ޕެރިސް (ފެބްރުއަރީ 11) - ފްރެންޗް ލީގުގައި މިރޭ ކުޅުނު މެޗުން މޮނާކޯ އިން ގޯސް ފައްތަރެއްގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އަތުން 3-1 އިން މޮޅުވެއްޖެ އެވެ.
މި މެޗަށް ނުކުތްއިރު، އަނިޔާގެ މައްސަލަތަކެއްގެ ސަބަބުން ޕީއެސްޖީގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ލިއޮނަލް މެސީ އާއި ކީލިއަން އެމްބާޕޭ ނުކުޅެ އެވެ. ނޭމާ މި މެޗުގައި ކުޅުނު ނަމަވެސް އެންމެ އެދެވޭ ވަރުގެ ކުޅުމެއް ނުދެއްކުނެވެ.
އަނެއްކޮޅުން، ޕީއެސްޖީ ޓީމު ތެރޭގައި އުޅޭ ރޯގާއެއްގެ އަސަރުކޮށްގެން ގިނަ ކުޅުންތެރިން ތިބީ އެންމެ ފިޓްކޮށެއް ނޫނެވެ. ޕީއެސްޖީގެ ސާޖިއޯ ރާމޯސް އާއި އަޝްރަފް ހަކީމީ ދެ ވަނަ ހާފުގައި ކުޅެން ނުކުތްއިރު، މާކޯ ވެރާޓީ އާއި ރެނާޓޯ ސަންޗޭޒް އަދި ނޯޑީ މުކިއޭލޭ ވެސް ނުކުޅެ އެވެ.
"މި ފަދަ ގޮތަކަށް ކޮންމެ ހާލަތެއްގައި ތިބެ ވެސް މެޗު ކުޅެން ޖެހޭކަން އެބައެނގޭ. އެހެންވީމަ ޝަކުވާއެއް ނުކޮށް އަހަރެމެން ކުރިއަށް މި އޮތް އުނދަގޫ ޝެޑިއުލްގެ ތެރެއިން ވެސް ކުރިއަށް ދެވޭތޯ ބަލަންވީ،" މިރޭގެ މެޗަށް ފަހު ޓީމުގެ ހާލަތަށް އިޝާރާތްކޮށް، ޕީއެސްޖީގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ބުންޏެވެ.
"މިހާރު ކަންތައް މި ވާގޮތުން އަހަަރެެމެން ކުރިއަށް ވުރެ ބޮޑަށް ސަމާލުވާން ޖެހޭނެ،"
މޮނާކޯ އިން މިރޭ އެ ޓީމު ދަނޑުގައި ކުޅުނު މެޗުގެ ހަތަރު ވަނަ މިނިޓްގައި ވަނީ ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ ޕީއެސްޖީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން މޮނާކޯގެ ރަޝިއާ ފޯވާޑް، އަލެކްސަންޑަ ގޮލޯވިން އެވެ. މެޗުގެ 18 ވަނަ މިނިޓްގައި ޕީއެސްޖީ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި، މޮނާކޯ އަށް ލީޑުފުޅާކޮށްދިނީ އެ ޓީމުގެ ކެޕްޓަން ވިސާމް ބެން ޔެޑާ އޭރިއާތެރެއިން ޖެހި ގޯލުންނެވެ.
މެޗުގެ 39 ވަނަ މިނިޓްގައި ޕީއެސްޖީގެ 16 އަހަރުގެ މިޑްފީލްޑަރު، ވަރެން ޒައިރޭ އެމެރީ ވަނީ ގޯލެއް ޖަހައި އެ ޓީމަށް އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބެން ޔެޑާ ވަނީ މޮނާކޯ އަށް ތިން ވަނަ ގޯލެއް ޖަހައިދީފަ އެވެ.
ބަދަލުތަކެއް ގެނެސްގެން މި މެޗުގެ ދެ ވަނަ ހާފުގައި ޕީއެސްޖީން ގޯލެއް ޖެހޭތޯ ބެލި ނަމަވެސް އެކަން ކާމިޔާބެއްނުވި އެވެ.
މި ނަތީޖާއާ އެކު ޕީއެސްޖީ ލީގުގެ އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ 23 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މޮނާކޯ އަށް ވަނީ 23 މެޗުން 47 ޕޮއިންޓް ލިބިފަ އެވެ.












