ހޮނިހިރު ދުވަހު ރަޝިއާއިން ފުރައިގެން އިންޑިއާއަށް ދަތުރުކުރަމުން ދިޔަ އަޒޫރް އެއާގެ ބޯޓެއްގައި ބޮމެއް އޮތް ކަމަށް ބުނެ އީމެއިލް ލިބުނު އިންޒާރަކާ ގުޅިގެން އެ ބޯޑު އުޒްބެކިސްތާނަށް ޑައިވާޓްކޮށްފި އެވެ.
ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ ބޯޓުގައި ތިބީ 238 ޕަސެންޖަރުން ކަމަށެވެ. އޭގެ ތެރޭގައި ދެ ކުޑަަކުދިން ހިމެނެ އެވެ. ކްރޫ މެމްބަރުންގެ ގޮތުގައި ތިބީ ހަތް މީހުންނެވެ.
ބޮމުގެ އިންޒާރު ލިބުނީ ދަންވަރު 12:30 ގައި ގޯއާގައި ހުންނަ ޑަބޮލިމް އެއާޕޯޓުގެ ޑިރެކްޓަރަށެވެ. ރިޕޯޓުތައް ބުނާ ގޮތުން ބޯޓު ޑައިވާޓްކުރީ އިންޑިއާގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިންނެވެ.
ބޯޓު ފުރީ ރަޝިއާގެ ޕާމް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ތާވަލުކޮށްފައި އޮތީ ފަތިހު 04:15 ގައި ގޯއާގެ އެއާޕޯޓަށް ތިރިކުރާ ގޮތަށެވެ.
އިންޑިއާގެ ނޫސްތަކުން ބުނީ ރަޝިއާއިން ފުރި ބޯޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރު ޖެނުއަރީ 10 ވަނަ ދުވަހު ވެސް ލިބުނު ކަމަށެވެ.
އެ ފަހަރު ވެސް އަޒޫރް އެއާގެ ބޯޓެއް މޮސްކޯއިން ފުރައިގެން ގޯއާއަށް ދަތުރު ކުރަނިކޮށް އިންޒާރު ލިބުމުން އެމެޖެންސީގައި ޖެއްސީ ގުޖަރާތުގައި ހުންނަ އިންޑިއާ ވައިގެ ސިފައިންގެ މަރުކަޒަކަށެވެ.
ބޮން އޮތް ކަމަށް ބުނެ އިންޒާރު ދޭ މައްސަލަތައް އިތުރު ވާތީ އިންޑިއާގެ ކަމާ ބެހޭ އިދާރާތަކުން ދަނީ އެކަންކަން ތަހުގީގު ކުރަމުންނެވެ.










