މިއުނިކް (ފެބްރުއަރީ 27) - ޖަރުމަނު ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ކުރިން މަސައްކަތްކުރި ލެޖެންޑަރީ ފޯވާޑް، ޔާގަން ކްލިންސްމަން، ދެކުނު ކޮރެއާ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.
ދެކުނު ކޮރެއާ އަށް އެންމެ ފަހުން އިރުޝާދުދިނީ ޕޯޗުގަލްގެ ކޯޗު ޕައޮލޯ ބެންޓޯ އެވެ. އޭނާ ވަނީ ގަތަރުގައި ކުރިއަށްދިޔަ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ބްރެޒިލް އަތުން ދެކުނު ކޮރެއާ ކެޓުމާ އެކު މަގާމުން އަމިއްލަ އަށް ދުރުވެފަ އެވެ.
ކްލިންސްމަން، 58، ދެކުނު ކޮރެއާއާ ހަވާލުވީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށެވެ.
އަންނަ ހަފްތާގައި، ކްލިންސްމަން، ދެކުނު ކޮރެއާގެ ޓީމުގެ މަސައްކަތް ރަސްމީކޮށް ފަށާއިރު، އަންނަ މަހު 24 ވަނަ ދުވަހު ކޮލަމްބިއާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއްގައި ކުޅޭނެ އެވެ.
"އަހަރެން ވަރަށް ފަހުރުވެރިކަމާ އެކު ބަަލައިގަންނަން ކޮރެއާ އިން އަހަންނަށް މި ދިން ފުރުސަތު، ފާއިތުވި އަހަރުތަަކަށް ބަލާއިރު، ކޮރެއާ ޓީމު އައީ ވަރަށް ބޮޑަށް ކުރިއަރައި، ނަތީޖާ ނެރުމުގައި ވެސް ތަފާތު ދައްކަމުން. އަހަންނަށް ވަރަށް ރަނގަޅު މަސައްކަތެއް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" 2011-2016 އަށް އެމެރިކާ ޓީމުގެ ކޯޗަކަށް މަސައްކަތްކުރި ކްލިންސްމަން ބުންޏެވެ.
ކްލިންސްމަންގެ ކޯޗިން ކެރިއަރުގެ އެންމެ ބޮޑު އުސްއައްޔަކީ 2006 ވަނަ އަހަރު ޖަރުމަނުން އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕްގެ ތިން ވަނަ އެ ޓީމަށް ހޯދައިދިނުމެވެ.
ކްލިންސްމަން، ކޯޗިން ވަޒީފާ އަށް އެނބުރި މި އައީ ތިން އަހަރެއްހާ ދުވަހުގެ ބްރޭކަކަށް ފަހު އެވެ.
ކުޅުމުގެ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދި ކްލިންސްމަން އެންމެ ފަހުން ކޯޗަކަށް ހުރީ ޖަރުމަނުގެ ކްލަބް، ހާތާ ބާލިންގަ އެވެ. އެ ގޮތުން، 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހާތާ ބާލިންގެ ކޯޗުކަމުން ވަކިވުމަށް ފަހު، ފާއިތުވެ ދިޔަ ތިން އަހަރެއްހާ ދުވަހު ކްލިންސްމަން ވަނީ ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނާއި ފީފާ ޓެކްނިކަލް ސްޓަޑީ ގްރޫޕްގައި މަސައްކަތްތަކެއް ކޮށްފަ އެވެ.












