ރޯދަމަހަށް ހާއްސަކޮށް ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އެސްޓީއޯގެ ފިހާރައެއް ހުޅުވުމުގެ މަސައްކަތް ފަށައިފި އެވެ.
ވިނަރެސް ފްލެޓުގެ ތިރީގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ އެ ފިހާރަ އަންނަ މަހުގެ ނިޔަލަށް ހުޅުވޭވަރު ވާނެ ކަމަށް އެސްޓީއޯއިން ވަނީ ލަފާ ކޮށްފަ އެވެ.
އެސްޓީއޯއިން އާންމުކޮށް އެތެރެކުރާ ހުރިހާ ބާވަތެއްގެ މުދާ ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވެސް އެ ފިހާރައިން ގަންނަން ލިބޭނެ އެވެ. އަދި ރޯދަމަހަށް ހާއްސަކޮށް އެ ކުންފުނިން އެތެރެ ކުރާ ފިޔާ، އަލުވި، ބިސް ވެސް އެ ފިހާރައިން ލިބޭނެ އެވެ.
މީޑިއާތަކަށް އެ ފިހާރައާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރަމުން އެސްޓީއޯގެ އޮފިޝަލް ބުނީ އެ ފިހާރަ ހުޅުވުމަށް ނިންމާފައި ވަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އެސްޓީއޯގެ ފިހާރައެއް ނެތުމުން ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތަކާ ގުޅިގެން ކަމަށެވެ.
"ރޯދަމަސް ކައިރިވަމުން އަންނައިރު، އެސްޓީއޯއަށް ލިބެމުން އަންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ ފިޔާ، އަލުވި، އަދި ބިސް ފަދަތަކެތީގެ އަގުތައް އަރައިގެން ގޮސްފާނޭކަމުގެ ޝަކުވާ، ހުޅުމާލޭގައި މިވަގުތު އެސްޓީއޯގެ ފިހާރަ މަރާމާތުކުރުމަށް ބަންދު ކޮށްފައި ހުރުމާއެކު، އެސްޓީއޯއިން ޒަރޫރީ ބޭނުމަށް އެތެރެކުރާ ކާބޯތަކެތި ލިބޭނޭ އެސްޓީއޯގެ ފިހާރައެއް ނެތްކަމުގެ ޝަކުވާ،" އޭނާ ބުންޏެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ފިހާރައިގެ ކުރެހުމެއް -- ކުރެހުން: އެސްޓީއޯ
އޭނާ ބުނީ އެ ފިހާރަ ހުޅުވުމުގެ މައިގަނޑު ބޭނުމަކީ އެސްޓީއޯގެ މުދާ ރަނގަޅު ރޭޓެއްގައި ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުން ކަމަށެވެ.
ފިހާރައިގެ މަސައްކަތް ބާރު ދުވެލީގައި މިހާރު ކުރަމުން އަންނައިރު، އެ ފިހާރަ ހުޅުވުމުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކުން މި ރޯދަ މަހު މުދާ ގަތުމަށް ދިގު ދަތުރުކޮށް، ބޮޑެތި ކިއުތަކުގައި ޖެހެން ނުޖެހޭނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން ދެއެވެ.
ރޯދަމަސް ފެށުމަށް މަސްދުވަހަށްވެފައި ވާއިރު، އެސްޓީއޯއިން އަންނަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކޭޝިއަރެއް، ސޭލްސްމަނެއް ނެތް ފިހާރައެއް ހުޅުވުމަށް ތައްޔާރުވަމުންނެވެ. އެއީ އޭއައި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ރާއްޖޭގައި ހުޅުވާ ފުރަތަމަ ފިހާރަ އެވެ.









