ކުރިން ކްލަބް އީގަލްސް އާއި ކްލަބް ވެލެންސިއާ އަށް ކުޅުނު ފުލްބެކް، ހުސެއިން ފައިސަލް (ފައިޓޯ) ކުރިއަށް އޮތް ސީޒަނަށް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.
މި އަހަރު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތާއި އެފްއޭ ކަޕްގައި ކުޅެން ނިންމާފައިވާ ވިކްޓަރީން ދުރާލާ ވަރުގަަދަ ޓީމެއް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ވަނީ ގައުމީ ޓީމުގެ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި މިޑްފީލްޑަރު، މުހައްމަދު އުމެއިރުގެ ސޮއި ވެސް ހޯދައިފަ އެވެ.
ވިކްޓަރީން ކޯޗަކަށް ހަމަޖައްސާފައިވަނީ އެ ޓީމަށް ކުރިން ކުޅެ، ފާއިތުވި އަހަރު ނިއު ރޭޑިއަންޓް ކޯޗަކަށް ހުރި ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) އެވެ.

މިދިޔަ އަހަރު އޭއެފްސީ ކަޕްގައި ބޫޓާންގެ ޕަރޯއާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން ފައިޓޯ ބޯޅަ ކޮންޓްރޯލް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ފައިޓޯ، 23، 2016 ވަނަ އަހަރު ވެލެންސިއާ ޓްރަޔަލް އަކުން ފާހަގަވެ، އެ ޓީމުން ފުުރުސަތު ހޯދައި އެ އަހަރު އެ ޓީމާ އެކު އެފްއޭ ކަޕް ހޯދި އެވެ. އޭގެ ފަހުން، ކްލަބް އީގަލްސްއާ ގުޅުމަށް ފަހު، ފައިޓޯ އެ ޓީމަށް ވެސް ކުޅުނެވެ.
އަލުން ވެެލެންސިއާއާ ގުޅުމަށް ފަހު ފައިޓޯ ދެން ފާހަގަވާން ފެށީ 2020 ވަނަ އަހަރު ދެ ވަނަ ޑިވިޝަން ކާމިޔާބުކުރި ވެލެންސިއާ ޓީމުންނެވެ. އެ ފަހަރު، ވެލެންސިއާ އިން ދެ ވަނަ ޑިވިޝަނުގެ ތަށި އުފުލާލައި، ފުރަތަމަ ޑިވިޝަނަށް އަލުން ޕްރޮމޯޓްވުމުގައި ފައިޓޯ ގިނަ މެޗުތަކުގައި މޮޅަށް ކުޅެ މުހިންމު ރޯލެއް އަދާކުރި އެވެ.
މިދިޔަ ސީޒަނުގައި ވެލެންސިއާއާ އެކު، ޕްރެޒިޑެންޓްސް ކަޕް ޗެމްޕިއަންކަން ހޯދި ފައިޓޯ ސީޒަން ފަހުކޮޅުގައި އެ ޓީމުން ނުފެނެ އެވެ. ދާދި ފަހުން އޮޕަރޭޝަނެއް ވެސް ކޮށްފައިވާ ފައިޓޯ އަންނަނީ ރިކަވާވަމުންނެވެ. ޅ. ނައިފަރަށް އުފަން ފައިޓޯ ވަނީ 19 އަހަރާއި 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފަ އެވެ.
އާ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ވިކްޓަރީން އަންނަނީ އިތުރު ކުޅުންތެރިންނާ ވެސް މަޝްވަރާ ކުރަމުންނެވެ.












