މައްސަލައެއްގެ ހުކުމް އިއްވުމަށް ފަހު، ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓަށް ބަދަލެއް ގެނައި މައްސަލައެއްގައި ޏ. ފުވައްމުލަކުގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު އަކްރަމް ހަތް ދުވަހަށް ސަސްޕެންޑްކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ބުނި ގޮތުގައި، ހަތް ދުވަހުގެ މުއްދަތަކަށް މެޖިސްޓްރޭޓް އަހުމަދު އަކުރަމް ސަސްޕެންޑްކުރަން ނިންމީ އެ މުއްދަތުގައި އޭނާއަށް ލިބެން ޖެހޭ މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށެވެ.
މައްސަލައިގެ ހުކުމަށް ފަހު ކޯޓުން ދޫކުރި ރިޕޯޓާއެކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ. އަދި ހައި ކޯޓުން އެދުމުން، ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން ވެސް މައްސަލައިގެ ރިޕޯޓް އެ ކޯޓަށް ފޮނުވި އެވެ.
ނަމަވެސް ޕީޖީ އޮފީހުން ހުށަހެޅި ރިޕޯޓުގައި ނުހިމެނޭ ނުކުތާއެއް ކޯޓުން ފޮނުވި ރިޕޯޓުގައި ފާހަގަވެފައިވާއިރު، އެއީ ހުކުމަށް ފަހު އަދި ޝަރީއަތުގެ މަޖިލީހުގައި ވެސް އެ މެޖިސްޓްރޭޓް ފާހަގަ ކޮށްފައިނުވާ ނުކުތާއެއް ކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުންޏެވެ.













