ހިލްޓަނަށް ސަން ޓްރެވެލްސްއިން ފައިސާ ދައްކަން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފި

ހިލްޓަނަށް ސަން ޓްރެވެލްސްއިން ފައިސާ ދައްކަން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފި

ހިލްޓަން އިންޓަނޭޝަނަލަށް 24 މިލިއަން ޑޮލަރު ދެއްކުމަށް ސިންގަޕޫރު އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ފައިސާއިން ބާކީ ނުދައްކާ ހުރި ފައިސާ ދެ ހަފުތާ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ސަން ޓްރެވަލްގެ މައްޗަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ހައިކޯޓުގެ ރަޖިސްޓްރީ ދައްކާ ގޮތުން، އިސްތިއުނާފްގެ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ. އަދި އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ.

ސަން ޓްރެވަލްއިން 2009 ވަނަ އަހަރު ހިލްޓަންއާ އެކު ނ. އިރުފުށި ރިސޯޓް ހިންގަން ހެދި އެއްބަސްވުން 2013 ވަނަ އުވާލީ ރަނގަޅަށް ނޫން ކަމަށް ސިންގަޕޫރް އާބިޓްރޭޝަނުން ކަނޑައަޅައި، ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދޭން އެ ކުންފުނީގެ މައްޗަށް އަމުރުކުރި އެވެ.

ސިވިލް ކޯޓުގެ ގާޒީ ރިޒުމީނާ އިދުރީސް މިދިޔަ އާދީއްތަ ދުވަހު ނެރުއްވާފައިވާ ހުކުމުގައި ވަނީ ސިންގަޕޫރު އާބިޓްރޭޝަންގެ އެންގުން ބަލައިނުގަވެނޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ފާހަގަ ކުރެވިފައި ނެތް ކަމަށެވެ.

އެހެންކަމުން ބާކީ ދައްކަން ޖެހޭ ފައިސާ އަދި ޖޫރިމަނާއަށް އަރަމުން އަންނަ ފައިސާ، އާދީއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ހުކުމުގައިވެ އެވެ.

ބޭރުގެ އާބިޓްރޭޝަނެއްގެ ނިންމުން ރާއްޖޭގައި ތަންފީޒު ކުރެވޭނީ އެ ނިންމުމެއް ރާއްޖޭގެ ކޯޓަކުން ބަލައިގަތުމަށް ފަހު ކަމަށް ހައި ކޯޓުން ކުރިން މި މައްސަލާގައި ނިންމާފައި އޮތުމުން، ސިވިލް ކޯޓަށް ސަން ޓްރެވެލް އިން ހުށަހަޅައި އެ ނިންމުން ބަލައިނުގަތުމަށް އެދިފައިވެ އެވެ.

ސަން ޓްރެވެލް ކުންފުނިން ބުނަމުން އައީ ހިލްޓަނުން އެއްބަސްވުުން ގާއިމްކުރީ ރާއްޖޭގެ ޕަބްލިކް ޕޮލިސީއާ ހިލާފަށް ކަމަށެވެ. ނަމަވެސް، އެކަން ސާބިތުކުރެވޭނެ ގާނޫނީ ސަބަބެއް އެ ކުންފުންޏަކަށް ކިޔައިދެވިފައިނުވާ ކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައިވެ އެވެ.

މި މައްސަލައާ ގުޅިގެން، މައްސަލާގައި ގޮތެއް ނިމެންދެން ސަން ޓްރެވެލްގެ އެކައުންޓްތައް ވެސް ކުރިން އޮތީ ހިފަހައްޓައިފަ އެވެ. އެ ކުންފުނީގެ ވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox