އޭޝިއާ ފުޓްބޯޅައިގެ މައި ފުޓްބޯޅަ އިދާރާ، އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ)ގެ އެގްޒެކްޓިވް ކޮމިޓީ އަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް އިންތިހާބުވެއްޖެ އެވެ.
ބަހްރޭންގެ މަނަމާގައި މިއަދު ކުރިއަށްދިޔަ އޭއެފްސީގެ 33 ވަނަ ކޮންގްރެސްގައި ކުރިއަށް އޮތް ހަތަރު އަހަރަށް، 2023-2027، އޭވީސީގެ ހިންގާ ކޮމިޓީގައި ބައްސާމް ދައުރެއް ފުރިހަމަކުރައްވާނެ އެވެ.
މިއާ އެކު، ބައްސާމް ވެގެންދާނީ އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަން ކުރައްވާނެ ރާއްޖެ އަށް ނިސްބަތްވާ ތިން ވަނަ ފަރާތަށެވެ. މީގެ ކުރިން އެ މަގާމު ފުރުއްވާފައިވަނީ، އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އާއި އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީގައި އިސް މަސައްކަތްތަކެއް ކުރެއްވި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މުހައްމަދު ޝަވީދު އެވެ.
އޭއެފްސީގެ މިއަދުގެ ކޮންގްރެސްގައި އެ ފެޑެރޭޝަންގެ ރައީސަކަށް ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތީ، ބަހްރޭނުގެ ޝެއިހް ސަލްމާން ބިން އިބްރާހިމް އެލް ހަލީފާ އެވެ. ނައިބު ރައީސުންގެ ގޮތުގައި ތިއްބަވާނީ، ވެސްޓް ޒޯނުގައި ލެބަނަންގެ ހައިޝަމް ހައިދަރު، ސެންޓްރަލް ޒޯނުގައި އީރާންގެ މެހްދީ ތާޖު، ސައުތު ޒޯންގައި ބޫޓާންގެ އިއުގެން ސެޝުޕް، އާސިއާން ޒޯންގައި މިޔަންމާގެ ޒައޮ ޒައޮ އަދި އީސްޓް ޒޯނުގައި މޮންގޯލިއާގެ ގަންބާތަރު އަމްގަލަންބާތަރު އެވެ.
އެކްސްކޯގެ އަންހެން މެމްބަރުންގެ ގޮތުގައި އިންތިހާބުވީ، ފަލަސްތީނުގެ ސޫސަން ރިޔާދު، ބަންގްލަދޭޝްގެ މަހްފޫޒާ އަކްތަރު، ލާއޯސްގެ ކަންޏާ ކޮއެމާނީ، ޗައިނީސް ޓައިޕޭގެ ލިއު ޝީ ފަންގް އާއި އުތުރު ކޮރެއާގެ ހަން އުންގް ޔޮންގް އެވެ.
އެކިއެކި ޒޯންތަކުން، އެކްސްކޯ އަށް އިންތިހާބުވި މެމްބަރުންނަކީ ވެސްޓް ޒޯނުން ޖޯޑަންގެ ޔޫސެފް އުމެއިޝް، ކުވޭތުގެ އަބްދުﷲ އަހުމަދު އަލްސާހީން އަލްރަބީއާ އަދި ޔޫއޭއީގެ އަބްުދުﷲ ނަސީރު އަލްޖުނެއިބީ އެވެ. ސެންޓްރަލް ޒޯނުން އުޒްބެކިސްތާންގެ އިރަމަތޯވް ރަަވްޝަން އިންތިހާބުވިއިރު، ސައުތު ޒޯނުން އިންތިހާބުވީ، ރާއްޖޭގެ ބައްސާމް އާއި ނޭޕާލްގެ ޕަންކަޖު ބިކްރަމް ނެމްބަން އެވެ. އާސިއާނުން އޮސްޓްރޭލިއާގެ ކްރިސް ނިކޫ އާއި ތައިލެންޑްގެ ގެން ސޮމްޔޯތު ޕޫމްޕަންމޯން އަދި އީސްޓް ޒޯނުން ހޮންކޮންގެ ކައި ޝަން އެރިކް އެވެ.
ދެ ވަނަ ދައުރަކަށް އެފްއޭއެމްގެ ރައީސްކަން ކުރައްވަމުން އަންނަ ބައްސާމް އަކީ ކުރިން ކްލަބް ވެލެންސިއާގެ ކުޅުންތެރިއެކެވެ. އެކަމަކު، ކުޅުމުގެ ކެރިއަރު އަވަހަށް ނިންމާލުމަށް ފަހު، މެނޭޖްމަންޓް ދާއިރާ އަށް ބަދަލުވީ އެވެ. ބައްސާމް ފުޓްބޯޅަ ހިންގެވުމުގެ ތެރެއަށް ވެންނެވީ ވެލެންސިއާގެ ވައިސް ޗެއާމަންގެ މަގާމުންނެވެ.
