ސާފިން ގައުމީ ޓީމްގެ މެންބަރުންގެ އަދަދު ހަޔަކަށް އިތުރުކޮށް، އިތުރުވި ދެ ޖާގަ އަށް އެތުލީޓުން ހޮވުމަށް ބާއްވާ ސެލެކްޝަން ޓްރަޔަލްސް ގައްދޫގައި ބާއްވާ ގޮތަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ނިންމައިފި އެވެ.
ސާފިން ގައުމީ ޓީމު އާންމުކޮށް މުބާރާތްތަކުގައި ވާދަކުރަނީ ހަތަރު މެންބަރުންގެ ޓީމަކާ އެކުގަ އެވެ. ގައުމީ ޓީމްގެ ކުޅުންތެރިންނަށް މުސާރަ ދޭން ފެށި ފަހުންވެސް ގައުމީ ސާފިން ޓީމުގައި ހިމެނެނީ ހަތަރު މެންބަރުންނެވެ. ގައުމީ ޓީމުގެ މެންބަރުންގެ އަދަދު އިތުރުކުރަން އެމްއެސްއޭ އިން ނިންމީ ގިނަ އެތުލީޓުންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
ސާފިން ގައުމީ މުބާރާތުގެ ގަދަ ހަތަރު ސާފަރުންނަށް ގައުމީ ޓީމުން ފުރުސަތު ދެމުން އައިސް މިދިޔަ އަހަރު އެ ގަވާއިދު ބަދަލުކުރީ ގައުމީ ސާފް ލީގު ތައާރަފްކުރުމާ އެކުގަ އެވެ. މިދިޔަ އަހަރު ނިމުނުއިރު، ގައުމީ ޓީމު ކަނޑައެޅީ ސާފް ލީގުގެ ފަސް މުބާރާތުގެ ޕޮއިންޓްތަކަށް ބެލުމަށްފަހުގަ އެވެ.
އެ ގޮތުން މިހާރު ގައުމީ ޓީމްގައި ތިބީ އަހުމަދު އާގިލް (އަންމަޑޭ)، ނަޖާހު މުހައްމަދު (ކަބޯ)، ޖައިލަމް ނިޒާރު އަދި ހޫދު އަހުމަދު އެވެ.
ގައުމީ ޓީމަށް އިތުރުކުރި ދެ ޖާގައިގެ ސެލެކްޝަން ޓްރަޔަލްސް ގދ.ގައްދޫގައި ބާއްވަން ނިންމާފައިވަނީ މިމަހުގެ 12 އަދި 13 ގަ އެވެ. މި ސެލެކްޝަން އިން ފުރުސަތު ދިނީ މިދިޔަ އަހަރުގެ ގައުމީ ލީގުގެ ރޭންކް ފަހަކުން ވިއްސަށް ރޭންކުކުރެވިފައިވާ ސާފަރުންނެވެ. ގަދަ 20 ގައި ޖޫނިއާ ގައުމީ ޓީމްގެ ސާފަރެއް ހިމެނޭނަމަ އެ ސާފަރުގެ ބަދަލުގައި ރޭންކިންގައި ދެން ކުރިއަށް އޮތް އެތުލީޓަށް ފުރުސަތު ދޭނެ އެވެ.
ސޯޅަ ސާފަރުން ކޮލިފައިން ބުރު ފަށާނީ ގަދަ ކުއާޓާ ފައިނަލް ހީޓުތަކުންނެވެ. ކުއާޓާ ފައިނަލް ހަތަރު ހީޓުންވެސް ކުރި ހޯދާ ދެ ސާފަރުން ސެމީ ފައިނަލްގައި ވާދަކުރާނެ އެވެ. ސެމީ ފައިނަލުން ކުރި ހޯދާ ހަތަރު ސާފަރުން ވާދަކުރާނީ ފައިނަލްގަ އެވެ.
ގައުމީ ޓީމުގެ ސެލެކްޝަން ޓްރަޔަލްގައި ވާދަކުރާ ފާހަގަކޮށްލެވޭ އެތުލީޓުންނަށް ބަލާއިރު ކުރީގެ ގައުމީ ޗެމްޕިއަން ހުސެއިން އަރީފް (އިބޫ) އާއި މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ އެއް ވަނަ ހޯދީ މުހައްމަދު އިރުޝާދު (ބިއްލޫ)ގެ އިތުރުން ފާއިތުވި ދެ ތިން އަހަރު ގައުމީ ޓީމުން ޖާގަ ހޯދައި ޕެރިސް 2024 އޮލިމްޕިކްސްގެ ސްކޮލާޝިޕް ލިބިފައިވާ އެތުލީޓު އިސްމާއިލް ރަޝީދު (ސްމައިލީ) ފާހަގަކޮށްލެވެ އެވެ.
ސެލެކްޝަން ޓްރަޔަލްސް އަށް ފަހު ގައުމީ ސާފިން ލީގުގެ މި އަހަރުގެ ފުރަތަމަ މުބާރާތް ގައްދޫގައި ފަށާނެ އެވެ. "ކަޅެގަލެކޮޑާ 2023" ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14-18 އަށެވެ.












