ހުސްވި އަހަރު އެޕަލް ކުންފުނީގެ ވިޔަފާރިއަށް ބޮޑު ހީނަރުކަމެއް އައިސްފި އެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެކަނި ވެސް އެ ކުންފުނީގެ ވިޔަފާރިއަށް ވަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ފަސް ޕަސެންޓުގެ ވެއްޓުމެއް އައިސްފަ އެވެ.
އެއީ ކޮވިޑުގެ ބަލިމަޑުކަމަށްފަހު އެ ކުންފުނީގެ ވިޔަފާރި އެންމެ ދަށްވި އަހަރެވެ.
އެޕަލް ކުންފުނީގެ ސީއީއޯ، ޓިމް ކޫކް ވިދާޅުވީ މިވަރުގެ ބޮޑު ވެއްޓުމެއް އައިސްފައި ވަނީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ޗައިނާގެ ބޯޑަރުތައް ބަންދުކޮށްފައި ހުރުމާއި ތަކެތީގެ އަގު އުފުލުމާއި ދުނިޔޭގެ އިގުތިސާދަށް ކުރިމަތި ވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ކަމަށެވެ. ޗައިނާ އަކީ އެޕަލްގެ އުފެއްދުންތައް އުފައްދާ ގައުމެވެ.
"މީގެ ކުރިން މުޅި ދުނިޔޭގެ އިގުތިސާދަށް ވެސް ކުރިމަތިވެފައި ނުވާ ފަދަ ހީނަރުކަމެއް އައިސްގެން އުޅޭ މި ދަނޑިވަޅުގައި، ވަކި އެޕަލް ކުންފުންޏަށް އަސަރެއް ނުކޮށް ނުހުންނާނެކަން އެނގޭ،" ޓިމް ކޫކް
އެޕަލް ކުންފުނީގެ އިތުރުން ވެސް ދުނިޔޭގެ ބޮޑެތި އެހެން ޓެކު ކުންފުނިތަކަށް ވެސް ވަނީ މި މައްސަލަ ކުރިމަތިވެފަ އެވެ.
އެގޮތުން އެމޭޒަން ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ޖުމްލަ ފައިދާ ވެސް ވަނީ އޭގެ ކުރީ އަހަރު އެ ކުންފުންޏަށް ލިބުނު އަދަދަށް ވުރެ ދަށް ވެފަ އެވެ.
އަދި ގޫގްލްއާއި ޔޫޓިއުބަށް ވެސް މާބޮޑު ކުރިއެރުންތަކެއް މިދިޔަ އަހަރު ހޯދިފައެއް ނުވެ އެވެ.











