މިލާން (ފެބްރުއަރީ 13) - އިޓާލިއަން ލީގުގައި ކްރެމޮނެސޭ އަތުން 3-0 އިން މޮޅުވެ، ނަޕޯލީން ލީގުގެ އެއް ވަނައިގައި 16 ޕޮއިންޓަށް ލީޑުފުޅާކުރިއިރު، ފިއޮރެންޓީނާ އަތުން 1-0 އިން މޮޅުވެ، ޔުވެންޓަސް ފިޔަވަޅެއް ކުރިއަށް ޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ އަށް 22 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އިންޓަ މިލާނަށް ލިބިފައިވަނީ 21 މެޗުން 43 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އެޓަލަންޓާ އާއި ހަތަރެއްގައި އޮތް ރޯމާ އަދި ފަސް ވަނައިގައި އޮތް އޭސީ މިލާނަށް ވަނީ 22 މެޗުން 41 ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި ލާޒިއޯ އޮތީ 22 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ.
ތާވަލުގެ ފުލުގައި އޮތް ކްރެމޮނެސޭއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު ނަޕޯލީން ލީޑުނެގީ މެޗުގެ 20 ވަަނަ މިނިޓްގައި ޖިއޯޖިއާގެ މިޑްފީލްޑަރު، ކްވިޗާ ކްރަވަޝްކޭލިއާ ޖެހި ގޯލުންނެވެ. އަރިމަތިން ލިބުނު ބޯޅަ ހިފައިގެން އޭރިއާއަށް ވަދެ، ކްރަވަޝްކޭލިއާ ތިރިތިރިން ޖެހި ބޯޅަ ވަނީ ގޯލުގެ ދުރު ކަނަށެވެ. މިއީ، 22 ވަނަ އުފަން ދުވަސް ފާހަގަކުރަން ކްރަވަޝްކޭލިއާ ޖެހި އިންޑިވިޖުއަލީ މޮޅު ގޯލެކެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭގައި ނަޕޯލީގެ މެކްސިކޯ ފޯވާޑް، ހާވިން ލޮޒާނިއޯ ޖެހި ޝޮޓް ކްރެމޮނެސޭގެ ކީޕަރު، މާކޯ ކާނެސޭޗީ ވަނީ މަތަކޮށްފަ އެވެ. މެޗުގެ 65 ވަނަ މިނިޓްގައި ނަޕޯލީން ނެގި ކޯނަރެއްގައި އެ ޓީމުގެ ދެކުނު ކޮރެއާ ޑިފެންޑަރު، ކިމް މިން ޖައެ ހުރަސްކޮށްލި ބޯޅަ ގޯލު ރޮނގުމަތިން، ވިކްޓަ އޮސީމެން އަށް ލިބުމުން ވަނީ ގޯލަށް ވައްދާލައިފަ އެވެ. މިއީ މި ފަހަރު ލީގުގައި އޮސީމެން ޖެހި 17 ވަނަ ގޯލެވެ.
މެޗުގެ 78 ވަނަ މިނިޓްގައި ޑީ ލޮރެންޒޯ ދިން ބޯޅައަކުން އޭރިއާތެރެއިން އެލްޔިފް އެލްމާސް ވަނީ ނަޕޯލީގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން އެލްމާސް ޖެހި ގޯލެކެވެ.
ނަޕޯލީން ބޮޑު ލީޑަކާ އެކު އެއް ވަނައިގައި އޮތްއިރު، މިއީ 1990 ވަނަ އަހަރަށް ފަހު އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބޭނެ އަހަރު ކަމަށް ހަދަން އަދިވެސް ގިނަ މަަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށް އެ ޓީމުގެ ކޯޗު ލޫޝިއާނޯ ސްޕަލެއްޓީ ވަނީ ބުނެފަ އެވެ.
ރޭ އަމިއްލަ ދަނޑުގައި ކުޅުނު ޔުވެންޓަސް އިން ފިއޮރެންޓީނާ ބަލިކުރިއިރު, މެޗުގެ ހަމައެކަނި ގޯލު ޖެހީ 34 ވަނަ މިނިޓްގައި ޔުވެންޓަސްގެ ސާބިއާ ފޯވާޑް, ޑޫސާން ވްލަހޯވިޗް އެވެ. މިއީ އޭރިއާތެރެއިން އެންހެލް ޑި މާރިއާ ނެގި ހުރަހަކުން ވްލަހޯވިޗް ޖެހި ގޯލެކެވެ. ވްލަހޯވިޗް ފޮނުވާލި ބޯޅަ ފިއޮރެންޓީނާގެ ކީޕަރު ޕިއެޓްރޯ ޓިއެރަޝިއާނޯ ވަނީ މަތަކޮށްފަ އެވެ. އެކަމަކު، ގޯލް ލައިން ޓެކްނޮލޮޖީގެ އެހީގައި ރެފްރީ ވަނީ އެ ބޯޅަ ގޯލުގެ ރޮނގު ހުރަސްކުރި ކަމަށް ބުނެ، ގޯލެއް ކަމަށް ނިންމައިފަ އެވެ.
މި މޮޅާ އެކު ޔުވެންޓަސް ލީގުގެ ނުވަ ވަަނައިގައި އޮތީ 22 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ.












