އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީގެ މެމްބަރު އެސޯސިއޭޝަންތަކުގެ ކޮމިޓީގެ ޑެޕިއުޓީ ޗެއާމަނަކަށް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް އައްޔަނުކޮށްފި އެވެ.
މި މަހު އެއް ވަނަ ދުވަހު، އޭއެފްސީގެ ކުރިއަށް އޮތް ދައުރަށް އެގްޒެކްޓިވް ކޮމިޓީ އަށް ބައްސާމް އިންތިހާބުވެފައިވާއިރު، އެ ޒިންމާއާ އެކުގައި މިހާރު އޭޝިއާ ފުޓްބޯޅައިގެ މެމްބަރު ހުރިހާ އެސޯސިއޭޝަންތަކެއްގެ ކަންތައްތައް ބެލުމަށް ކޮމިޓީގެ ކަންކަން ބެލެހެއްޓުމުގައި ބައްސާމް ހަރަކާތްތެރިވާނެ އެވެ.
ބައްސާމް ވަނީ މީގެ ކުރިން ވެސް އޭއެފްސީ އެސޯސިއޭޝަން ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. އެކަަމަކު، ކުރިއަށް އޮތްތަނުގައި ފެންނާނީ އެ ކޮމިޓީގެ ޑެޕިއުޓީ ޗެއާމަނެއްގެ ހައިސިއްޔަތުންނެވެ.
އޭއެފްސީގެ މި ކޮމީޓީން ހުރިހާ ގައުމެއްގެ އެސޯސިއޭޝަނަކާއި ވެސް ވަރަށް ގާތުން މަސައްކަތް ކުރާނެ އެވެ. އެހެން ކަމުން މި ކޮމިޓީގެ އިސް މަގާމެއް ފުރުއްވަން ބައްސާމަށް މި ލިބިވަޑައިގެންނެވި ފުރުސަތުގެ ސަބަބުން އެހެން ގައުމުތަކާއި ރާއްޖެއާ ގުޅުން ބަދަހިކޮށް ފުޓްބޯޅައިގެ ކަންކަމުގައި ކުރިއަށްދާން ފަސޭހަވާނެ އެވެ.
ދެ ވަނަ ދައުރަކަށް އެފްއޭއެމްގެ ރައީސްކަން ކުރައްވަމުން އަންނަ ބައްސާމް ވަނީ މީގެ ކުރިން އޭއެފްސީގެ ފުޓްސަލް އަދި ބީޗް ސޮކާ ކޮމިޓީގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
މީގެ ކުރިން ރާއްޖޭގެ އެކި ފަރާތްތަކުން ވަނީ އޭޝިއާ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީގެ އެކި ކޮމިޓީތަކުގައި މަސައްކަތްކޮށްފަ އެވެ.
އެ ގޮތުން، އޭއެފްސީގެ މީޑިއާ އެންޑް ކޮމިޔުނިކޭޝަން ކޮމިޓީ ޑެޕިއުޓީ ޗެއާމަނެއްގެ ގޮތުގައި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީގެ ޗެއާމަން އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މުހައްމަދު ޝަވީދު މަސައްކަތް ކުރި އެވެ. އަދި އޭއެފްސީގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީގައި އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީގެ މެމްބަރު އިސްމާއިލް ޒުމައިލް ރަޝީދު، މީގެ ކުރިން ހުރިއިރު، މަރިޔަމް މުހައްމަދު (މާޔަން) ވަނީ އޭއެފްސީގެ ވިމެންސް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އޭގެ އިތުރުން އޭއެފްސީ ޑިސްޕިލިނަރީ ކޮމިޓީގައި އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީގެ މެމްބަރަަކަށް ހުރި އިބްރާހިމް ރިޒާ ވެސް މަސައްކަތް ކުރި އެވެ.











