ލަންޑަން (ފެބްރުއަރީ 5) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ހެރީ ކޭން ޖެހި، ޓޮޓެންހަމް ހޮޓްސްޕާސްގެ ރެކޯޑް ގޯލުން އެ ޓީމުން 1-0 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފި އެވެ
ކޭން ވަނީ މި މެޗުގައި ޖެހި ލަނޑާ އެކު ޓޮޓެންހަމްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފަ އެވެ. ޓޮޓެންހަމްގެ ކުރީގެ ފޯވާޑް، ޖިމީ ރީވްސް އެ ޓީމަށް 266 ގޯލު ޖަހައިދީގެން ހެދި ރެކޯޑް 53 އަހަރަށް ފަހު ކޭން މި ވަނީ 267 ގޯލު ހަމަކޮށްގެން މުގުރާލައިފަ އެވެ. ކުރިން ޗެލްސީ އަށް ވެސް ކުޅުނު، ރީވްސް ވަނީ 1961-1970 އަށް ޓޮޓެންހަމް އަށް ކުޅުނުއިރު، ކޭން އަންނަނީ 2011 އިން ފެށިގެން ޓޮޓެންހަމް އަށް ކުޅެމުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އެކަނި ވެސް ކޭން މި ވަނީ 200 ގޯލު ޖަހައިފަ އެވެ. އޭނާ އަކީ ނިއުކާސަލް ޔުނައިޓެޑްގެ ފޯވާޑް އެލަން ޝިއަރާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް، ވޭން ރޫނީ އަށް ފަހު، ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ފޯވާޑް އެވެ. ޝިއަރާ 260 ގޯލު ޖެހިއިރު، ރޫނީ ވަނީ 208 ލަނޑު ޖަހައިފަ އެވެ. ކޭން، މި އަދަދަށް ގޯލު ހަމަކުރީ ޝިއަރާ އާއި ރޫނީ އަށް ވުރެ މަދުން މެޗު ކުޅެގެންނެވެ.
ޓޮޓެންހަމް އިން ވަނީ ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ހަތަރު މެޗުގައި ސިޓީ ބަލިކޮށްފަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި ސިޓީން ޓޮޓެންހަމް ދަނޑުގައި ކުޅުނު މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ސިޓީ އަށް އަދި ޓޮޓެންހަމްގެ އާ ސްޓޭޑިއަމްގައި ގޯލެއް ޖެހޭ ގޮތެއްނުވެ އެވެ.
އެ ގޮތުން، ޓޮޓެންހަމަށް ކޯޗުކޮށްދެމުން، މައުރީސިއޯ ޕޮޗެޓީނޯ، ހޯސޭ މޮރީނިއޯ، ނޫނޯ އެސްޕިރީޓޯ ސަންޓޯ އަދި މިހާރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވެސް ވަނީ ސިޓީ ބަލިކޮށްފަ އެވެ.
މިރޭގެ މެޗުގައި ޓޮޓެންހަމަށް ބެންޗުން އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު، ކްރިސްޓިއަން ސްޓެލިނީ އެވެ. އެއީ، ގޯލްބްލެޑާ އޮޕަރޭޝަނެއް ކޮށްފައިވާތީ އެވެ.

ސިޓީގެ ހާލަންޑް އަތުން ބޯޅަ ހޯދަން ޓޮޓެންހަމްގެ ރޮމޭރޯ ޓެކަލް ކުރަނީ.
ސިޓީ ކޮޅަށް ޓޮޓެންހަމް އިން ހަމައެކަނި ގޯލު ޖެހީ މެޗުގެ 15 ވަނަ މިނިޓްގަ އެވެ. ސިޓީގެ މެދުތެރެއިން ގެއްލުނު ބޯޅައެއް ހޯދައި، ޓޮޓެންހަމްގެ މިޑްފީލްޑަރު ޕިއޭރޭ އެމީލް ހޮއިބިއާ ޖައްސާލި ބޯޅަ ކޭން ވަނީ ތިރީ ކަނަށް ފޮނުވާލައިފަ އެެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅުގައި ސިޓީގެ ރިޔާދު މާރޭޒް ޖެހި ޝޮޓެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. މި މެޗުގައި ސިޓީގެ ކުރިއަށް ކުޅޭ އާލިން ބްރައުޓް ހާލަންޑަށް އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، ހޫލިއަން އަލްވަރޭޒް ޖެހި ބޯޅަތައް ވަނީ ބްލޮކްވެފަ އެވެ.
ޓޮޓެންހަމް އިން މި މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 87 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ފުރަތަމަ ހާފުގައި ރޮމޭރޯ އަށް ފުރުތަަމަ ރީނދޫ ދެއްކީ ހާލަންޑަށް ކުރި ފައުލަކަށެވެ. އަދި ދެ ވަނަ ރީނދޫ ކާޑު ދެއްކީ، މެޗުގެ ފަހު ކޮޅުގައި ސިޓީގެ ޖެކް ގްރީލިޝް އަށް ކުރި ފައުލަކަށެވެ.
ސިޓީ މި މެޗުން މޮޅުނުވުމުން އެންމެ ބޮޑު އުފަލެއް ލިބޭނީ އާސެނަލް އަށެވެ. ސިޓީ މޮޅުވިނަމަ އާސެނަލްގެ ލީޑު ދެ ޕޮއިންޓަށް ކުޑަވާނެ އެވެ. އެކަމަކު، އާސެނަލް މި ވަގުތު 20 މެޗުން 50 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު، ސިޓީ ދެ ވަނައިގައި އޮތީ 21 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 21 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި ނިއުކާސަލް ޔުނައިޓެޑް އޮތީ 21 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމް އަށް ވަނީ 22 މެޗުން 39 ޕޮއިންޓް ލިބިފަ އެވެ.












