ޕެރިސް (ޖެނުއަރީ 30) - މެޗުގެ އިތުރު ވަގުތުގައި ރެއިމްްސް އިން ޖެހި ލަނޑާ އެކު، ފްރާންސް ލީގުގައި ރޭ ޕީއެސްޖީ އާއި ރެއިމްސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު ޕީއެސްޖީން ލީޑު ނެގީ ނޭމާ ޖެހި ލަނޑުންނެވެ. އޭގެ އިރުކޮޅެއް ފަހުން ޕީއެސްޖީގެ މާކޯ ވެރާޓީ އަށް ރަތްކާޑު ދެއްކުމުން ޕީއެސްޖީ ދިހަ ކުޅުންތެރިންނަށް މަދުވި ނަމަވެސް، އެ ޓީމު މެޗުން މޮޅުވާނެ ކަމަށް ބެލެވުނެވެ.
އެކަމަކު, މެޗުގެ ފަހުކޮޅު ރަނގަޅު ކުޅުމެއް ދެއްކި ރެއިމްސް އިން ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ މެޗުގެ އިތުރު ވަގުތުގައި ފޯވަޑް ފޮލަރިން ބަލޮގުން ޖެހި ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަވުމެވެ.
އުމުރުން އެންމެ 30 އަހަރުގެ އިނގިރޭސި ކޯޗެއް ކަމަށްވާ ވިލިއަމް ސްޓިލްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ރެއިމްސް ވަނީ މިހާރު ލީގާއި ކަޕްގައި ބަލިނުވެ 14 މެޗު ހަމަކޮށްފަ އެވެ.
ތާވަލްގެ މެދުތެރޭގައި ރެއިމްސް އޮތް ނަމަވެސް، މި ސީޒަންގައި އެ ޓީމުން ވަނީ ޕީއެސްޖީއާ ދެ ފަހަރު އެއްވަރުކޮށްފަ އެވެ.

ޕީއެސްޖީގެ ކީލިއަން އެމްބާޕޭ (ކ) ރޭގެ މެޗުގެ ތެރެއިން ރެއިމްސް ގޯލަށް ބޯޅަ ފޮނުވާލެވޭތޯ މަސައްކަތް ކުރަނީ.
މި އަހަރުގެ ތެރޭގައި ފްރާންސް ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުގައި ޕީއެސްޖީން ވަނީ ޕޮއިންޓް ގެއްލުވާލައިފަ އެވެ. އެކަމަކު، ޕީއެސްޖީ އަދިވެސް އޮތީ ތާވަލްގެ އެއް ވަނައިގައެވެ. ދެ ވަނައިގައި އޮތް ލެންސްގެ މައްޗަށް ތިން ޕޮއިންޓްގެ ލީޑެއް ޕީއެސްޖީން ވަނީ ހޯދައިފަ އެވެ.
މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ކްރިސްޓޯފް ގަލްޓިއޭ ބުނީ މެޗުގައި ދެއްކި ކުޅުމާމެދު ހިތްހަމަނުޖެހޭ ކަމަށާއި މެޗުގެ 95 ވަނަ މިނިޓުގައި ކޮޅަށް ލަނޑެއް ވަނުމަކީ ހައިރާންވާންޖެހޭ ކަމެއް ކަމަށެވެ.
"ތަޖުރިބާކާރު ކުޅުންތެރިންތަކެއް ތިބި ޓީމެއް ކޮޅަށް މެޗުގެ 95 ވަނަ މިނިޓުގައި ލަނޑެއް ޖެހުމަކީ ހައިރާންވާންޖެހޭ ކަމެއް. މިއީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް. މި ނަތީޖާއާ އެކު ނެތް ބުނެވޭކަށް މި މެޗުގައި ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ،" ގަލްޓިއޭ ބުންޏެވެ.
ކަންތައްތައް ބަދަލުކުރަން ވީ އެންމެ އަވަހަށް މަސައްކަތް ކުރާނެ ކަމަށް ގަލްޓިއޭ ވަނީ ބުނެފަ އެވެ.












