އޭޝިއާ ފުޓްބޯޅައިގެ މައި ފުޓްބޯޅަ އިދާރާ، އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ)ގެ އެގްޒެކްޓިވް ކޮމިޓީ އަށް، މިދިޔަ ހަފްތާގައި އިންތިހާބުވި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް އަށް އެ މަގާމުގައި ހުރެ ދިވެހި ފުޓްބޯޅަ އަށް އިތުރު ފުރުސަތު ހޯދައިދެވޭނެ ކަމަށް ވިދާޅުވެއްޖެ އެވެ.
އެފްއޭއެމް މީޑިއާ މެދުވެރިކޮށް ދިން އިންޓަވިއުއެއްގައި ބައްސާމް ވިދާޅުވީ އޭއެފްސީގެ މި މަގާމަކީ ރާއްޖޭގެ ފުޓްބޯޅަ އަށް ރާއްޖޭގެ ފުޓްބޯޅަ އާއިލާ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް އަދި ކާމިޔާބެއް ކަމަށެވެ. އަދި އޭއެފްސީގެ އެގްޒެކްޓިވް ކޮމިޓީ އަށް އިންތިހާބުވުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަން ފާހަގަކުރައްވައި، ބައްސާމް ވިދާޅުވީ، މި މަގާމުގައި ހުރެ ކުރެވޭ މަސައްކަތުން، އޭއެފްސީއާ އެކު އޮންނަ ގާތްގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.
"އޭއެފްސީއާ އެކު ގާތް ގުޅުމެއް މިހާރު ވެސް އޮވޭ. ގުޅުން އިތުރަށް ވަރުގަދަ ވެގެން މިދިޔައީ، ހަމައެއާ އެކީގައި ރާއްޖޭގެ ފުޓްބޯޅަ އަށް އޭއެފްސީ މެދުވެރިކޮށް ކުރެވޭނެ ވަރަށް ގިނަ ކަންތައްތަކެއް ހޯދައި، އަދި އެ ކަންތައްތައް ތަންކޮޅެއް ފަސޭހަ ގޮތެއްގައި ރާއްޖެ އަށް ފުރުސަތުތައް ހޯދުމުގެ މަސައްކަތް މީގެ ތެރެއިން ކުރެވިގެންދާނެ،" ބައްސާމް ވިދާޅުވި އެވެ.
"ރާއްޖޭގެ ކްލަބްތަކަށް ރާއްޖޭގެ ގައުމީ ޓީމަށް، ރާއްޖޭގެ އުމުރުފުރާ ތަކުގެ ގައުމީ ޓީމަށް ވަރަށް ގިނަ ފުރުސަތުތައް ހޯދުމަށްޓަކައި މި އޮތީ ދޮރެއް ހުޅުވިފައި. އެހެންވީމަ، އަޅުގަނޑު ދަންނަވާނީ މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ފައިދާކުރަނިވި ކަންތައްތަކެއް ކުރެވޭނެ މަގާމެއް އަދި ކާމިޔާބެކޭ މި ލިބިގެން މިދިޔައީ."
މީގެ އިތުރުން ބައްސާމް ވިދާޅުވީ އޭއެފްސީގައި އޭނާ ފުރުއްވާ އާ މަގާމުގެ ޒިންމާތަކުގެ ތެރެއިން، ރާއްޖޭގެ ކްލަބްތައް ހަރުދަނާކޮށް ހިންގުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ކުރެވިދާނެ ކަމަށެވެ. އެ ގޮތުން، އޭއެފްސީގެ ކްލަބް ލައިސަންސިން މެދުވެރިކޮށް މިހާރު ރާއްޖޭގެ ކްލަބްތައް ހިންގާ ގޮތަށް ވުރެން ވެސް ކްލަބްތަކުގެ ކަންކަން ހަރުދަނާ ކުރެވޭނެ ކަމަށެވެ.
މިހާރު އޮތްގޮތުން، ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖޭގެ ކްލަބްތަކަށް ކުޅެލަން ލިބެނީ އޭއެފްސީ ކަޕް އެވެ. އޭއެފްސީ ކަޕްގެ ފޯމެޓްގައި މި ވަގުތު އޮންނަ ގޮތުން ރާއްޖޭގެ ލީގު ޗެމްޕިއަނަށް ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބެ އެވެ. ރާއްޖޭގެ އެފްއޭ ކަޕް ޗެމްޕިއަން ނޫނީ ލީގުގެ ރަނަރަޕަށް އޭއެފްސީ ކަޕްގެ ކޮލިފައިން ކުޅެން ފުރުސަތު ލިބެ އެވެ.
