ހިލްޓަން އިންޓަނޭޝަނަލަށް 24 މިލިއަން ޑޮލަރު ދެއްކުމަށް ސިންގަޕޫރު އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމް ބަދަލުކުރަން ޖެހޭ ތަނެއް ނެތް ކަމަށާއި އެ ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ފައިސާއިން ބާކީ ނުދައްކާ ހުރި ފައިސާ ދެ ހަފުތާ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ސަން ޓްރެވަލްގެ މައްޗަށް ހުކުމްކޮށްފި އެވެ.
ސަން ޓްރެވަލްއިން 2009 ވަނަ އަހަރު ހިލްޓަންއާ އެކު ނ. އިރުފުށި ރިސޯޓް ހިންގަން ހެދި އެއްބަސްވުން 2013 ވަނަ އުވާލީ ރަނގަޅަށް ނޫން ކަމަށް ސިންގަޕޫރް އާބިޓްރޭޝަނުން ކަނޑައަޅައި، ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދޭން އެ ކުންފުނީގެ މައްޗަށް އަމުރުކުރި އެވެ.
ސިވިލް ކޯޓުގެ ގާޒީ ރިޒުމީނާ އިދުރީސް މިދިޔަ އާދީއްތަ ދުވަހު ނެރުއްވާފައިވާ ހުކުމުގައި ވަނީ ސިންގަޕޫރު އާބިޓްރޭޝަންގެ އެންގުން ބަލައިނުގަވެނޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ފާހަގަ ކުރެވިފައި ނެތް ކަމަށެވެ.
އެހެންކަމުން ބާކީ ދައްކަން ޖެހޭ ފައިސާ އަދި ޖޫރިމަނާއަށް އަރަމުން އަންނަ ފައިސާ، އާދީއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ހުކުމުގައިވެ އެވެ.
ބޭރުގެ އާބިޓްރޭޝަނެއްގެ ނިންމުން ރާއްޖޭގައި ތަންފީޒު ކުރެވޭނީ އެ ނިންމުމެއް ރާއްޖޭގެ ކޯޓަކުން ބަލައިގަތުމަށް ފަހު ކަމަށް ހައި ކޯޓުން ކުރިން މި މައްސަލާގައި ނިންމާފައި އޮތުމުން، ސިވިލް ކޯޓަށް ސަން ޓްރެވެލް އިން ހުށަހަޅައި އެ ނިންމުން ބަލައިނުގަތުމަށް އެދިފައިވެ އެވެ.

ސަން ޓްރެވެލް ކުންފުނިން ބުނަމުން އައީ ހިލްޓަނުން އެއްބަސްވުުން ގާއިމްކުރީ ރާއްޖޭގެ ޕަބްލިކް ޕޮލިސީއާ ހިލާފަށް ކަމަށެވެ. ނަމަވެސް، އެކަން ސާބިތުކުރެވޭނެ ގާނޫނީ ސަބަބެއް އެ ކުންފުންޏަކަށް ކިޔައިދެވިފައިނުވާ ކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައިވެ އެވެ.
މި މައްސަލައާ ގުޅިގެން، މައްސަލާގައި ގޮތެއް ނިމެންދެން ސަން ޓްރެވެލްގެ އެކައުންޓްތައް ވެސް ކުރިން އޮތީ ހިފަހައްޓައިފަ އެވެ. އެ ކުންފުނީގެ ވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ.













