ލާމަރުކަޒީ ނިޒާމް ފުރިހަމަކޮށް, އުސް ހަރުފަތަކަށް ގެންދިއުމަށް ކުރަންޖެހޭ އެންމެ މުހިއްމު އެއް މަސައްކަތަކީ އެކަމަށް އެކަށޭނެ އިލްމީ ހުނަރުވެރި ގާބިލް ޒުވާން ޖީލެއް ބިނާކުރުންކަމަށް ހޯމް މިނިސްޓަރު އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ރައީސް އިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.
އެމަނިކުފާން މިހެން ވިދާޅުވީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސް އިފްތިތާހުކުރުމަށް ބޭއްވެވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ 2010 ން ފެށިގެން ރާއްޖެ ހިންގަމުން މިދާ ނިޒާމަކީ އަދި ހަމަ ޅަފަތުގައި އޮތް ނިޒާމެއް ކަމަށެވެ. އެ ނިޒާމް ހަރުދަނާކޮށް ކުރިއަށް ގެންދަން އެންމެ މުހިއްމީ އިލްމީ ހުނަރުވެރި ގާބިލް ޒުވާން ޖީލެއް ބިނާކުރުން ކަމަށެވެ.
"މިރޭ އަޅުގަނޑުމެން މި އިފްތިތާކުރާ މި އިލްމީ މުންނާރުގެ ސަބަބުން އެކަމަށް ބިންގާ އެޅި މަގުފަހިވެގެންދާނެކަމާ މެދު އަޅުގަނޑުގެ ފުރިހަމަ ޔަގީންކަން އެބައޮތް." އިމްރާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ލޯކަލް ގަވަމަންޓް އޮތޯރިޓީ އުފެއްދީންސުރެ, ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ހިންގުމަށް ބޭނުންވާނެ މުވައްޒަފުންނާއި, ގާބިލް ފަރުދުން ތައްޔާރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން ގެންދިޔަ ކަމަށެވެ. އަދި ހަމައެކަނި ވޭތުވެދިޔަ 2022 ވަނަ އަހަރު އެކަނިވެސް 1574 ބައިވެރިން އެލްޖީއޭގެ ޓްރެއިނިންތަކުގައި ބައިވެރިވެ ޓްރެއިންވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ގެންދެވޭ އުސޫލާ ހަމަތަކުން ބަލާއިރު މިއަށްވުރެ ހަރުދަނާ ނިޒާމެއް ގެންނަން ޖެހޭކަމަށް ފާހަގަކުރެވި ގަބޫލުކުރެއްވުނު ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން 2019 ވަނަ އަހަރު މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސް ރަޖިސްޓްރީކުރުމުގެ މަސައްކަތް ފަށައި, އެ އަހަރު ރަޖިސްޓްރީ ވެސް ކުރެވުނުކަން ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް އެ މަސައްކަތް ފެށިތަނާ ދާދިގާތުގައި ކޮވިޑްގެ އާލަމީ ވަބާއާ ކުރިމަތިލާންޖެހުމުގެ ނަތީޖާއެއްގެ ގޮތުން އަމަލީގޮތުން މަސައްކަތް ފެށުން މި ހިސާބަށް ލަސްވެގެން ދިޔައީ ކަމަށް ވިދާޅުވި އެވެ.
އެއާ ގުޅިގެން ލިބުނު މުއްދަތަކީ އިތުރަށް ތައްޔާރުވެ, ހަރުދަނާކޮށް, ފުރިހަމަކުރަން ހުރި ކަންކަން ފުރިހަމަކުރަން ލިބުނު ފުރުސަތެއްކަން ވެސް ފާހަގަކުރެއްވި އެވެ. އެ މުއްދަތުގެ ތެރޭގައި އިތުރު ވިސްނުންތައް ގެނެސް, އެކަމަށް އެކަށޭނަ ގާބިލް މިންގަނޑުތައް ކަނޑައެޅުނުކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
"އޭގެ ސަބަބުން މުއައްސަސާގެ ވިޝަން އާއި މިޝަން އާއި, އެހެނިހެން ގޯލްސްތަކާއި ލަނޑުދަނޑިތައް ގާއިމްކުރެވި އެކަމަށްބޭނުންވާ ތަފާތު މާއްދާތައް އެކުލެވި, އެކަމަށް އެކަށީގެންވާ ފުރިހަމަ ތައްޔާރީއަކުން މިއަދު މިވަނީ ތައްޔާރުކުރެވިފަ." އިމްރާން ވިދާޅުވި އެވެ.
ނަތީޖާއެއްގެ ގޮތުން އިންސްޓިޓިއުޓް އިފްތިތާހުކުރެވޭއިރު އެހެން މުއައްސަސާތަކާއެކު ފަހުމުނާމާގައި ސޮއިކުރެވިގެންދާ ކަމަށާއި އެއީ މިދިޔަ މުއްދަތުގައި ލިބުމުގެ ނަތީޖާކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ މިހާރު މިފެށި މަސައްކަތުގެ ސަބަބުން ލިބޭނެ އެންމެ މުހިއްމު އެއް ނަތީޖާއަކީ އުފާވެރި ޒިންމާދާރު މުސްތަގުބްލަކަށްޓަކައި އިންސްޓިޓިއުޓްގައި ތަމްރީނުވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި ރާއްޖޭގެ ގަވަނިން ސިސްޓަމް ހަރުދަނާކޮށް, ޖަޒީރާ ރަށްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނާ ގާތުން ފަސޭހަމަކާ އެކު އެކަށީގެންވާ ފެންވަރުގެ ހިދުމަތެއް ތައްޔާރުކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ އިލްމީ މުއައްސަސާތަކާއެކު މަތިވެރި ރާސްތާތަކަކަށް ދަތުރުކުރެވޭނެ ކަމަށް ޔަގީންކުރައްވާ ކަމަށާއި މުޖުތަމައެއް މަތިވެރިވެ ކުރިއަރާދަނީ އިލްމްގެ ނަތީޖާތައް ހާސިލްކުރުމުން ކަމަށެވެ.












