އިގުތިސާދީ ކާރިސާގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ހާލުގައި އުޅެމުން އަންނަ ސްރީލަންކާގައި ވަޒީފާ ލިބޭނެ ކަމަށް ބުނެ އެތައް ސަތޭކަ ބަޔަކަށް މަކަރު ހަދައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ޕޯސްޓެއްގައި ބުނީ ލަންކާ ރައްޔިތުންނަށް ތުރުކީއިން ވަޒީފާ ލިބޭނެ ކަމަށާއި ކޮލޮމްބޯގެ ޖޭއާރް ޖަޔަވަރްދެނަ ސެންޓަރަށް ގޮސް އިންޓަވިއުގައި ބައިވެރިވުމުން ވަޒީފާ ކަށަވަރުވާނެ ކަމަށެވެ.
އެ ޕޯސްޓު ފެނި ލަންކާގެ އެކި ހިސާބުތަކުން ބުދަ ދުވަހު އެތައް ސަތޭކަ މީހުން ކޮލޮމްބޯގެ އެ ސެންޓަރަށް ޖަމާވި އެވެ. މީހުންތައް ޖަމާވި ފަހުން، ސޯޝަލް މީޑިއާގައި ދައުރުވީ ފޭކު ޕޯސްޓެއްކަން އެނގުނެވެ.

ނޫސްތަކުން ބުނާ ގޮތުގައި އެ ތަން ހަލަބޮލިވެ ހަމަނުޖެހުމަށް މަގުފަހިވެ ފުލުހުން ހަރަކާތްތެރިވާން ޖެހުނެވެ. ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގެއް ފަށައިފަ އެވެ.
ކޮލޮމްބޯގައި ހުންނަ ތުރުކީ އެމްބަސީއިން ބުނީ އެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ސޯޝަލް މީޑިއާގައި ދައުރު ކުރަމުން ދިޔައީ ހަގީގަތެއް ނެތް ޕޯސްޓެއް ކަމަށެވެ.










