ރިޔާދު، ސައުދީ އަރަބިއްޔާ (ޖެނުއަރީ 27) - ޕޯޗުގީސް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަން ކަމުގައި ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އަލް ނަސްރުން ސައުދީ ސުޕަ ކަޕްގެ ސެމީ ފައިނަލުގައި މިރޭ އަލް އިއްތިހާދު އަތުން 3-1 އިން ބަލިވެ، މުބާރާތުން ކަޓައިފި އެވެ.
ދުނިޔޭގެ އެންމެ މުސާރަ ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ދާދި ފަހުން އަލް ނަސްރަށް ބަދަލުވުމަށް ފަހު، ރޮނާލްޑޯ ވަނީ ރިޔާދު ސީޒަން ޓީމުން ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅެފަ އެވެ. ޕީއެސްޖީން 5-2 އިން މޮޅުވި މެޗުގައި ރިޔާދު ސީޒަން ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ރޮނާލްޑޯ ވަނީ ދެ ގޯލު ޖަހައި، މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.
އެކަމަކު، މިރޭ ސައުދީ ސުޕަ ކަޕްގައި އަލް ނަސްރު ކައިރީގައި އިއްތިހާދުން ވަނީ މޮޅަށް ކުޅެ ނަތީޖާ ނެރެފަ އެވެ.
ވުލްވްސް އާއި ޓޮޓެންހަމް ހޮޓްސްޕާސް އަށް ޕްރިމިއާ ލީގުގައި މީގެ ކުރިން ކޯޗުކޮށްދިން ނޫނޯ އެސްޕިރީޓޯ ސަންޓޯގެ ކޯޗުކަމުގައި ކުޅުނު އިއްތިހާދު ޓީމުން ވަނީ ރޮނާލްޑޯ ހިފެހެއްޓުމުގައި ކާމިޔާބު ހޯދައިފަ އެވެ. އެ ގޮތުން، އަލް ނަސްރުގެ ކެޕްޓަން، ރޮނާލްޑޯ ކައިރީގައި ކުޅުނީ އިއްތިހާދަށް ކުޅޭ މިސްރު ގައުމީ ޓީމުގެ ޑިފެންޑަރު އަހުމަދު ހިޖާޒީ އެވެ.
ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިއްތިހާދުން ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއްނެގި އެވެ. މި ލަނޑުތައް ޖަހައިދިނީ 15 ވަނަ މިނިޓްގައި ރޮމަރީނިއޯ އާއި 43 ވަނަ މިނިޓްގައި މޮރޮކޯގެ ފޯވާޑް، އަބްދެއްރައްޒާގު ހަމްދުﷲ އެވެ.
ދެ ވަަނަ ހާފުގައި އަލް ނަސްރުގެ ބްރެޒިލް ކުޅުންތެރިޔާ، އެންޑަސަން ޓަލިސްކާ، ވާތު ފައިން ޖެހި ޝޮޓަކުން އެ ޓީމަށް ގޯލެއް ޖަހައިދީ އުންމީދެއް ހޯދައިިދިނެވެ. އެހެން ނަމަވެސް މެޗުގެ ފަހުކޮޅުގައި އިއްތިހާދުގެ މުހައްނަދު އަލް-ޝަންގީތީ ވަނީ ކައުންޓަ އެޓޭކުގައި ގޯލެއް ޖަހައި، އެ ޓީމަށް ފައިނަލުގެ ޖާގަ ޔަގީންކޮށްދީފަ އެވެ.
ސުޕަ ކަޕް ފައިނަލުގައި އިއްތިހާދުން އާދިއްތަ ދުވަހުގެރޭ ކުޅޭނީ އަލް ފައިހާއާ އެެވެ. ފައިހާ ވަނީ ސެމީ ފައިނަލުގައި އަލް-ހިލާލް އަތުން 1-0 އިން މޮޅުވެފަ އެވެ.
އަލް ނަސްރަށް މިހާތަނަށް ރޮނާލްޑޯ ކުޅުނު ދެ މެޗުގައި ވެސް އަދި ގޯލެއް ނުޖެހެ އެވެ. ރޮނާލްޑޯ ބަދަލުވި ފަހުން، އަލް ނަސްރު ކުޅުނު ފުރަތަމަ ދެ މެޗުގައި އޭނާ ހުރީ ސަސްޕެންޝަނެއްގަ އެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނުއިރު ދިމާވި ޑިސިޕްލިން މައްސަލައަކާ ހެދި ދިން އަދަބެއް ތަންފީޒްކުރަން ޖެހުމުންނެވެ.