"މި ފުރުސަތުތައް އިތުރު ކުރުމަށް ވެސް ކުރެވިދާނެ ކަންތައްތަކެއް އަޅުގަނޑަށް ފެނޭ. ހަމައެއާ އެކީގައި އޭއެފްސީގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުންތަކުގައި އަޅުގަނޑަށް މި މަޝްވަރާތައް ކުރިއަށް ގެންގޮސް، ހަމައެކަނި ދެ ކްލަބަށް ވުރެ އިތުރު ކްލަބްތަކަށް މި ފުރުސަތު ލިބޭ ގޮތަށް އޭއެފްސީ ކަޕް ނޫން ވިޔަސް އެހެން ލެވަލެއްގެ މުބާރާތްތަކަށް ރާއްޖޭގެ ޓީމުތައް ދެވިދާނެ ކަހަލަ ފުރުސަތު ހޯދުމުގެ މަޝްވަރާ ވެސް ކުރެވިދާނެ،" ބައްސާމް ވިދާޅުވި އެވެ.
އޭއެފްސީން އަންނަނީ މި ބައްރުގެ ކްލަބް ފުޓްބޯޅަ މުބާރާތްތަކުގެ ފޯމެޓް ބަދަލުކުރަން މަޝްވަރާތަކެއް ކުރަމުންނެވެ. މިހާރު މަޝްވަރާ ކުރަމުން އަންނަ އާ ފޯމެޓްގައިވާ ގޮތުން، ޔޫރަޕެކޭ އެއްގޮތަށް އޭޝިއާގައި ވެސް ކްލަބް ފުޓްބޯޅަ އަށް ހާއްސަ ތިން ފަންތިއެއްގެ މުބާރާތް އޮންނާނެ އެވެ. މި ވަގުތު އޮތީ ދެ މުބާރާތެވެ. މާނަ އަކީ މުޅިން އާ ކްލަބް މުބާރާތެއް ފެއްޓުމުގެ ވިސްނުން އޭއެފްސީގެ އޮތުމެވެ.
"އަޅުގަނޑުގެ އެންމެ ބޮޑު ޝައުގެއް އޮންނާނީ ރާއްޖޭގެ ކްލަބްތަކަށާއި ރާއްޖޭގެ ކުޅުންތެރިންނަށް، ރާއްޖޭގެ އެކި އުމުރުފުރާގެ ގައުމީ ޓީމުތަކަށް މި މަގާމު ހުރެ ހޯދޭނެ ފުރުސަތުތަކަށް މަސައްކަތް ކޮށްދިނުން،" ދެ ވަނަ ދައުރަކަށް އެފްއޭއެމްގެ ރައީސްކަން ފުރުއްވަމުން އަންނަ ބައްސާމް ވިދާޅުވި އެވެ.
އޭއެފްސީގެ ރައީސް ބަހްރޭންގެ ޝެއިހް ސަލްމާންގެ ހާއްސަ އިސްނެންގެވުމުގެ ތެރެއިން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރާއްޖޭގެ ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ އަށް ވެސް މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.
އެ ގޮތުން، ރާއްޖޭގެ ސަރުކާރުން ގިނަ ރަށްރަށުގައި ފުޓްބޯޅަ ދަނޑުތަކެއް އަޅަމުންދާ މި ދަނޑިވަޅުގައި، އެފްއޭއެމުން ވެސް ދަނޑު އެޅުމުގެ ބަދަލުގައި، ސަރުކާރުން އެ ގާއިމްކުރާ ދަނޑުތައް އިތުރަށް ފުރިހަމަ ކުރަން އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.
މީގެ އިތުރުން، ރާއްޖޭގެ ފުޓްބޯޅަ މުބާރާތްތަކުގެ މެޗުތައް ލައިވް ކުރުމަށް ބޭނުންވާ މުޅި ކެމެރާ ސެޓަޕް ހޯދުމާއި އެ ނޫން ވެސް ޓެކްނޮލޮޖީގެ ޒަރިއްޔާ އިން ދިވެހި ފުޓްބޯޅަ ބަދަލުކުރަން ކުރަން ޖެހޭ މަސައްކަތްތަކަށް ވެސް އޭއެފްސީގެ އެހީތެރިކަން ހޯދުމަކީ ވެސް ކުރެވިދާނެ ކަންކަން ކަމަށް ބައްސާމް ފާހަގަކުރެއްވި އެވެ.
