ގދ.ފަރެސްމާތޮޑާ އެއާޕޯޓަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ކުރި އިއުލާނެއްގައި ބުނީ، އެ އެއާޕޯޓަށް ފަނަރަ ދާއިރާއަކުން 45 މުވައްޒަފުން ހޯދަން ބޭނުންވާ ކަމަށެވެ.
ރަނގަޅު މުސާރައަކާ އެކު ފަރެސްމާތޮޑާ އެއާޕޯޓަށް ހޯދަން އިއުލާންކޮށްފައިވާ މުވައްޒަފުންގެ ތެރޭގައި އެއާޕޯޓު މެނޭޖަރާއި އޮޕަރޭޝަން އޮފިސަރުންނާއި އެޑްމިނިސްޓްރޭޓިވް އޮފިސަރުންނާއި މަސައްކަތު މީހުންނާއި ސުޕަވައިޒަރުންނާއި މެއިންޓެންންސާއި ސެކިއުރިޓީ އާއި ފަޔާފައިޓަރުންގެ ވަޒީފާތައް ހިމެނެ އެވެ.
މިމަގާމުތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އިއުލާނުގައި ބުނެފައިވެ އެވެ.
ފަރެސްމާތޮޑާ އެއާޕޯޓަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާންކޮށްފައިވާއިރު، އެއާޕޯޓުގެ 85 އިންސައްތް މަސައްކަތް ވަނީ ނިމިފަ އެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.













