މިލާން (ފެބްރުއަރީ 26) - އިޓާލިއަން ލީގުގައި ރޭ އެމްޕޮލީ އަތުން 2-0 އިން މޮޅުވެ، ނަޕޯލީން ލީގުގެ އެއް ވަނައިގައި 18 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ރޭގެ ނަތީޖާ އަށް ފަހު، ނަޕޯލީ ލީގުގެ އެއް ވަނައިގައި އޮތީ 24 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އިންޓަ މިލާނަށް ލިބިފައިވަނީ 23 މެޗުން 47 ޕޮއިންޓެވެ.
ނަޕޯލީން ރޭ ލީޑުނެގީ 17 ވަނަ މިނިޓްގައި އެމްޕޮލީގެ އާޑިއަން އިސްމާއިލީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ނަޕޯލީގެ ކްވިޗާ ކްވަރަޝްކޭލިއާ މަތިން އޭރިއާތެރެއަށް ނެގި ބޯޅައެއް އެ ޓީމުގެ ޕިއޮޓްރޭ ޒިއެލިންސްކީ އޭރިއާތެރެއަށް އެއް ފަހަރުން ހުރަސްކޮށްލި ބޯޅަ ހުއްޓުވަން އިސްމާއިލީ ފައިން ޖައްސާލި ބޯޅަ ވަނީ ބައިކޮޅަށެވެ.
މެޗުގެ 28 ވަނަ މިނިޓްގައި ނަޕޯލީގެ ދެ ވަނަ ގޯލު ޖެހީ ވިކްޓަ އޮސީމެން އެވެ. މިއީ އޭރިއާބޭރުން ކްވަރަޝްކޭލިއާ ޖެހި ޝޮޓެއް އެމްޕޮލީ ކީޕަރު ގުގްލިއޭމޯ ވިކާރިއޯ އަތުގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސް ބޯޅައިން އޮސީމެން ޖެހި ގޯލެކެވެ. މިއީ މި ފަހަރު ލީގުގައި އޮސީމެން ޖެހި 19 ވަނަ ގޯލެވެ. މި އަހަރު ފެށި ފަހުން ހުރިހާ މުބާރާތެއްގައި އޮސީމެން ވަނީ 11 ގޯލު ޖަހައިފަ އެވެ.
ނަޕޯލީން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 64 ވަނަ މިނިޓްގައި އެ ޓީމުގެ ފުލްބެކް މާރިއޯ ރުއީ ބޯޅަ ނެތީސް ކުޅުންތެރިއަކަށް ހަމަލާދިނުމުން އޭނާ އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ނަޕޯލީގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާ އެމްޕޮލީ އަށް ނުނެގުނެވެ.
ނަޕޯލީން 1990 ވަނަ އަހަރަށް ފަހު، ފުރަތަމަ ފަހަރަށް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދަން ކުރާ މަސައްކަތުގައި މި ވަގުތު އެއް ވަނައިގައި ބޮޑު ލީޑެއްގައި އޮތަސް އެ ޓީމުން ފަސޭހަނުކޮށްލާނެ ކަމަށް ނަޕޯލީގެ ކޯޗު ލޫޝިއާނޯ ސްޕަލެއްޓީ ބުނެފި އެެވެ.












