ޕެރިސް (ފެބްރުއަރީ 5) - ފްރެންޗް ލީގުގައި މިރޭ ކުޅުނު މެޗުގައި، ލިއޮނަލް މެސީ ދެ ވަނަ ހާފުގައި ޖެހި ގޯލުން ޓުލޫސްގެ މައްޗަށް ޕީއެސްޖީން ފަހަތުން އަރައި 2-1 އިން ކުރިހޯދައިފި އެވެ.
މި ނަތީޖާއާ އެކު ޕީއެސްޖީން ލީގުގެ އެއް ވަނައިގައި އޮތީ އަށް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ޕީއެސްޖީ، އެއް ވަނައިގައި އޮތީ 22 މެޗުން 54 ޕޮއިންޓާ ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މާސޭ އަށް ވަނީ 21 މެޗުން 46 ޕޮއިންޓް ލިބިފަ އެވެ.
މާސޭ އިން މާދަމާ ނީސްއާ ދެކޮޅަށް ކުޅެގެން މޮޅުވެއްޖެނަމަ، ޕީއެސްޖީއާ ފަސް ޕޮއިންޓަށް ގާތަށް ޖެހިލާނެ އެވެ. ފްރެންޗް ކަޕްގައި މި ހަފްތާގައި މާސޭ އާއި ޕީއެސްޖީ ކުރިމަތިލާ މެޗު ވެސް ކުރިއަށް އެބައޮތެވެ.
ޕެރިހުގައި ކުޅުނު މިރޭގެ މެޗުން ޓުލޫސް އިން ވަނީ 20 ވަނަ މިނިޓްގައި ބްރާންކޯ ވެން ޑެން ބޫމަން، ހިލޭ ޖެހުމަކުން ޖެހި ގޯލުން ލީޑުނަގައިފަ އެވެ. ބޫމަން ފޮނުވާލި ހިލޭ ޖެހުން ގޯލަށް ވަނީ ޕީއެސްޖީން އަޅާފައި ހުރި ދިފާއީ ފާރުތެރެއިން ގޮހެވެ. ޕީއެސްޖީގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.
އަނިޔާގެ ސަބަބުން، ކީލިއަން އެމްބާޕޭ އާއި ނޭމާ ނުލައި، ޕީއެސްޖީން މި މެޗުގައި ކުޅުނުއިރު، އެ ޓީމުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 38 ވަނަ މިނިޓްގައި ފުލްބެކް، އަޝްރަފް ހަކީމީ ޖެހި ގޯލުންނެވެ. މިއީ ކާލޮސް ސޮލެއާ ދިން ބޯޅައަކުން އޭރިއާބޭރުން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ހަކީމީ ޖެހި ގޯލެކެވެ. އޭގެ ކުރިން ނަތީޖާ ހަމަހަމަކުރެވޭތޯ ޕީއެސްޖީން ކުރި ގިނަ އެޓޭކްތަކެއް ދިޔައީ ކާމިޔާބުނުވެ އެވެ.
މެސީ، ޕީއެސްޖީ މޮޅުކޮށްދިން ގޯލު ޖެހީ 58 ވަނަ މިނިޓްގަ އެވެ. ހަކީމީ ތަނަވަސްކޮށްދިން ފުރުސަތެއްގައި މެސީ ވަނީ އޭރިއާބޭރުން ގޯލުގެ ކައިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މިއީ ލީގުގައި މެސީ ޖެހި 10 ވަނަ ގޯލެވެ. ސީޒަނުގެ ޖުމްލަ އަކީ 15 ގޯލެވެ.
މި މެޗުގައި ޕީއެސްޖީން މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލައި ކުޅެ މޮޅުވިއިރު، އެ ޓީމުގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ވަނީ މެސީގެ ލީޑަޝިޕަށް ތައުރީފުކޮށްފަ އެވެ.












