މާލެ ސަރަހައްދުގައި ސަރުކާރުން ތަރައްގީ ކުރި ކުޑަގިރި ޕިކްނިކް އައިލެންޑަށް ހާއްސަކޮށްގެން ފަރުމާކުރި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފި އެވެ.
މި މަހު 11 ގައި އެ ރަށް ހުޅުވުމަށް ތައްޔާރުވެފައިވާއިރު، އެ ރަށް އޮޕަރޭޓްކުރާ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވަނީ މި އެޕްލިކޭޝަނަކީ ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް ފަސޭހަކުރުމަށް ފަރުމާކުރި އެޕްލިކޭޝަނެއް ކަމަށެވެ.
އެގޮތުން މި އެޕުން ކުޑަގިރީގެ ކޮޓަރިތަކާއި އިތުރު ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދުމުގެ އިތުރުން އެ ހިދުމަތްތައް ބުކް ވެސް ކުރެވޭނެ އެވެ.
މި އެޕްލިކޭޝަން ސްޓޯރުންނާއި ޕްލޭ ސްޓޯރުން މިހާރު މި އެޕް ޑައުންލޯޑްކުރެވޭނެ އެވެ.
ފެރީގައި 15 ވަރަކަށް މިނަޓުން ދެވޭ ކުޑަގިރީގައި ޕިކްނިކް އައިލެންޑެއްގައި ހުންނާނެ ޒަމާނީ ގިނަ ވަސީލަތްތަކާއި ކުޅިވަރުކުޅެވޭނެ އިންތިޒާމުތައް ވަނީ ގާއިމުކޮށްފަ އެވެ. އެގޮތުން މިސްކިތަކާއި، ކްލިނިކެއްގެ އިތުރުން، ކޮންވީނިއެންސް ސްޓޯރަކާއި ރީޓެއިލް ސްޓޯރެއް އަދި ކެފޭއަކާއި ޕިކްނިކް ދާ މީހުންނަށް ދޫކުރަން ހާއްސަ 12 ކޮޓަރި ކުޑަގިރީގައި ހުންނާނެ އެވެ.

މީގެއިތުރުން ކުޑަގިރިޔަށް ދަތުރު ދިޔުމުގެ އިތުރުން އެ ތަނުގައި ކައިވެނި ހަފުލާތަކާއި، އުފަން ދުވަހުގެ ޕާޓީތަކާއި އެހެން ހަރަކާތްތަކާއި ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށް ފުރުސަތު އޮންނާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ޓޫރިސްޓުންނަށް ޒިޔާރާތްކުރެވޭނެ އެވެ.












