ޓިއުރިން (ފެބްރުއަރީ 8) - އިޓާލިއަން ލީގުގައި ރޭ ކުުޅުނު މެޗުން ސެލަނިޓާނާ އަތުން ޔުވެންޓަސް 3-0 އިން މޮޅުވިއިރު، ޔުވެންޓަސް އަށް ކުޅޭ ސާބިއާ ފޯވާޑް، ޑޫސާން ވްލަހޯވިޗް، ފާއިތުވި ހަތަރު މަހެއްހާ ދުވަަސްތެރޭ ފުރަތަމަ ފަހަރަށް އެ ކްލަބަށް ގޯލެއް ޖަހައިދީފި އެވެ.
ރޭގެ މެޗުގެ ކުރިން ވްހަލޯވިޗް، އެންމެ ފަހުން ކްލަބް މެޗެއްގައި ގޯލެއް ޖެހީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި ޔުވެންޓަސް އިން ޓޮރިނޯއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އޭގެ ފަހުން، އަނިޔާއާ ހެދި ކުޅުމާ ދުރުގައި ހުރުމަށް ފަހު، މިދިޔަ މަހު އެނބުރި އައި ފަހުން ދިޔައީ ގޯލެއް ނުޖެހި އެވެ.
ސެލަނިޓާނާ ދަނޑުގައި ރޭ ކުުޅުނު މެޗުގައި ޔުވެންޓަސް އިން ލީޑުނެގީ 26 ވަނަ މިނިޓްގައި ވްލަހޯވިޗް ޖެހި ޕެނަލްޓީންނެވެ. މިއީ ޔުވެންޓަސްގެ ފަބިއޯ މިރޭޓީ އަށް ސެލަނިޓާނާ އޭރިއާ ތެރެއިން އެ ޓީމުގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ޔުވެންޓަސްގެ ދެ ވަނަ ލަނޑު ޖެހީ ފިލިޕް ކޮސްޓިޗް އެވެ. މިއީ އޭރިއާތެރެއިން ވްލަހޯވިޗް ފޮނުވާލަން އުޅުނު ބޯޅައެއް ރަނގަޅަށް ފަޔަށް ނާރައި ދިޔަ ވަގުތު ކޮސްޓިޗަށް ލިބުމުން ޖެހި ގޯލެކެވެ.
ޔުވެންޓަސް އިން ވަނީ ދެ ވަަނަ ހާފް ފެށިގެން ދެ ވަނަ މިނިޓްގައި އިތުރު ގޯލެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ ނިކޯލޯ ފަޖިއޯލީ ދިން ބޯޅައަކުން އޭރިއާ ރޮނގުކައިރިން ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން، ވްލަހޯވިޗް އެވެ. މިއީ މި ސީޒަނުގައި 18 މެޗުން އޭނާ ޔުވެންޓަސް އަށް ޖަހައިދިން ނުވަ ވަނަ ގޯލެވެ.
މެޗުގައި އިތުރު ގޯލެއް ޖަހަން ޔުވެންޓަސް އެންހެލް ޑި މާރިއާ، މެޗުގެ 52 ވަނަ މިނިޓްގައި އޭރިއާބޭރުން ޖެހި ބޯޅަ ހުރަސްދަނޑިއަށް އަމާޒުވިއިރު، މެޗުގެ ފަހު ކޮޅުގައި ޔުވެންޓަސްގެ މޮއިސް ކީން ޖެހި ބޯޅަ ޖެހުނީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މާލީ މައްސަލަތަކުގެ ސަބަބުން، އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ޔުވެންޓަސްގެ 15 ޕޮއިންޓް އުނިކޮށްފައިވާއިރު، ރޭގެ މޮޅާ އެކު ޔުވެންޓަސް އޮތީ 21 މެޗުން 26 ޕޮއިންޓާ އެކު 10 ވަނައިގަ އެވެ. އެއީ، ޔޫރަޕްގެ މުބާރާތަށް ކޮލިފައިވާ މަގާމަށް ވުރެ، 12 ޕޮއިންޓް ފަހަތުގަ އެވެ.
އެކަމަކު، ޔޫރަޕްގެ މަގާމަށް ވާދަކުރުމުގެ ވިސްނުން އެއް ފަރާތްކޮށް، ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ބުނީ ފުރަތަމަ ވިސްނުމަކީ ޔުވެންޓަސް ރެލިގޭޝަނުން ސަލާމަތްވުން ކަމަށާއި އެކަން ކުރެވޭނީ 40 ޕޮއިންޓް ހަމަކޮށްގެން ކަމަށެވެ.












