ސޮބާ: ކެރިއަރުގެ ފައުންޑޭޝަން އަޅައިދިން ކްލަބާ އެކު އުންމީދީ މަސައްކަތަކަށް

Feb 14, 2023, 6:58 AM
ވިކްޓަރީން ރޭ ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގެ ތެރެއިން ސޮބާ ވާހަކަ ދައްކަނީ.--- ފޮޓޯ: އަދަދު

ވިކްޓަރީން ރޭ ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގެ ތެރެއިން ސޮބާ ވާހަކަ ދައްކަނީ.--- ފޮޓޯ: އަދަދު

ވިކްޓަރީ ސްޕޯޓްސް ކްލަބަކީ އޭނާގެ ކެރިއަރުގެ މުހިންމު ފައުންޑޭޝަނެއް އަޅައިދިން ކުލަބެއް ކަމަށާއި، ދުރާލާ ތައްޔާރުވެ، އެ ކުލަބުގެ މި އަހަރުގެ ޓާގެޓަށް ހާސިލްވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކޯޗު ސޮބާހު މުހައްމަދު ބުނެފި އެވެ.

މި ސީޒަންގެ ދެ ވަނަ ޑިވިޝަންގައި ކުޅޭނެ ވިކްޓަރީއާ ސޮބާ ހަވާލުވީ އެކުލަބު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށް އެފްއޭ އެކަޕްގެ ރަނގަޅު ހިސާބަކަށް ޓީމް ގެންގޮސްދިނުމުގެ ޓާގެޓާ އެއް ކޮށެވެ. ވިކްޓަރީން ރޭ ވަނީ އެ ކުލަބާ ގުޅުނު ފުރަތަމަ ކުޅުންތެރިން ކަމަށްވާ، ގައުމީ ޓީމުގެ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި މުހައްމަދު އުމެއިރުއާ އެކު ކޮންޓްރެކްޓްގައި ސޮއިކޮށްފަ އެވެ. ދެ ކުޅުންތެރިން ވެސް ކުރިން ވަނީ ވިކްޓަރީ އަށް ކުޅެފަ އެވެ.

ސޮބާގެ ކެރިއަރުގެ އެންމެ ކާމިޔާބު އަހަރުތައް ހޭދަކުރި އެއް ޓީމަކީ ވިކްޓަރީ އެވެ.

ވިކްޓަރީގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ސޮބާ ބުނީ، ވިކްޓްރީ އާ ހަވާލުވުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އެ ކުލަބުން އޭނާ އަށް އިތުބާރުކޮށްފައި، މި ފަދަ މަސައްކަތެއް ހަވާލުކުރުމުން އުފާކުރާ ކަމަށް ވެސް ސޮބާ ވަނީ ބުނެފަ އެވެ.

ސޮބާ ބުނީ ކެރިއަރުގެ އެންމެ މުހިންމު ފައުންޑޭޝަން އަޅައިދިން ކުލަބު ފުރަތަމަ ޑިވިޝަނަށް އަރުވައިދިނުމަކީ ޓާގެޓް ކަމަށާއި އެކަން ކުރެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.

"މިފުރުސަތަށް އަޅުގަނޑު ވަރަށް އުފާކުރަން، ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް މިއީ، އަޅުގަނޑުގެ ކެރިއަރުގައި ވަރަށް ބޮޑު ފައުންޑޭޝަނެއް އަޅައިދިން ކުލަބެއް ވިކްޓްރީ އަކީ. ކެރިއަރުގައި ވަރަށް ބައިވަރު ކާމިޔާބީތަކެއް ލިބުނު ކުލަބެއް ވިކްޓަރީ އަކީ. ދެން ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްލަން އެ އިތުބާރުކޮށް މެނޭޖުމަންޓުން ހަވާލުކުރުމަކީ ވަރަށް އުފާކުރާ ކުރާކަމެއް." ފުރަތަމަ ޑިވިޝަންގައި ނިއުރޭޑިއަންޓް، ވެލެންސިއާ އަދި ކުލަބު ގްރީން ސްޓްރީޓްސް އަށް ކޯޗުކޮށްދީފައިވާ ސޮބާ ބުންޏެވެ.

ސޮބާ ވަނީ މިދިޔަ އަހަރު ނިއުރޭޑިއަންޓާ ހަވާލުވެ، އެ ކުލަބު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކުރުމުގެ މަސައްކަތްކޮށްފަ އެވެ. މިދިޔަ ސީޒަންގައި ނިއުއާ އެކު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ތައްޔާރުވާން ވަގުތު ނުލިބުން ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.

