ރާއްޖޭގައި މި ވަގުތު ހިންގަމުން އަންނަ އެންމެ ޒަވާންވީ ކުލަބު ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކުލަބަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ހާއްސަ ފުޓްބޯޅަ މުބާރާތެއް ބާއްވަން އެ ކްލަބުން ނިންމައިފި އެވެ.
ރާއްޖޭގެ ކުޅިވަރުގައި ހާއްސަ ދަރަޖައެއް ލިބިފައިވާ އެއް ކްލަބް ކަމަށްވާ ވިކްޓަރީ ވުޖޫދުވީ 1971 ވަނަ އަހަރު އެވެ. ވިކްޓަރީ އަށް 50 އަހަރު ފުރުނީ 2021 އަހަރުގެ ޖުލައި މަހުގަ އެވެ. އޭރު އެކުލަބު އޮތީ ސަސްޕެންޝަނެއްގެ ތެރޭގަ އެވެ. ކުލަބުގެ ދަރަނިތައް ހަލާސްކޮށް ކުލަބު ކޮޅަށް ޖެހުމަށް ކުރަމުން އަންނަ މަސައްކަތުގައި އެ ކުލަބު ދެ ވަނަ ޑިވިޝަންގައި ވާދަކުރީ މިދިޔަ އަހަރު އެވެ.
މިދިޔަ އަހަރު ކުލަބުގެ ޓާގެޓް ކަމަށްވާ ދަރަނި އަދާކޮށް ދެ ވަނަ ޑިވިޝަންގައި ވާދަކުރުމުގެ ޓާގެޓް ހާސިލްކޮށް މިފަހަރު އެކުލަބުން އަންނަނީ ދުރާލާ ދެ ވަނަ ޑިވިޝަނަށް ތައްޔާރު ވަމުންނެވެ. އެ ގޮތުން ކޯޗަކަށް ސޮބާހު މުހައްމަދު (ސޮބާ) ހަމަޖައްސައި، ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ގައުމީ ޓީމުގެ ކެޕްޓަން، އަކުރަމް އަބްދުލްގަނީ (އަކޫ) އާއި މުހައްމަދު އުމެއިރު ވަނީ އެ ކުލަބަށް ގެނެސްފަ އެވެ.
"މިދިޔަ އަހަރު ޓާގެޓަކީ ދަރަނިން ސަލާމްވެ މުބާރާތުގައި ބައިވެރިވުން. އެ ކަން ކުރެވުނު މިދިޔަ އަހަރު. މި ފަހަރު ހަމަ ޓާގެޓަކީ ފަސްޓަށް އެރުން. ރަނގަޅަށް ތައްޔާރުވެ، ވަރުގަދަ އަށް މި ނިކުންނަނީ. އުމެއިރު އާއި އަކުރަމްގެ އިތުރުން ހަމަ ވަރުގަދަ ކުޅުންތެރިންތަކެއް ވިކްޓްރީއާ ގުޅޭނެ" ވިކްޓަރީގެ ޓެނިކަލް ޑައިރެކްޓަރު މުހައްމަދު އާދަމް ބުންޏެވެ އެވެ.
ވިކްޓަރީ އިން މި އަހަރު ދުރާލާ ސީޒަނަށް ތައްޔާރުވުމުގެ އިތުރުން މި އަހަރު މުހިންމު ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވައިފަ އެވެ. އެއީ އެ ކުލަބަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ. ކުލަބަށް 2021ގައި 50 އަހަރު ފުރުނުއިރު އެކުލަބުގެ ހަރަކާތެއް ނުބޭއްވުނީ އެއީ ކޮވިޑް-19ގެ ދުވަސްވަރަށް ވެފައި އޭރު ކުލަބުގެ ހާލަތަށް ބަލާފައި ކަމަށް ކުލަބުން ހާމަކުރި އެވެ.
މުހައްމަދު ބުނީ ބޭރުގެ ކުލަބެއް ހިމެނޭ ގޮތަށް ރާއްޖޭގެ ކުލަބުތަކާ އެކު ހާއްސަ މުބާރާތެއް މި އަހަރު ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، ސްޕޮންސަރުންނާ ވެސް ވާހަކަދެކެވެމުން އަންނަ ކަމަށެވެ.
