އިންޑިއަން ޕްރިމިއާ ލީގާއެކު ކުރިކެޓު ފޯރި މީޑިއާނެޓަށް

Feb 22, 2023, 1:30 AM
އިންޑިއަން ޕްރިމިއާ ލީގާއެކު ކުރިކެޓު ފޯރި މީޑިއާނެޓަށް

ދިވެހިންނަކީ ޒަމާނުއްސުރެއް ކުޅިވަރަށް ހާއްސަ ލޯތްބެއް ޖެހިފައިވާ ބައެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ކުޅިވަރު މުބާރާތްތައް ޖޯޝާއި ފޯރީގައި ބަލަމުންދާ ބައެކެވެ. ދާދި ފަހުން ނިމިގެންދިޔަ ފީފާ ކްލަބް ވޯލްޑް ކަޕާއި ޕްރިމިއާ ލީގާއި ލަލީގާ ފަދަ ފުޓުބޯޅަ މުބާރާތްތަކަކީ ވަގުތު ހުސްކޮށްގެން އެއްވެސް މެޗެއް ގެއްލުވާނުލައި ދިވެހިން ބަލަމުންގެންދާ މުބާރާތްތަކެވެ.

އެ މުބާރާތްތައް ދިވެހި ސިޓިން ރޫމްތަކުގައި އާއިލާއާއި އެކުވެރިންނާއެކު ތިބެ ބަލާލެވޭނެ މަގުފަހިކޮށްދިނުމަށް މީޑިއާނެޓުން ބުރަ މަސައްކަތްތަކެއް ކުރެ އެވެ. އެގޮތުން މިފަހަރު މީޑިއާނެޓުގެ މިސްރާބު ހުރީ ދިވެހިންނާ ހަމައަށް ކްރިކެޓުގެ ފޯރި ގެނެސްދިނުމަށެވެ. އިންޑިއަން ޕްރިމިއާ ލީގު ނުވަތަ އައިޕީއެލްގެ އަންހެން އަދި ފިރިހެން މުބާރާތް ދިވެހިންނަށް މި މާޗު މަހު ފެނިގެންދާނެ ކަމަށް މީޑިއާނެޓުން މައުލޫމާތު ދެއެވެ.

ދެހާށް އަށްވަނަ އަހަރު ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީ.ސީ.ސީ.އައި) އިން އިސްނަގައިގެން އިފްތިތާހު ކުރި އިންޑިއަން ޕްރިމިއާ ލީގަކީ ކުރިކެޓުގެ ދުނިޔޭގައި ކުޅޭ އެންމެ ފޯރިގަދަ މުބާރާތްކަމާމެދު ޝައްކެއް ނެތެވެ.

އައިޕީއެލްގެ 15 ވަނަ މުބާރާތް މިއަހަރު ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، އެ މުބާރާތް އާ ހަރުފަތަކަށް ގެންދިއުމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތްތަކުން ވަނީ ނިންމާފަ އެވެ. އެގޮތުން މިއަހަރަކީ އަންހެނުންގެ އައިޕީއެލް ބޭއްވޭ ފުރަތަމަ ފަހަރެވެ.

މާޗު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ވިމެންސް އައިޕީއެލްގައި ފަސް ޓީމެއް ވާދަކުރާނެ އެވެ. އެއީ ފިރިހެނުންގެ އައިޕީއެލްގައި ވެސް ވާދަކުރާ ފްރެންޗައިޒް ޓީމުތަށް ކަމަށްވާ ގުޖުރާތު ޖަޔަންޓްސްއާއި މުމްބާއީ އިންޑިއަންސްއާއި ރޯޔަލް ޗެލެންޖާސް ބެންގަލޯއާއި ޑެލީ ކެޕިޓަލްސްގެ އިތުރުން ހަމައެކަނި އަންހެން ބައިގައި ވާދަކުރާ ޔޫޕީ ވޮރިއާޒް ޓީމެވެ.

އެ މުބާރާތަށް ޓީމުތައް އެކުލަވާލުމުގެ ގޮތުން ބޭއްވި އޯކްޝަން، ހުސްވި ހަފުތާގައި ވަނީ ބާއްވާފަ އެވެ. އެ އޯކްޝަނުގައި ދުނިޔޭގެ ނަން މަޝްހޫރު އަންހެން ކުރިކެޓު ކުޅުންތެރިން ބޮޑު އަގުގައި އެކި ޓީމުތަކަށް ވަނީ ގެންގޮސްފަ އެވެ. އޭގެ ތެރޭގައި އިންޑިޔާގެ ކުޅުންތެރިންގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ އެންމެ ހުނަރުވެރި ކުޅުންތެރިން ވެސް ހިމެނެ އެވެ.

