މިދިޔަ އަހަރުގެ ފަހު ކުއާޓާއާ ހަމައަށް އައިއިރު ރާއްޖޭގެ މައިގަނޑު ސިނާއަތްތަކުގެ ވިޔަފާރި ފުޅާވި ނަމަވެސް މިހާރުގެ ކަންބޮޑުވުމަކީ އަގު އުފުލުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސާވޭއަކުން ދައްކައިފި އެވެ.
އެމްއެމްއޭ އިން ބުނީ 2022 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ބިޒްނަސް ސާވޭގެ ޖުމުލަ ގޮތެއްގައި ފަތުރުވެރިކަން އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާގައި ހިމެނޭ ވިޔަފާރިތަކުން ވިޔަފާރިކުރާ މިންވަރު ވަނީ 2022 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާބަލާއިރު މަތިވެފައިވާ ކަމަށެވެ.
އެ މުއްދަތުގައި އިމާރާތްކުރުން އަދި ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތައް ކުރިއަރަމުންދާ މިންވަރު މަޑުޖެހިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ "ޕީކް ސީޒަން" ދެމިގެންދާނެ ކަމަށް ބެލެވޭ ކަމަށާއި ކުރިމަގުގައި މިދާއިރާގެ ވިޔަފާރި ކުރިއަރާ މިންވަރު ފަހިވެގެންދާނެ ކަމަށް ސާވޭގައި ބައިވެރިވި ވިޔަފާރިތަކުން ލަފާކޮށްފައިވީ ނަމަވެސް، ވިޔަފާރި ކުރިއަރާނެ މިންވަރު ފާއިތުވި ކުއާޓަރާ އަޅާބަލާއިރު މަޑުޖެހިގެންދާނެ ކަމަށް އަންދާޒާކޮށްފައިވާ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.
ދެހާސްބާވީސް ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު، އެ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި، ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތަކާއި ވިއްކާ ތަކެއްޗާއި ހިދުމަތުގެ އަގުތައް މަތިވެފައިވާ ކަމަށް ސާވޭގައި ހިމެނޭ ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކުން ވެސް ރިޕޯޓުކޮށްފައިވެ އެވެ.
ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް އެންމެ ބޮޑަށް މަތިވެފައިވަނީ ހޯލްސޭލް އަދި ރީޓެއިލް ދާއިރާގައި ހިމެނޭ ވިޔަފާރިތަކުން ކަމަށް ވެސް ވިޔަފާރިތަކުން ރިޕޯޓުކޮށްފައިވެ އެވެ.
އޭގެ އިތުރުން، ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް އެންމެ ބޮޑަށް މަތިވީ ހޯލްސޭލް އަދި ރީޓެއިލް ދާއިރާގައި ހިމެނޭ ވިޔަފާރިތަކުން ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށާއި ވިއްކާ ތަކެއްޗާއި ހިދުމަތުގެ އަގުތައް އެންމެ ބޮޑަށް އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތަކުން ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް އެެމްއެމެއޭ އިން ބުނެ އެވެ.
އެމްއެމްއޭ އިން ބުނީ ކުރިމަގަށް ބަލާއިރު، 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާއަށް އޮންނަ ޑިމާންޑް މަޑު ޖެހިގެންދާނެ ކަމަށް ލަފާކުރެވޭތީ އެ ދާއިރާގައި ހިމެނޭ ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް އަދި އެވްރެޖް ރޫމް ރޭޓް ކުރިއަރާ މިންވަރު މަޑުޖެހިގެންދާނެ ކަމަށް ދިރާސާއިން ބެލެވޭ ކަމަށެވެ.
އެމްއެމްއޭއިން ބުނީ އެ ދިރާސާ ކުރިއަށްގެންދިޔައީ ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތްތައް އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ ހިމެނޭ ގޮތަށް ހަތަރު ދާއިރާއަކުން ޖުމުލަ 194 ބޮޑެތި ކުންފުންޏަކަށް ބައިވެރިކޮށްގެން ކަމަށެވެ.










