ގައުމީ ޓީމަށް މިއަހަރު އިތުރުކުރި ދެ ޖާގަ އަށް އެތުލީޓުން ހޮވުމަށް ކުރިއަށްގެންދިޔަ ސެލެކްޝަން ޓްރަޔަލްސް އިން ކުރި ހޯދައި އިސްމާއިލް ރަޝީދު (ސްމައިލީ) އާއި ހުސައިން އަރީފް (އިބޫ) ގައުމީ ޓީމުން ޖާގަ ހޯދައިފި އެވެ.
ގދ. ގައްދޫގައި އިއްޔެ ސާފިން ގައުމީ ޓީމްގެ ސެލެކްޝަން ޓްރަޔަލްސް ކުރިއަށްދިޔައީ މިދިޔަ އަހަރުގެ ގައުމީ ސާފް ލީގުން ގައުމީ ޓީމަށް ހޮވުނު ހަތަރު ސާފަރުން ނުހިމަނައި، ދެން ކުރީގައި އޮތް 16 ސާފަރުންނާ އެކުގަ އެވެ.
ސްމައިލީ އާއި އިބޫގެ އިތުރުން ގައުމީ ޓީމްގައި ދެން ހިމެނެނީ އަހުމަދު އާގިލް (އަންމަޑޭ)، ނަޖާހު މުހައްމަދު (ކަނބޯ)، ޖައިލަމް ނިޒާރު އަދި ހޫދު އަހުމަދު އެވެ.
ގައުމީ ޓީމުގެ ފަސް ވަނަ ޖާގަ ސްމައިލީ ހޯދީ ފައިނަލް ހީޓު 18.66 ގެ ސްކޯ އަކުން ކާމިޔާބު ކޮށްގެންނެވެ. އަމިއްލަ ރަށުގައި ކުރިއަށްދިޔަ ޓްރަޔަލްސްގެ ފައިނަލުގައި ސްމައިލީ ވަނީ 9.83 ގެ ސްކޯއަކާއި 8.33ގެ ސްކޯއެއް ދެ ރާޅުގައި ސްކޯކޮށްފަ އެވެ. ދެ ވަނަ އަށް ގޮސް ގައުމީ ޓީމްގެ ފަހު ޖާގަ ހޯދި އިބޫ އަށް ހޯދުނީ 17.16 ގެ ސްކޯ އެކެވެ. ފައިނަލުގައި ސްމައިލީ އާއި އިބޫ ހޯދި ސްކޯ އަކީ ސެލެކްޝަން ޓްރަޔަލްސްގެ އެންމެ މަތީ ދެ ސްކޯ އެވެ.
ފައިނަލު ހީޓުގައި ވާދަކޮށް ގައުމީ ޓީމުން ޖާގަ ނުލިބުނު ދެ ސާފަރުންނަކީ ހަސަން ނާސިހު އާއި މުހައްމަދު އިރުޝާދު (ބިއްލޫ) އެވެ. ނާސިހު 11.70 ގެ ސްކޯއެއް ހޯދިއިރު، އިރުޝާދު އަށް ލިބުނީ 9.87ގެ ސްކޯއެކެވެ.
އިރުޝާދު އަކީ މިދިޔަ އަހަރުގެ ގައުމީ ސާފިން މުބާރާތް ކަމަށްވާ "ރަންނަމާރި ޗެލެންޖު"ގެ ޗެމްޕިއަނެވެ.
މީގެ ކުރިން ވެސް ގައުމީ ޓީމްގައި ހިމެނުނު ސްމައިލީ ސެމީ ފައިނަލު ހީޓު ކާމިޔާބުކުރީ އިރުޝާދު، އިބްރާހިމް އައިމަން އާރިފް އަދި މުހައްމަދު ރިފާސްއާ ވާދަކޮށެވެ. ސެމީގައި ދެ ރާޅުން އޭނާ 16.83 ގެ ސްކޯއެއް ހޯދި އެވެ. ކުއާޓާ ފައިނަލު ހީޓު ސްމައިލީ ކާމިޔާބުކުރީ 15.00ގެ ސްކޯ އަކާ އެކުގަ އެވެ.
ރާއްޖޭގެ ސާފިން ލެޖެންޑު އިބޫ ސެމީ ފައިނަލް ހީޓު ކާމިޔާބުކުރީ 15.83ގެ ސްކޯ އަކުންނެވެ. މި ހީޓުގައި އޭނާއާ ވާދަކުރީ ހަސަން ނާސިހު، އާދަމް މުއީން އިބްރާހިމް އަދި މުހައްމަދު ފަޔާޒު (ޕެލޭ) އެވެ.
މި އަހަރުގެ ގައުމީ ޓީމުން ސްމައިލީ އާއި އިބޫ އަށް ޖާގަ ލިބުނުއިރު، މި ދެ ސާފަރުންނަކީ 2019 ގައި ވެސް ގައުމީ ޓީމްގައި ހިމެނި ރާއްޖެ ތަމްސީލުކުރި ދެ އެތުލީޓުންނެވެ. މި ގޮތުން އެ އަހަރު އޮތް އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ވެސް މި ދެ ބައިވެރިން ވާދަކުރި އެވެ. އޭޝިއާގެ ގަދަ ހަތަރު ބޯޑަރުން ވާދަކުރި މި ފައިނަލުން ދެ ބައިވެރިން ބަލިވި ނަމަވެސް، އިބޫ ތިން ވަނަ ހޯދައި ބްރޮންޒް މެޑަލް ހޯދި އެވެ. ސްމައިލީ އަށް ލިބުނީ ހަތަރު ވަނަ އެވެ.
މި އަހަރުގެ ގައުމީ ޓީމް ހޮވުމަށް ކުރިއަށްދިޔަ ޓްރަޔަލްސް އަށް ފަހު އަންނަ އަންގާރަ ދުވަހު ގައުމީ ސާފް ލީގު 2023 ފަށާނެ އެވެ. މިއަހަރުވެސް ލީގު ފަށާނީ ގައްދޫގައި ބާއްވާ "ކަޅެގަލެކޮޑާ" މުބާރާތާ އެކުގަ އެވެ.