މުބާރާތުގައި ބައިވެރިވާ ފަސް ޓީމަށް އަވަސް ކަޅިއެއް

ގުޖުރާތު ޖަޔަންޓްސް

ގުޖުރާތު ޖަޔަންޓްސްއަކީ ފާއިތުވި އަހަރުގެ ފިރިހެން އައިޕީއެލް ޗެމްޕިއަންކަން ހޯދި ގުޖުރާތް ޓައިޓަންސްގެ އަންހެން ޓީމެވެ. އެ ޓީމުންވަނީ މުބާރާތަށް ބޮޑެތި ހަރަދުތަކެއް ކޮށްފަ އެވެ. އެގޮތުން 32 މިލިއަން ރުޕީޒްއަށް އޮސްޓްރޭލިއާގެ ހުނަރުވެރި އޯލްރައުންޑާ އޭޝްލީ ގާޑްނާ ވަނީ އެޓީމަށް ގެންގޮސްފަ އެވެ. އޭޝްލީ އަކީ އޯކްޝަންގައި ދެވަނައަށް އެންމެ އަގުބޮޑުކޮށް ޓީމަކުން ގަތް ކުޅުންތެރިޔާ އެވެ. އޭގެއިތުރުން ދުނިޔޭގެ ޓީ20 ރޭންކިންގް ދެވަނަ ކުޅުންތެރިޔާގެ މަގާމުގައި ހުރި އޮސްޓްރޭލިއާގެ ބެތު މޫނީވެސް މި މުބާރާތުގައި ފެނިގެންދާނީ ގުޖުރާތު ޖަޔަންޓްސް އިންނެވެ.

މުމްބާއީ އިންޑިއަންސް

އައިޕީއެލްގެ ތަށި ފަސް ފަހަރު ހޯދާފައިވާ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު މުމްބާއީ އިންޑިއަންސްއަކީ އިންޑިއާގެ އެންމެ މުއްސަނދި އާއިލާ ކަމުގައިވާ އަމްބާނީސްގެ ޕްރެންޗައިޒް އެކެވެ. 32 މިލިއަން ރުޕީޒްއަށް އުމުރުން 30 އަހަރުގެ އިނގިރޭސި ކުޅުންތެރިޔާ ނެޓެލީ ސްކިވާ ވަނީ މުމްބާއީ އިންޑިއަންސް ޓީމާއި ގުޅިފައެވެ. ނަމަވެސް މި ޓީމުގައި އެންމެ ފާހަގަކޮށްލެވެނީ މުބާރާތް ބާއްވާ ގައުމު އިންޑިއާގެ އަންހެން ކުރިކެޓު ޓީމުގެ ކެޕްޓަން ހަރްމަންޕްރީތު ކޯރް އެވެ. ޓީ20 ފޯމެޓުގައި 2،956 ލަނޑު އިންޑިއާ ޓީމަށް ހަދާފައިވާ ކޯރްގެ ލީޑަޝިޕަކީ ޓީމަށް އެންމެ މުހިއްމު އެއް ކަންތައް ކަމުގައި ޓީމުގެ އޯނަރުން އޯކްޝަންއަށް ފަހު ބުނެފައިވެ އެވެ.

