ޕެރިސް (2 ފެބްރުއަރީ) - ފްރާންސް ލީގުގައި ރޭ މޮންޕެލިއޭ އަތުން 3-1 އިން މޮޅުވެ ތާވަލްގެ އެއް ވަނައިގައި އޮތް ޕީއެސްޖީން ލީޑު ފުޅާކުރި ނަމަވެސް، އެ ޓީމުގެ ތަރި ކިލިއަން އެމްބާޕޭ އަށް ލިބުނު އަނިޔާ އަކާ ގުޅިގެން އެ ޓީމަށް ނުތަނަވަސްކަމެއް ކުރިމަތިވެއްޖެ އެވެ.
މޮންޕެލިއޭގެ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ ފަބިއަން ރުއިޒް، ލިއޮނެލް މެސީ އަދި ވަރަން ޒައީރޭ އެމެރީ ޖެހި ލަނޑުތަކުންނެވެ. މެޗުގައި މޮންޕެލިއޭ އަށް ލަނޑު ޖަހައިދިނީ އަރްނާދު ނޯޑިންނެެވެ.
މެޗުގެ އަށް ވަނަ މިނިޓުގައި އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީއެއް ބޭކާރުކޮށްލައިފަ އެވެ. އެމްބާޕޭ ފޮނުވާލި ޕެނަލްޓީ މޮންޕެލިއޭގެ ގޯލްކީޕަރު ބެންޖަމިން ލެކޮމްޓޭ ވަނީ ދިފާއުކޮށްފަ އެވެ. ދެ ވަނަ ފަހަރަށް އެ ޕެނަލްޓީ ޖެހުމަށް ރެފްރީ އެންގުމާ އެކު، ދެ ވަނަ ފަހަރަށް އެމްބާޕޭ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި ރީބައުންސް ބޯޅަ އެމްބާޕޭ އަށް ލިބުމުން ފޮނުވާލިއިރު، ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ފުރަތަމަ ހާފުގައި، މެޗުގެ 21 ވަނަ މިނިޓްގައި އެމްބާޕޭ ވަނީ އަނިޔާގެ މައްސަލައަކާ ގުޅިގެން ބަދަލުކޮށްފަ އެވެ. އެމްބާޕޭގެ އަނިޔާއާ ގުޅިގެން ޕީއެސްޖީ އަށް އޮތް އެންމެ ބޮޑު ފިކުރަކީ، ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ބަޔާން މިއުނިކްއާ ދެކޮޅަށް ކުޅޭ މެޗު ގާތްވެފައި އޮތުމެވެ.
ޕީއެސްޖީން ލީޑުނެގީ މެޗުގެ 55 ވަނަ މިނިޓްގައި ފަބިއާން ރުއީޒް ޖެހި ގޯލުންނެވެ. މިއީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ރުއީޒް ޖެހި ގޯލެކެވެ. މެޗުގެ 72 ވަނަ މިނިޓްގައި ރުއީޒް ހުސްކޮށްލާފައި ދިން ބޯޅައަކުން، މެސީ ވަނީ އޭރިއާތެރެއިން ޕީއެސްޖީގެ ލީޑުފުޅާކޮށްދީފަ އެވެ.
މެޗުގެ 89 ވަނަ މިނިޓްގައި ޕީއެސްޖީގެ ހުއާން ބާނާޓް ހެދި ގޯހެއްގެ ފައިދާނަގައި، މޮންޕެލިއާގެ ނޯޑިން ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ވައްދާލައި އެ ޓީމަށް ލަނޑެއް ޖަހައިދީފަ އެވެ. އިތުރު ވަގުތުގައި ޕީއެސްޖީގެ ފަހު ލަނޑު ޖެހީ 16 އަހަރުގެ ވަރަން ޒައީރޭ އެވެ. އޭނާ އަކީ ޕީއެސްޖީ އަށް ގޯލެއް ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.
މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ކްރިސްޓޯފް ގަލްޓިއޭ ބުނީ އެމްބާޕޭގެ އަނިޔާ ސީރިއަސް ކަމަށް ގަބޫލްނުކުރެވޭ ކަމަށެވެ.
"މަސްގަނޑަށް ދިމާވި މައްސަލައަކަށްވުރެ ބެލެވެނީ ޖެހިފައި ވީ ތަދެއް ކަމަށް. އެހާ ސީރިއަސް އެހެނެއް ހިޔެއް ނުވޭ. އެކަމަކު ކައިރި ކައިރީގައި މެޗުތަކެއް ކުޅޭއިރު، އަހަރެން ބޭނުމެއް ނޫން ރިސްކެއް ނަގާކަށް،" ގަލްޓިއޭ ބުންޏެވެ.
ރޭގެ މެޗުގައި ޕީއެސްޖީގެ ޑިފެންޑަރު ސާޖިއޯ ރާމޮސް އަށް ވެސް ވަނީ އަނިޔާވެފަ އެވެ.
ބަޔާންއާ ދެކޮޅަށް ޕީއެސްޖީ އަމިއްލަ ދަނޑުގައި ކުޅޭ ފުރަތަމަ ލެގު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހެވެ. އަދި ދެވަނަ ލެގު އޮންނާނީ މާޗު 8 ގަ އެވެ.












