ލަންޑަން (ފެބްރުއަރީ 18) - އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ބުދަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުމަށް ފަހު، މިއަދު ހަވީރު އާސެނަލް އިން ލީގުގައި އަނެއްކާ ވެސް މެޗެއް ކުޅެންޖެހޭތީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ސިޓީ އަަތުން 3-1 އިން ބަލިވުމުން، އާސެނަލް އަށް ވަނީ ޕްރިމިއާ ލީގު ތާވަލްގެ އެއް ވަނަ ގެއްލިފަ އެވެ.
ސިޓީއާ ދެކޮޅަށް ކުޅުނުތާ 63 ގަޑިއިރު ފަހުން، ޕްރިމިއާ ލީގުގައި މި ހަފުތާ ބަންދުގައި ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ހަވީރު އެސްޓަން ވިލާއާ ދެކޮޅަށް ރަށުން ބޭރުގައި އާސެނަލް ނުކުންނާނެއެވެ.
ޕްރިމިއާ ލީގުގެ ކްލަބަކުން، ބުދަ ދުވަހެއްގެ ރޭ ކުޅޭ ޗެމްޕިއަންސް ލީގުގެ މެޗެއް ކުޅެފިނަމަ، ޖެހިގެން އަންނަ ހޮނިހިރު ދުވަހެއް ހަވީރު އެ ޓީމު މެޗެއް ކުޅޭ ގޮތަކަށް ޕްރިމިއާ ލީގުން ޝެޑިއުލެއް ނުކުރެއެވެ.
މިކަމާ ގުޅިގެން އާޓެޓޭ ބުނީ މި ގޮތަށް މެޗު ޝެޑިއުލްގައި ލުއިތަކެއް ދޭންޖެހޭނީ ހަމައެކަނި ޗެމްޕިއަންސް ލީގު ކުޅޭ ޓީމުތަކަކަށް ނޫން ކަމަށާއި ހުރިހާ ޓީމަކަށް ވެސް އެގޮތަށް އަމަލުކުރަންޖެހޭނެ ކަމަށެވެ.
"ޗެމްޕިއަންސް ލީގު ކުޅޭ ޓީމުތަކަށް އޮވޭ ވަކި ގަވައިދުތަކެއް. އެކަމަކު އަހަރެން ގަބޫލްކުރަނީ ކޮންމެ މުބާރާތެއްގެ މެޗަކަށްވިޔަސް، އެ ލުއިތައް އޮންނަން،" އާޓެޓާ ބުންޏެވެ.
"ޝެޑިއުލް އެ އޮތީ އެ ގޮތަށް ހަދާފައި. އެހެންވީމަ، ކުޅުންތެރިން ތިބީ މާދަމާގެ މެޗުން މޮޅުވާން ވަރަށް ރަނގަޅަށް މޯޓިވޭޓްވެފައި."
އެކަމަކު އާޓެޓާ ބުނީ އެސްޓަން ވިލާއާ ކުޅޭ މެޗުން އާސެނަލް މޮޅުނުވިޔަސް، މެޗު ޝެޑިއުލްގެ ބަހަނާއެއް އޭނާ ނުދައްކާނެ ކަމަށެވެ.
"އަހަަންނަށް ކުރިން ވެސް އެނގޭ މި ގަޑީގައި މެޗު ކުޅެންޖެހޭކަން. އެހެންވީމަ އެއީ ބަހަނާއެއް ނޫން،" އާޓެޓާ ބުންޏެވެ.
މީގެ މަހެއްހާ ދުވަސްކުރިން ސިޓީގެ މައްޗަށް އަށް ޕޮއިންޓްގެ ލީޑެއް އާސެނަލް ހޯދި ނަމަވެސް، އެ ޓީމުގެ ނަތީޖާތައް ދަށްވެ، ސިޓީ ވަނީ ޕޮއިންޓްގެ ގޮތުން އެ ޓީމާ އެއްވަރުކޮށްފަ އެވެ.
އެސްޓަން ވިލާގެ ކޯޗަކަށް ހުރީ އާޓެޓާގެ ކުރިން އާސެނަލަށް ކޯޗުކޮށްދިން އުނާއި އެމެރީ އެވެ. ޖެހިޖެހިގެން ލީގުގެ ތިން މެޗުން އާސެނަލަށް މޮޅެއް ނުލިބި ދިޔަ ކަމުގައި ވިޔަސް އެމެރީ ދެކޭ ގޮތުގައި ލީގުގެ ރޭހުގައި އަދިވެސް އެޑްވާންޓޭޖް އޮތީ އާސެނަލަށެވެ. އެހެންކަމުން، މެޗުގައި އެސްޓަން ވިލާ އިން ކުޅޭނީ ލީގުގެ އެންމެ ކުރީގައި އޮތް ޓީމާ ދެކޮޅަށް ކުޅޭ ވިސްނުމުގައި ކަމަށް އެމެރީ ވަނީ ބުނެފަ އެވެ.