ރޯޔަލް ޗެލެންޖާޒް ބެންގަލޯ

އިންޑިއާގެ އެންމެ ހުނަރުވެރި އަންހެން ކުރިކެޓު ކުޅުންތެރިޔަކީ ސްމްރިތީ މަންދަނާކަމާ މެދު ދެބަސްވާނެ މީހަކު އިންޑިއާގައި ވެސް ވަރަށް މަދުވާނެ އެވެ. ސްމްރިތީއަކީ މި މުބާރާތުގައި ކުޅޭނެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އެވެ. އާރްސީބީ އިން ސްމްރިތީގެ ސޮއި ހޯދާފައިވަނީ 34 މިލިއަން ރުޕީޒްއަށެވެ. މި ޓީމަކީ ދުނިޔޭގެ އެންމެ ނަން މަޝްހޫރު ކުރިކެޓު ތަރިންގެ މައްޗަށް އެކުލެވިގެންވާ ޓީމެކެވެ. އޭގެ ތެރޭގައި ސައުތު އެފްރިކާގެ ޑޭން ވެން ނިއެކޭކްއާއި އިނގިރޭސި ކުޅުންތެރިޔާ ހެދާ ނައިޓް އަދި އިންޑިއާގެ ރިޗާ ގޯޝް ފާހަގަކޮށްލެވެ އެވެ. ގިނަ ބަޔަކު ބުނާގޮތުގައި މި މުބާރާތުގެ އެންމެ ވަރުގަދަ ސްކޮޑެއް އެކުލަވާލާފައިވަނީ މި ޓީމުންނެވެ.

ޑެލީ ކެޕިޓަލްސް

އިންޑިއާގެ ވެރިރަށް ދިއްލީއަށް ނިސްބަތްވާ ޑެލީ ކެޕިޓަލްސް ޓީމުންވަނީ އިންޑިއާގެ ޒުވާން ގިނަ ކުޅުންތެރިންގެ ސޮއި ހޯދައިފަ އެވެ. އޭގެ ތެރޭގައި ޖެމީމާ ރޮޑްރިގޭޒްއާއި ޝެފާލީ ވަރުމާ އަދި ޝިކާ ޕާންޑޭ ފާހަގަކޮށްލެވެ އެވެ. މި ޓީމަށް ގެނެސްފައިވާ އިންޓަނޭޝަނަލް ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ސައުތު އެފްރިކާގެ އޯލް ރައުންޑާ މަރިޒާން ކެޕް އަދި އޮސްޓްރޭލިއާގެ މެގް ލެނިން އެވެ. މެގް ލެނިން އަކީ މިވަގުތު އޮސްޓްރޭލިއާ އަންހެން ކްރިކެޓް ޓީމުގެ ކެޕްޓަން އެވެ.

ޔޫ ޕީ ވޮރިއާޒް

އައިޕީއެލްއަށް މުޅިން އާ ނަމެއް ނަމަވެސް މި ޓީމަކީ ތަފާތު މޮޅު ކުޅުންތެރިންގެ މައްޗައް ބިނާވެފައިވާ ޓީމެއްކަމަށާއި ޔޫ ޕީ ވޮރިއާޒްއިން މުބާރާތުގެ ތައްޓަށް ވަރުގަދަ ޗެލެންޖެއް ދޭނެ ކަމަށް ގިނަބަޔަކު އިއްތިފާގުވެ އެވެ. ދުނިޔޭގެ ޓީ20 ރޭންކިންގެ އެއްވަނަ ކުޅުންތެރިޔާ ޓާލިއާ މެކްގުރާ ފެނިގެންދާނީ މި ޓީމުންނެވެ. އޭގެއިތުރުން އިންޑިއާގެ އެންމެ މަތިން ރޭންކު ކުރެވިފައިވާ އޯލް ރައުންޑާ ދީޕްތީ ޝަރްމާވެސް މިޓީމުގައި އިސް ރޯލެއް އަދާކުރާނެ އެވެ. ދީޕްތީގެ ސޮއި މިޓީމުން ހޯދާފައިވަނީ 26 މިލިއަން ރުޕީޒްއަށެވެ.

މުބާރާތް ފެށެން މަދު ދުވަސްކޮޅަކަށްވެފައި ވާއިރު، ޓީމުތަކުން ދަނީ ފޯރިއާއި ޖޯޝުގައި ތައްޔާރީތައް ވަމުންނެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ މުމްބާއީގެ ދެ ސްޓޭޑިއަމް ކަމަށްވާ ޑީ ވައި ޕަޓޭލް ސްޓޭޑިއަމް އަދި ބްރަބޯން ސްޓޭޑިއަމްގަ އެވެ. މުބާރާތް ފަށާ މެޗުގައި ބައްދަލުކުރާނީ ގުޖުރާތު ޖަޔަންޓްސްއާއި މުމްބާއީ އިންޑިއަންސް އެވެ.

މި މުބާރާތުގެ ހުރިހާ މެޗެއް މީޑިއާނެޓުގެ އައިސް ނެޓްވޯކް މެދުވެރިކޮށް ފޯނު އަދި ޓީ.ވީ އިން ލައިވްކޮށް ބަލާލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox