ބާލިން (ފެބްރުއަރީ 18) - ބަޔާން މިއުނިކާ ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ކުޅޭ ފްރާންސް ޕީއެސްޖީ އަށް ބަޔާންގެ ބޯޑު މެމްބަރު އޫލީ ހޯނެސްގެ ބަހުގެ ހަމަލާއެއް އަމާޒުކޮށްފި އެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ބުރުގެ ފުރަތަމަ ލެގުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ބަޔާން ވަނީ ޕީއެސްޖީ އަތުން 1-0 އިން ރަށުން ބޭރުގައި މޮޅުވެފަ އެވެ. މީގެ ކުރިން، 2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބަޔާނުން ވަނީ ޕީއެސްޖީ ބަލިކޮށްފަ އެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ހޯނެސް ވިދާޅުވީ އެ މެޗުން ފެނިގެންދިޔައީ "ފައިސާއަކުން އަބަދު ގޯލެއް ނުޖެހޭނެކަން،" ކަމަށެވެ.
"ޕީއެސްޖީ އަތުން މޮޅުވުމަކީ އަހަރެން ވަރަށް ބޭނުންވާ ކަމެއް،" ބަޔާންއާ ދެކޮޅަށް ކުޅޭ ޓީމުތަކަށް އާންމުކޮށް ބަހުގެ ހަމަލާތައް ދޭ ހޯނެސް ވިދާޅުވި އެވެ.
ގަތަރުގެ ސްޕޯޓްސް އިންވެސްޓްމަންޓްސް އިން 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ސްކޮޑަށް އިތުރުކޮށްގެން ހިންގަމުންދާ ޕީއެސްޖީ އަކީ ފާއިތުވި އަހަރުތަކުގައި ކުޅުންތެރިންނަށް އެންމެ ބޮޑު ހޭދައެއްކޮށްފައިވާ އެއް ކްލަބް ވެސް މެ އެވެ.
ޖަރުމަންގެ ކްލަބުތަކަށް ވެސް ބޭރުގެ އިންވެސްޓަރުން ބޭނުންވޭ، ގަވައިދުތައް ބަދަލުކުރަންޖެހޭ
ޔޫރަޕްގެ އެހެން ގައުމުތަކުގެ ކްލަބުތަކަށް ބޭރުގެ އިންވެސްޓަރުން ހަވާލުވެ، ކްލަބުތައް ވަރުގަދަ ކުރަމުންދާއިރު، ޖަރުމަންގެ ކްލަބުތަކަށް ވެސް އެކަން ކުރަންޖެހޭ ކަމަށް ހޯނެސް ވަނީ ވިދާޅުވެފަ އެވެ. އެހެން ނޫންނަމަ، މީގެ އަހަރުތަކެއް ފަހުން ޖަރުމަންގެ ކްލަބުތައް ޔޫރަޕްގެ ފުޓްބޯޅައިގައި ފަހަތަށް ޖެހިދާނެ ކަމަށް ހޯނެސް ދެކިލައްވަ އެވެ.
"ކުރިއަށް އޮތް އަހަރުތަކުގައި ވެސް އިތުރު ކްލަބުތަކެއް ބޭރުގެ އިންވެސްޓަރުން ގަންނާނެ. މިކަމުގައި ބޮޑަށް މި އިންވެސްޓްކުރަނީ ވެސް މެދުއިރުމަތީގެ ގައުމުތަކުން،" ހޯނެސް ބުންޏެވެ.
ޖަރުމަންގެ ފުޓްބޯޅައިގެ "1+50" ގަވައިދުވާ ގޮތުން ފުޓްބޯޅަ ކްލަބެއްގެ ހިއްސާގެ ބޮޑުބައެއް ލިބެންޖެހޭނީ ކްލަބުގެ މެމްބަރުންނަށެވެ. އެހެންކަމުން، ޖަރުމަންގެ ފުޓްބޯޅަ އަށް ވަންނަ ބޭރުގެ އިންވެސްޓަރުން ފަސްޖެހެ އެވެ.
ހޯނެސް ބުނީ "1+50" ގަވައިދު އުވާލުމަކީ، ބަޔާނުން ތާއީދުކުރާނެ ކަމެއް ކަމަށެވެ.
ހޯނެސް ބުނީ އެ ގަވައިދާ ހެދި ބައިނަލްއަގުވާމީ ކްލަބު ފުޓްބޯޅައިގައި ބަަޔާން ފަހަތަށް ޖެހުމުގެ ބިރު ބޮޑު ކަމަށެވެ.












