ރިޔާދު، ސައުދި އަރަބިއްޔާ (ޖެނުއަރީ 23) - ދުނިޔޭގެ ރެކޯޑު މުސާރައަކަށް ސައުދީ ޕްރޯ ލީގުގެ އަލް ނަސްރާ ގުޅުނު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކުލަބަށް ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.
އަހަރެއްގެ ތެރޭ 200 މިލިއަން ޑޮލަރު ލިބޭ ކޮންޓްރެކްޓެއްގައި ރޮނާލްޑޯ އަލް ނަސްރާ ގުޅުނީ އާ އަހަރު ފެށުމުގެ ކުރިންނެވެ. އެ ކުލަބުގެ ސަޕޯޓަރުންގެ ކުރިމަތީގައި އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު އަލް ނަސްރުން ކާމިޔާބުކުރީ އަލް އިއްތިފާގްއާ ވާދަކޮށް 1-0 އިންނެވެ.
ތޭވީސް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގެ ހަމައެކަނި ގޯލު އަލް ނަސްރަށް ފުރަތަމަ ހާފުގައި ޖަހައިދިނީ އެންޑަސަން ޓަލިސްކާ އެވެ. ކުރިން ބެންފީކާ އަށް ކުޅުނު އެންޑަސަން ޓަލިސްކާ އަކީ 12 ގޯލާ އެކު ސައުދީ ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ.
ރޮނާލްޑޯ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މެޗުގައި ގޯލު ޖަހާނެ ހުސް ފުރުސަތުތަކެއް އޭނާ އަށް ނުލިބެ އެވެ. އޭރިއާ ބޭރުން ރޮނާލްޑޯ ފޮނުވާލި ތިން ހަމަލާއެއް އަލް އިއްތިފާގުގެ ކުޅުންތެރިން ބްލޮކް ކުރިއިރު، ރޮނާލްޑޯ ފޮނުވާލި ހިލޭ ޖެހުމެއް ހުރަސް ދަނޑިމަތިން ބޭރަށްވެސް ދިޔަ އެވެ.
ރޮނާލްޑޯ އަލް ނަސްރަށް ސޮއިކުރުމަށް ފަހު އެ ޓީމު ރޭގެ މެޗުގެ ކުރިން ދެ މެޗެއްވެސް ކުޅުނެވެ. އެކަމަކު، އެ ދެމެޗުގައި އޭނާ އަށް ނުކުޅެވުނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނުއިރު އޭނާ އަށް އައިސްފައިވާ ސަސްޕެންޝަނެއްގެ ސަބަބުންނެވެ.
ރޭގެ މެޗުގެ ކުރިން ރޮނާލްޑޯ ސައުދީ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗަކީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި ރިޔާދު ސީޒަން ޓީމު ވާދަކުރި މެޗެވެ. އެ މެޗުން ރިޔާދު ޓީމް 4-5 އިން ބަލިވި ނަމަވެސް ރޮނާލްޑޯ ދެ ގޯލު ޖެހި އެވެ.
އަލް ނަސްރަށް ރޮނާލްޑޯ ކުޅޭ ދެ ވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު އެ ޓީމު ނުކުންނާނީ އަލް އިއްތިހާދާ ދެކޮޅަށެވެ. މިއީ ސައުދީ ސުޕަ ކަޕް ސެމީ ފައިނަލް މެޗެކެވެ.
ލީގުގައި މިވަގުތު އަލް ނަސްރު އޮތީ 14 މެޗުން 33 ޕޮއިންޓް ހޯދައިގެން އެއް ވަނައިގަ އެވެ. ދެ ވަނައިގައި 15 މެޗުން 32 ޕޮއިންޓް ހޯދައިގެން އަލް ހިލާލް އޮތްއިރު، ތިން ވަނައިގައި އޮތީ 14 މެޗުން 31 ޕޮއިންޓް ލިބިފައި އޮތް އަލް އިއްތިހާދު އެވެ.