ބައްސާމް ވެގެންދާނީ އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަން ކުރައްވާނެ ރާއްޖެ އަށް ނިސްބަތްވާ ތިން ވަނަ ފަރާތަށެވެ. މީގެ ކުރިން އެ މަގާމު ފުރުއްވާފައިވަނީ، އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އާއި އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީގައި އިސް މަސައްކަތްތަކެއް ކުރެއްވި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މުހައްމަދު ޝަވީދު އެވެ.
"މި ފުރުސަތު ލިބިގެން މިދިޔައީ ރާއްޖޭގެ ފުޓްބޯޅަ އަށް ކުރެވިފައި ހުރި މަސައްކަތްތަކަށް ބެލުމަށް ފަހު، ރާއްޖެ އާއި އެހެން ގައުމުތަކާއި އެހެން އެފްއޭ ތަކާއި އޮންނަ ގާތްގުޅުމުގެ ސަބަބުން، ރާއްޖޭގެ ކްލަބްތަކާއި ކުޅުންތެރިން ދައްކަމުންދާ ނަމޫނާ ފާހަަގަކުރަން ޖެހޭ، މިއާ އެކީގައި، ހާއްސަކޮށް ރާއްޖޭގެ ސަރުކާރާއި ރާއްޖޭގެ މިނިސްޓަރު ގެންގުޅުއްވާ ގާތްގުޅުން، މިއީ ވެސް ވަރަށް ޕްލަސް ޕޮއިންޓަކަށް ވެގެން މިދިޔައީ،" ބައްސާމް ވިދާޅުވި އެވެ.
"އެހެންވީމަ، އަޅުގަނޑުގެ ވަރަށް ހާއްސަ ޝުކުރެއް ދިވެހި ރާއްޖޭގެ ސަރުކާރަށާއި މިނިސްޓަރު މަހުލޫފަށާއި އަދި އަޅުގަނޑުގެ މެމްބަރު ކްލަބްތަކަށް މި ހާއްސަ ޝުކުރު، ހައްގުވެގެންދޭ،"
ފާއިތުވި ދެ އަހަރެއްހާ ދުވަސްތެރޭ އެފްއޭއެމާ ގުޅޭ އެކިއެކި މައްސަލަތަކުގެ ކަންކަން ނޫސްތަކުގެ ފަލަ ސުރުހީ އަށް އަރައިފައިވެ އެވެ.
އެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމުގައި މަސައްކަތް ކުރި ބައެއް ކޯޗިން ސްޓާފުންނަށް ނުދީ ހުރި މުސާރަ ދޭން ފީފާ އިން އެންގުމާއި އެފްއޭއެމްގެ ސްޓާފުންނަށް ގަވާއިދުން މުސާރަ ނުދެވުމުގެ ވާހަކަތަކާއިި އެފްއޭއެމާއި އަމިއްލަ ކުންފުނިތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ހިލާފުވެގެން ކޯޓުން އެފްއޭއެމާ ދެކޮޅަށް މައްސަލަތައް ނިންމުން ފަދަ ކަންކަން ހިމެނެ އެވެ. މި ހުރިހާ ކަމަކާ ހެދި އެފްއޭއެމް އޮތީ މާލީ ގޮތުން ނުރަނގަޅު ފައްތަރެއްގައި ކަމަށް ބެލެވެ އެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ދޮޅު އަހަރެއްހާ ދުވަސް، އަޅުގަނޑުމެން ވަރަށް ދަތި އުނދަގުލުގައި ހޭދަކުރަމުން މި ދެވުނީ. އިރާދަކުރެއްވިއްޔާ، ކުރިއަށް މި އޮތީ އުޖާލާ ދުވަސްތަކެއް، ރާއްޖޭގެ ފުޓްބޯޅަ އަށް ފަހި ދުވަސްތަކެއް އައުމަށް މި އޮތީ ވަރަށް ބޮޑު ފުރުސަތެއް ހުޅުވިފައި،" މި ވަގުތު ހުރި ގޮންޖެހުންތަކަށް އިޝާރާތް ކުރައްވައި، ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ އޭއެފްސީން ލިބުނު މި ފުރުސަތުގެ ބޭނުން ދިވެހި ފުޓްބޯޅަ އާއިލާ، ސަރުކާރު އަދި ހާއްސަކޮށް ކުޅިވަރާ ބެހޭ ވަޒީރު ގުޅިގެން ގިނަ ކަންތައްތަކެއް ކުރެވިދާނެ ކަމަށެވެ.













