ޕެރިސް (ފެބްރުއަރީ 15) - ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ބުރުގެ ފުރަތަމަ ލެގުގައި ރޭ ބަޔާން މިއުނިކް އަތުން އަމިއްލަ ދަނޑުގައި ޕީޢެސްޖީ ބަލިވިޔަސް، ކުއާޓާ ފައިނަލަށް ދިއުމުގެ އުންމީދު ނުގެއްލޭ ކަމަށް ޕީއެސްޖީގެ ކޯޗު ކްރިސްޓޯފް ގަލްޓިއޭ ބުނެފި އެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޮޅު ފްރާންސްގެ މިޑްފީލްޑަރު ކިންގްސްލީ ކޯމަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެޗުގެ ބޮޑުބައިގައި ޕީއެސްޖީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނު ނަމަވެސް، އެ ޓީމުގެ ތަރި ކިލިއަން އެމްބާޕޭ ދެ ވަނަ ހާފުގައި ކުޅެން އެރި ހިސާބުން ޕީއެސްޖީގެ ކުޅުން ރަނގަޅުވި އެވެ. އެމްބާޕޭ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ވެސް ނިންމައިފަ އެވެ.
މެޗަށް ފަހު ގަލްޓިއޭ ބުނީ މެޗުން ބަލިވިޔަސް، ޕީއެސްޖީ އަށް ކުއާޓާ ފައިނަލުގެ ފުރުސަތު ނުގެއްލޭ ކަމަށެވެ.
"މި ނަތީޖާއާއެކު އެއްވެސް ޓީމަކަށް އަދި ކުއާޓާ ފައިނަލްގެ ޖާގައެއް ޔަގީނެއް ނުވޭ އަދި އެއްވެސް ޓީމެއް މުބާރާތުން ނުކަޓާ. ދެ ވަނަ ލެގު މި އޮތީ ތިން ހަފުތާ ފަހުން. މިރޭ (ރޭ)ގެ މެޗު ފަހު 25 ވަރަކަށް މިނިޓުގައި ދެއްކި ކުޅުން ދައްކައިފިނަމަ، އަހަރަމެންނަށް ބަޔާން ބަލިކުރެވިދާނެ،" ގަލްޓިއޭ ބުންޏެވެ.
ގަލްޓިއޭ ބުނީ ދެ ވަނަ ލެގަށް ކުރިމަތިލާއިރު، އިންޖަރީން އެނބުރި އައި ކުޅުންތެރިންނަށް ފިޓުވުމަށް ވަގުތު ލިބޭނެ ކަމަށެެވެ. އެއީ ޕީއެސްޖީގެ ކުޅުމުން ތަފާތު ފެންނާނެ ކަމެއް ކަމަށް ގަލްޓިއޭ ގަބޫލުކުރެ އެވެ.
ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ވަނީ އެ ޓީމުގެ ކުޅުންތެރިން ރަށުންބޭރުގައި ޔޫރަޕްގެ ގަދަބާރެއް ކަމަށްވާ ޕީއެސްޖީ ކައިރިން ނަތީޖާ ނެރެން ދެއްކި ހިތްވަރަށް ތައުރީފުކޮށްފަ އެވެ.












