ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގަމުން އަންނަ ހުރިހާ އެއާޕޯޓަކުން ނަގާ ފީތައް ބޮޑު ކުރަން އެ ކުންފުނިން ނިންމައިފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރިޒްވީ "އަދަދު" ނޫހަށް ވިދާޅުވީ މިހާރު ހުރި އަގުތަކަކީ މީގެ ވިއްސަކަށް އަހަރު ކުރިން ކަނޑައަޅައިފައި ހުރި އަގުތަކެއް ކަމަށާއި ބަދަލު ގެނައީ އެހެންވެ ކަމަށެވެ.
ނަމަވެސް އެ ވަރުން ވެސް އަގުތަކަށް މާ ބޮޑެތި ބަދަލުތަކެއް ގެނެސްފައި ނުވާނެ ކަމަށާއި އެންމެ ބޮޑަށް ވެސް ގެނެސްފައި ވާނީ ދިހަ ޕަސެންޓުގެ ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެހެން އެއާލައިނުތަކުން ނަގާ ފީތަކަށް ވުރެ ގައުމީ އެއާލައިން، މޯލްޑިވިއަންއަށް ކަނޑައެޅިފައިވާ ފީތައް ކުޑަވާނެ ކަމަށް ވެސް ރިޒްވީ ވިދާޅުވި އެވެ.
"އާންމުކޮށް މި ކަނޑައެޅި ރޭޓުގައެއް ނޫން ނެޝަނަލް ފެލެގް ކެރިއާއަށް ހުންނާނީ، ތަފާތު ރޭޓުތަކެއް އެ އެއާލައިނަށް ކަނޑައަޅާފައި ހުންނާނީ،" އޭނާ ވިދާޅުވި އެވެ.
ފީތަކަށް އެ ކުންފުނިން ގެނައި ބަދަލުތަކުގެ ސަބަބުން އެތެރޭގެ އުދުހުންތަކުގެ އަގުތަކަށް ބަދަލު އަންނާނެ ކަމަށް ލަފާ ކުރެވެ އެވެ. އެހެން ނަަމަވެސް އަދި އެއްވެސް އެއާލައިނަކުން އެކަމާ ގުޅޭ ގޮތުން ބަހެއް ބުނެފައެއް ނުވެ އެވެ.
ރީޖަނަލް އެއާޕޯޓްސްގެ ދަށުން ރާއްޖޭގައި ހަ އެއާޕޯޓު ހިންގަމުން ދެއެވެ. އެއީ:
- ފުވައްމުލަކު އެއާޕޯޓު
- ހޯރަފުށި އެއާޕޯޓު
- ހަނިމާދޫ އެއާޕޯޓު
- ކުޅުދުއްފުށި އެއާޕޯޓު
- ފުނަދޫ އެއާޕޯޓު
- މާވަރުލު އެއާޕޯޓު
ރީޖަނަލް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑަކީ 2020 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކުންފުންޏެކެވެ. އެ ކުންފުންޏަކީ 100 ޕަސެންޓު ސަރުކާރު ހިއްސާ އޮންނަ ކުންފުންޏެކެވެ.