ނިއު ސަސްޕެންޝަނުން ސަލާމަތްވެ، ރަނގަޅަށް ޕްރެކްޓިސް ކޮށްލަން ވަގުތުވެސް ނުލިބުނީ ކަމަށް ވެސް ސޮބާ ބުނެފައިވެ އެވެ. އެހެން ނަމަވެސް މި އަހަރު ދުރާލާ މުބާރާތަށް ތައްޔާރުވާން ވިކްޓަރީގެ މެނޭޖްމަންޓުން ފުރުސަތު ފަހިކޮށްދޭނެ ކަމަށް ބުނެފައިވާތީ މިއީ ރަނގަޅު ނިންމުންކަމުގައި ގަބޫލުކުރާ ކަމަށް ސޮބާ ބުންޏެވެ.

ވިކްޓަރީ އަށް އަކުރަމް އާއި އުމެއިރު ކަހަލަ ކުޅުންތެރިން ގެނައުމަކީ ބޭނުންވާ ޓާގެޓްތަކަށް ދާން ބަލާއިރު، ފަސޭހައެއް ކަމަށް ސޮބާ ގަބޫލުކުރެ އެވެ.

"މިދިޔަ އަހަރު ދިޔަކަމުގައި ވިޔަސް، މި އަހަރު ފުރަތަމަ ޓާގެޓަކީ ފަސްޓް ޑިވިޝަނަށް ޕްރޮމޯޓްކުރުން. ގައުމީ ޓީމްގެ ކެޕްޓަން އަކޫ، ދެން އުމެއިރު ހިމެނޭ ގޮތަށް ރަނގަޅު ޓީމެއް ބިނާކޮށް ފަސްޓަށް އެރުވުން ޓާގެޓަކީ. އެ އިތުބާރު އެބައޮތް. އެއީ މި ނިކުންނަނީ މި ކުލަބުގެ އެކި ހާލަތުގައި ކުލަބާ އެކު މަސައްކަތްކޮށްފައި ހުރީ." ސޮބާ ބުންޏެވެ.

ސޮބާ ބުނީ ފުރަތަމަ ޓާގެޓަކީ ފަސްޓް ޑިވިޝަނަށް ޕްރޮމޯޓްވުންކަމަށާއި، ދެން އޭގެ ފަހުން ބޭނުންވަނީ ސީޒަންގެ ފަހުކޮޅު އޮންނަ އެފްއޭ ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރުން ކަމަށެވެ. ރަނގަޅު ޓީމެއް ބިނާ ކުރަން މިހާރު ވެސް ކުޅުންތެރިންނާ ވާހަކަ ދެކެވެމުން އަންނަ ކަމަށާއި، ރަނގަޅު ކުޅުންތެރިންތަކެއް ޓީމާ ގުޅޭނެ ކަމުގެ ޔަގީން ކަން ވެސް ސޮބާ ވަނީ ދީފަ އެވެ.

ކުލަބު ގްރީން ސްޓްރީޓްސް ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި، 2017 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅުނުއިރު، އެ ދެ އަހަރު އެ ކްލަބްގައި ސޮބާ ރަނގަޅު މަސައްކަތެއް ކުރި އެވެ.

ސޮބާ ބުނީ ވިކްޓަރީން ގެންނަ ބިދޭސީ ކުޅުންތެރިންނަކީ ވެސް ފެންވަރު ރަނގަޅު ކުޅުންތެރިންނަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށާއި، އެ ކުޅުންތެރިންނާ އެކު ވިކްޓްރީ ނިކުންނާނީ ވަރުގަދަކޮށް ކަމަށެވެ.

ދިވެހި ފުޓްބޯޅައަށް ހެޔޮ ބަދަލެއް އައިސް ފޯރި ދެމެހެއްޓުމަށްޓަކައި ނިއު އާއި ވިކްޓްރީ ފުރަތަމަ ޑިވިޝަންގައި އޮތުން މުހިންމު ކަމަށް ސޮބާ ދެކެ އެވެ.

ސޮބާ ބުނީ މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަންގައި ނިއު އާއި ކުޅުނު މެޗުން އެކަން ފެނުނު ކަމަށާއި، ޕްރިމިއާ ލީގުގައި ނުފެންނަ ވަރުގެ ސަޕޯޓެއް އެ މެޗުން ފެނުމަކީ ދިވެހި ސަޕޯޓަރުން އަދިވެސް ތިބި ކަމުގެ ހެއްކެއް ކަމަށެވެ.

ވިކްޓްރީ މިހާރު އޮތް ހާލަތުން ނެގުމަށް ކުރީގެ ކުޅުންތެރިންނާއި ކޯޗުން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި، އެއީ ޒިންމާއެއް ކަމުގައި ދެކިގެން އެންމެން ބައިވެރިވުމަށް ސޮބާ ގޮވާލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox