ފުލުހުންނަށް ފިލައިގެން އުޅުމަށް ތައިލޭންޑްގެ ޑްރަގް ޑީލަރެއް "ރީތި ކޮރެއާ ފިރިހެނަކާ" ވައްތަރު ވާން ގިނަ އަދަދެއްގެ ޕްލާސްޓިކް ސާޖަރީ ހަދައިފި އެވެ.
ސަހަރަތު ސަވަންގްޖައެންގް ސާޖަރީ ހެދުމަށް ފަހު އުޅުނީ ސެއޮންގް ޖިމިން ކިޔާ މީހަކަށް ހެދިގެންނެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ ހަފުތާގައި ބެންކޮކުންނެވެ.
އުމުރުން 25 އަހަރުގެ އެ ފިރިހެން މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރާތާ ތިން މަސް ވެއްޖެ އެވެ. ފުލުހުން ބުނީ ހައްޔަރު ކުރި އިރު، އޭނާގެ މުޅި މޫނުގެ ސިފަ ހުރީ ބަދަލުވެފައި ކަމަށެވެ.

ފުލުހުން އޭނާ ޓްރެކް ކުރީ ބެންކޮކްގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެކްސްޓަސީ ޑިސްޓްރިބިޔުޓް ކުރަމުން ދިޔަ ގޮތް ބަލައިގެންނެވެ.
ސަވަންގްޖައެންގް ހައްޔަރު ކުރި ވަގުތުގެ ވީޑިއޯއެއް ފުލުހުން އާއްމުކުރި އިރު، އެ ވީޑިއޯގައި އޭނާ ބުނީ ބޭނުންވީ ދެކުނު ކޮރެއާއަށް ބަދަލުވެ އާ ދިރިއުޅުމެއް ފަށަން ކަމަށެވެ.
ފުލުހުން ބުނީ ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ޑާކް ވެބްގައި އެކްސްޓަސީ އޯޑަރުކޮށް ތައިލޭންޑަށް އެ ތަކެތި އެތެރެކުރި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށެވެ.
މީގެ ކުރިން ތިން ފަހަރެއްގެ މަތިން ސަވަންގްޖައެންގް ހައްޔަރުކޮށްފައިވެ އެވެ. އެގޮތުން މާރާމާރީއެއްގެ މައްސަލައިގައި ހައްޔަރު ކުރި އިރު، އޭނާގެ އަތުން 290 އެކްސްޓަސީ ގުޅަ އާއި ދިޔާ ތަކެތީގެ ގޮތުގައި ހުރި ދެ ކިލޯގެ މަސްތުވާތަކެތި ފެނުނެވެ.
އެ ފަހަރު ފުލުހުންގެ ހައްޔަރުން އޭނާ ފިލައި، ސިފަ ބަދަލު ކުރުމަށް ގިނަ ސާޖަރީތަކެއް ހެދި އެވެ. ތައިލޭންޑްގެ ފުލުހުން ސިފަކުރީ ގޮތުގައި ބެންކޮކަށް "އެކްސްޓަސީގެ ވަބާ" ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ސަބަބަކީ ސަވަންގްޖައެންގް އެވެ.