"50 އަހަރު ފުރުން ފާހަގަކުރަން އެބަ ރާވަން އިންޑިއާގެ އެއް ޓީމު ނުވަތަ ދެ ޓީމާ ރާއްޖޭގެ ހަތަރު ވަރަކަށް ކުލަބަށް ދައުވަތުދީގެން މުބާރާތެއް ކުޅެން. އެކަމަށް އެބަ ތައްޔާރުވަން. އެފްއޭއެމުން ލިބޭ ތާރީހެއްގައި އެ މުބާރާތް ބޭއްވުން ޓާގެޓަކީ" މުހައްމަދު ބުންޏެވެ
ވިކްޓަރީ އިން މި ފަހަރުު ކޯޗަކަށް ސޮބާ ހަމަޖެއްސުމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަށް ޖަވާބުދެމުން މުހައްމަދު ބުނީ ސޮބާ އަކީ ފުރަތަމަ ޑިވިޝަނަށް ޓީމެއް ނެގުމަށް އެންމެ ކުޅަދާނަ ކޯޗުކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން، ސޮބާ އަށް އިތުބާރުކޮށްފައި، ވިކްޓަރީގެ މަސައްކަތް ހަވާލުކުރީ ކަމަށް މުހައްމަދު ވަނީ ބުނެފަ އެވެ.
މުހައްމަދު ބުނީ ވިކްޓްރީގެ ނަމަށް ބަލާއިރު އެއްވެސް މީހަކު އެ ކުލަބުން ދަށް ޓީމެއް ނެރެން ބޭނުން ނުވާނެ ކަމަށާއި، މިދިޔަ އަހަރު ވެސް ހާލަތު ކޮންމެ ގޮތަކަށް އޮތަސް ވަރުގަދަ ޓީމެއް ނެރުމަށް މަސައްކަތްކުރި ކަމަށެވެ. އެކަމަކު، ފަހު ވަގުތު އެ މަސައްކަތް ކާމިޔާބު ނުވީކަމަށް މުހައްމަދު އެއްބަސްވި އެވެ.
"ސަޕޯޓަރުން ވެސް ބޯޑަކުން ވެސް ބޭނުމެއް ނުވޭ ވިކްޓްރީގެ ދެރަ ޓީމެއް ނުކުންނާކަށް. ރަނގަޅު ކުޅުންތެރިންތަކެއް ޓީމަށް ސޮއިކުރާނެ. ގިނަ ކުޅުންތެރިންނާ އެބަ ވާހަކަދެކެވޭ. އޭގެ ތެރެއިން ބައެއް ކުޅުންތެރިން ފަިއނަލް ވެފައިތިބީވެސް. ކުރިއަށް އޮތް ތާނގައި އިއުލާންކުރާނެ." ވިކްޓަރީ ކޯޗަކަށް ކުރިން މަސައްކަތް ކުރި މުހައްމަދު ބުންޏެވެ.
"މިދިޔަ އަހަރު 50 އަކަށް ކުޅުންތެރިންނާ ވާހަކަދެއްކިން. އެކަމަކު 8 ކުޅުންތެރިން ލިބުނީވެސް. އެހެން ހުރިހާ އެންމެންވެސް ޓީމްތަކަށް ސޮއިކޮށްފައި ތިބީ. ދެން ގެނައި ބިދޭސީ ކުޅުންތެރިންނަށް ބޮޑަށް ބަރޯސާވީ. އެކަމަކު އެމީހުންނަށް ހީކުރިވަރާ ގާތަށްވެސް ނުކުޅެވުނު"
މިދިޔަ އަހަރާ ބަލާއިރު މި އަހަރު ތަފާތުވަނީ ކޮންކަމެއްތޯ އެހުމުން މުހައްމަދު ބުނީ މިދިޔަ އަހަރު ދަރަނިތައް އަދާކޮށްފައި ޓީމެއް ބިނާ ކުރަން ވަގުތު ނުލިބުނީ ކަމަށާއި، މި ފަހަރު ދުރާލާ ރަނގަޅު ޓީމެއް ބިނާކުރެވޭނެ ކަމަށެވެ.
ވިކްޓަރީ މެނޭޖްމަންޓުން މި އަހަރަށް ކަނޑައެޅި ޓާގެޓަކީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން އެފްއޭ ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރުމެވެ.












