އޮފީސް އިމާރާތްތައް އެޅުމަށް ހުޅުމާލެއިން ބިން ވިއްކުމަށް އެޗްޑީސީން އިއުލާނުކޮށްފި އެވެ.
އެ ކުންފުނިން މިއަދު ވިއްކަން އިއުލާނު ކޮށްފައި ވަނީ 6124 އަކަފޫޓުގެ ތިން ބިމާއި 9633 އަކަފޫޓޫގެ ދެ ބިމެވެ.
އޭގެތެރެއިން 6124 އަކަފޫޓުގެ ބިން ގަންނަން ބޭނުންވާ ފަރާތްތަކުން ބިޑު ސެކިއުރިޓީގެ ގޮތުގައި 500،000ރ. ބަހައްޓަން ޖެހޭނެ އެވެ. 9633 އަކަފޫޓޫގެ ބިން ގަންނަން ބޭނުންވާ ފަރާތްތަކުން ސެކިއުރިޓީގެ ގޮތުގައި ބަހައްޓަން ޖެހޭނީ 100،000ރ. އެވެ.

އެޗްޑީސީން ބުނީ ބިން ވިއްކުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި 100 އިންސައްތަ ދިވެހި ވިޔަފާރިތަކަށް ކަމަށެވެ. ބިން ވިއްކާނެ އެންމެ ކުޑަ އަގަކީ 4500ރ. އަށް އަކަފޫޓެއްގެ މަގުންނެވެ.
އެ އިއުލާނުގެ ދަށުން ވިއްކާ ބިންތަކުގައި އިމާރާތް ކުރެވޭނީ ހަމައެކަނި އޮފީސް އިމާރާތްތައް ކަމަށް އެޗްޑީސީގެ އިއުލާނުގައިވެ އެވެ.
އޮފީސް އިމާރާތް އަޅާ ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ދިހަ ވަނަ ދުވަހެވެ.
ބިޑު ހުށަހަޅަން ޖެހޭނީ އެ ކުންފުނީގެ ވެބްސައިޓުގައިވާ ރެޖިސްޓުރޭޝަން ޓެބުގެ ދަށުން އިންވެސްޓާ ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމަށްފަހު ޕްރޮޖެކްޓު ރެޖިސްޓުރޭޝަން ފުރިހަމަ ކުރުމަށްފަހު އެވެ.
ބިޑު ތައްޔާރު ކުރަންޖެހޭ ގޮތުގެ ފުރިހަމަ ތަފްސީލާއި މައުލޫމާތު އެކުންފުނީގެ ވެބްސައިޓުގައްޔާއި ގެޒެޓުގައި ޝާއިއުކޮށްފައި ހުންނާނެ އެވެ.