އެފްއޭއެމާ ބައްސާމް އެންމެ ފުރަތަމަ އެފްއޭއެމްއާ ގުޅިވަޑައިގަތީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފީފާގެ ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމް ހިންގަން ހަވާލުވެ ޖެނެރަލް ސެކްރެޓަރީގެ މަގާމުންނެވެ. އަދި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންގެ މަގާމުގައި އޭރު ހުންނެވި ޝަވީދު ފަހުން މަގާމުގައި ހުންނަން އުޒުރުވެރިވެވަޑައިގަތުމުން 2016 ވަނަ އަހަރުގެ ކުރީކޮޅު ބައްސާމް އެ ކޮމިޓީގެ ޗެއާމަންގެ މަގާމާ ހަވާލުވެވަޑައިގަތެވެ.

އޭއެފްސީ ކޮންގްރެސްގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް (މ) ސީނިއާ ނައިބު ރައީސް އަލީ އުމަރު (ކ) އަދި ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް.--
އޭގެ ފަހުން، ބައްސާމް ވަނީ އެފްއޭއެމްގެ ރައީސް ކަމަށް އަހުމަދު ތޯރިގު އިންތިހާބުވެވަޑައިގަތްއިރު، ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އައްޔަނުކޮށްފަ އެވެ. އެކަމަކު، މާ ގިނަ ދުވަސްތަކެއް ނުވަނީސް ތޯރިގު ނިންމެވީ ބައްސާމް އެ މަގާމުން ވަކިކުރުމަށެވެ. އެ ނިންމުމާ މެދު ހިތްހަމަނުޖެހި، އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގައި އޭރު ތިއްބެވި، ފަސް މެމްބަރުން ކަމަށްވާ ނައިބް ރައީސް އަލީ އުމަރާއި ޑރ. އަހުމަދު ޝަކީބާއި އާއި މުހައްމަދު އީސާ (މޯ) އާއި އައިޝަތު ނާޒިމާ އަދި އައްސަދު އަބްދުލްގަނީ އިސްތިއުފާ ދެއްވީ އެވެ. އެެ ހިސާބުން އެގްޒެކެޓިވް ކޮމިޓީ އުވިގެން އާ އިންތިހާބަކަށް ދާން ޖެހުނީ އެވެ.
އެ ގޮތުން، 2016 ވަނަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ތޯރިގާ ވާދަކުރައްވައި، 14-11 ވޯޓުން ބައްސާމް އިންތިހާބު ކާމިޔާބުކުރެއްވި އެވެ. އޭގެ ފަހުން ދެ ފަަހަރު ވެސް ބައްސާމް އެފްއޭއެމްގެ ރައީސް ކަމަށް، އިތުރު ދައުރުތަކަށް އިންތިހާބުވިއިރު، ވާދަކުރާނެ އިދިކޮޅު ކެންޑިޑޭޓަކު ނެތެވެ.
ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނަަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުން އަންނައިރު، ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ ދައުރުގެ ކުރީކޮޅުގައި އެފްއޭއެމްގެ ލީޑަޝިޕް ބަދަލުވާން ޖެހޭ ކަމަށް ބުނެ، އެކަން ކުރަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު، ފަހުން މިނިސްޓަރު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އެކުގައި ގުޅިގެން ފުޓްބޯޅަ ކުރިއެރުވޭނެ ކަމަށް ބުނެ ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ވައުދުތަކެއްވި އެވެ. މި ފަހުން، އެފްއޭއެމްގެ މާލީ މުއާމަލާތްތަކާ ގުޅޭ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ.
އެ ގޮތުން ގައުމީ ޓީމުގައި މަސައްކަތްކުރި ބައެއް އޮފިޝަލުންނަށް މުސާރަ ނުދޭ މައްސަލައިގައި ފީފާ އިން ވެސް ފިޔަވަޅު އަޅަމުން އަންނައިރު، ރާއްޖޭގެ އެކި ކުންފުނިތަކާ އެކު އެފްއޭއެމުން ހިންގާފައިވާ ބައެއް މުއާމަލާތްތަކެއްގެ މައްސަލަތަކެއް ކޯޓުގައި ވެސް ހިނގި އެވެ.













