންގެ ގޮތުގައި ޝިމާޒް ވޯޓު ދިނީ އަންޗެލޮޓީ، ގާޑިއޯލާ އަދި ސްކަލޯނީ އަށެވެ. ޝިމާޒް، މޮޅު ކީޕަރުންގެ ތަރުތީބު ކޮށްފައިވަނީ މާޓިނޭޒް، ބޯނޯ އަދި ކޯޓުއާ އެވެ.












